ބީއެމްއެލްގެ ކާޑުގެ މައުލޫމާތު ލީކުވި މައްސަލަ ބަލަން އެސްއޯއީ ކޮމިޓީން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކެއްގެ މައުލޫމާތު ޑާކްވެބުގައި ލީކު ކުރި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ފާސްކޮށްފި އެވެ.


ބީއެމްއެލްގެ 350 ކާޑެއްގެ މައުލޫމާތު ޑާކްވެބުގައި ލީކުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބީއެމްއެލުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ބޭންކުން ބުނީ އެ މައުލޫމާތު ލިބުމާ އެކު ކާޑުތައް ބްލޮކްކޮށް، އާ ކާޑުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ކާޑުތަކުގެ މައުލޫމާތު ލީކުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ބީއެމްއެލަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް ކާޑުގެ މައުލޫމާތު ލީކުވީ ބީއެމްއެލްގެ ތެރެއިން ނޫން ކަމަށް ބޭންކުން ބުންޏެވެ. ބީއެމްއެލުން ބުނި ގޮތުގައި ކާޑުގެ މައުލޫމާތު ލީކުވެފައިވަނީ "އީ-ކޮމާސް މާޗެންޓެއް" ގެ ފަރާތުންނެވެ.

މާޗެންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ވެސް ބީއެމްއެލުން ވަނީ ދީފަ އެވެ.

މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގެ 30 ވަނަ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ މި މައްސަލަ ބެލުމުގެ ބޭނުމަކީ މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް ބޭންކުން އަޅާނެ ފިޔަވަޅުތައް ބެލުން ކަމަށެވެ.