ފޯނުގެ ވިޔަފާރީގައި ވާވޭ އިން ސެމްސަންގް ވައްޓާލައިފި

ސްމާޓް ފޯނުގެ ވިޔަފާރީގެ ރޭހުގައި ފުރަތަމަ ފަހަރަށް ދެކުނު ކޮރެއާގެ ސެމްސަންގް ފަހަތަށް ޖައްސާލައި، ޗައިނާގެ ވާވޭ ކުރި ހޯދައިފި އެވެ.


ވާވޭގެ މި ކާމިޔާބީ އަކީ އެމެރިކާ ފަދަ ގައުމުތަކުން އެ ކުންފުންޏަށް ކުރާ ތުރާތަކާ އެކު ވެސް ކުންފުނީގެ ވަރުގަދަކަން ދައްކުވައިދޭ ކަމެކެވެ. އަދި މިއީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސްމާޓްފޯނުގެ ވިޔަފާރީގެ ރޭހުގެ އެންމެ ކުރިއަށް އަރަން ވާވޭ އިން ފެށީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

ކައުންޓަޕޮއިންޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕްރީލް މަހުގެ ތެރޭގައި ކުންފުނީގެ އުފެއްދުންތެރިކަން 19 ޕަސަންޓް މައްޗަށް ޖައްސާލައިފަ އެވެ. ސެމްސަންގްގެ އުފެއްދުންތެރިކަން އެޕްރީލް މަހާ ހަމައަށް އައި އިރު ހުރީ ވާވޭ އަށް ވުރެ ދެ ޕަސަންޓް ދަށްކޮށެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފޯނުގެ ވިޔަފާރީގައި ސެމްސެންގަށް ވުރެ ކުރީގައި ވާވޭ އުޅުނު ނަމަވެސް، ދެވަނަ ކުއާޓަރަށް އެޅި އިރު، ދެ ކުންފުނީގެ އާމްދަނީ ދަށްވިކަމެއް ކަށަވަރެއް ނުވެ އެވެ. ނަމަވެސް ކޮވިޑް-19އާ ދިމާކޮށް ދެ ކުންފުނީގެ ވިޔަފާރި އަށް އަސަރުކޮށްފައިވެ އެވެ.

އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ދެ ކުންފުނީގެ މެދުގައި ހުރި ފަރަގަށް ބަލާއިރު ވާވޭ އޮތީ ސެމްސަންގަށް ވުރެ ތިން ޕަސެންޓް ފަހަތުގަ އެވެ. އެގޮތުން އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ސެމްސަންގްގެ ޝިޕްމަންޓްގެ ނިސްބަތް 20 ޕަސެންޓްގައި ހުރި އިރު، ވާވޭގެ ނިސްބަތް ހުރީ 17 ޕަސެންޓްގަ އެވެ. އެކަމަކު އެޕްރީލް މަހުގެ ތެރޭގައި ވާވޭ އިން ވަނީ ސެމްސަންގް ފަހަތަށް ޖައްސާލައިފަ އެވެ.

ފޯނުގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން އަންދާޒާކޮށްފައިވާ ގޮތުގައި ވާވޭގެ ވިޔަފާރި، ސެމްސަންގަށް ވުރެ މައްޗަށް ޖެހިލި އެއް ސަބަބަކަށް ޑޮމެސްޓިކް މާކެޓްގައި ކުންފުނީގެ ހިއްސާގެ އަގު އުފުލިގެން ދިއުން ހިމެނެ އެވެ.

ޗައިނާ ފާހަގަކުރެވިފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން އުފަންވެ އަދި އެ ބަލިމަޑުކަމުން އެންމެ އަވަހަށް އަރައި ގަނެ، އިގުތިސާދީ ހަރަކާތްތައް އެންމެ އަވަހަށް ފެށި ގައުމުގެ ގޮތުގަ އެވެ.

ރިސާޗް އެޓް ކައުންޓްޕޮއިންޓްގެ ވައިސް ޕްރެޒިޑެންޓް ނީލް ޝާހް ވިދާޅުވި ގޮތުގައި ޗައިނާގައި ވާވޭގެ މާކެޓް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ އިރު، ޑިމާންޑާއި ސަޕްލައި އަށް ބަލާ އިރު ވެސް ޗައިނާ މިހާރު އޮތީ އާންމު ހާލަތުގަ އެވެ. އަދި އޭގެ ފައިދާ ވާވޭ އަންނަނީ ލިބެމުންނެވެ.