ކޮވިޑް-19 އަށް ޓެސްޓުކުރާނީ ބަލީގެ އަލާމާތްތައް ފެންނަ ޓޫރިސްޓުން އެކަނި

ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އަންނަ ޓޫރިސްޓުންގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓުކުރާނީ އަލާމާތްތައް ފެންނަ ޓޫރިސްޓުން އެކަނި ކަމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.


އެ މިނިސްޓްރީން އާއްމުކުރި ޓޫރިޒަމް ގައިޑްލައިނުގައިވާ ގޮތުން ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ތިބެންޖެހޭނީ މާސްކު އަޅައިގެންނެވެ. އަދި ސްކްރީން ކުރާއިރު، ރޯގާ ޖެހިފައިވުމާއި ނޭވާލާން އުނދަގޫވުމާއި ކެއްސުން ފަދަ އަލާމާތްތައް ފެންނަ ނަމަ އެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޓެސްޓު ކުރާނެ އެވެ. މި ޓެސްޓުތަކަށް ހަރަދުކުރަން ޖެހޭނީ ޓޫރިސްޓު ނުވަތަ އެ ޓޫރިސްޓަކު ހުންނަ ފެސިލިޓީއަކުންނެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން ގްރޫޕަކާ އެކު އަންނަ ޓޫރިސްޓެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ މުޅި ގްރޫޕު ޓެސްޓު ކުރާނެ އެވެ. މި ޓެސްޓުތަކަށް ވެސް ހަަރަދު ކުރަން ޖެހޭނީ ޓޫރިސްޓު ނުވަތަ އެ ބަޔަކު ތިބޭ ފެސިލިޓީއަކުންނެވެ.

މީގެ އިތުރުން، ރާއްޖެ އަންނަ މީހުންގެ ރޭންޑަމް ޓެސްޓުތައް ވެސް ހަދާނެ އެވެ. މިއީ ސަރުކާރުން ހަރަދުކޮށްގެން ހަދާ ޓެސްޓްތަކެކެވެ.

އެއާޕޯޓުން ޓެސްޓުކުރާ ޓޫރިސްޓުންގެ ނަތީޖާ ލިބެންދެން ތިބެންޖެހޭނީ ޓްރާންސިޓް ފެސިލިޓީއެއްގައި އައިސޮލޭޓްވެގެންނެވެ. މީގެ ތެރެއިން އެއްވެސް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ ނަމަ އެމީހަކު ހުންނަ ރިސޯޓަކަށް ނުވަތަ ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ އިހުތިޔާރު އެ ރިސޯޓަކަށް ލިބޭނެ އެވެ. ނަމަވެސް ޕޮޒިޓިވްވި މީހާ ހުންނަން ޖެހޭނީ އެޗްޕީއޭ އިން ވަކި ގޮތެއް ނިންމަންދެން އެކަހެރި ކޮށްފަ އެވެ.

ރިސޯޓުތަކުގައި އެކަހެރި ކޮށްފައި ތިބޭ ޓޫރިސްޓުންނަށް ހިދުމަތް ދޭން ތިބެން ޖެހޭނީ ވީހާ ވެސް މަދު ސްޓާފުން ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިނުގައި ވަނީ ބުނެފަ އެެވެ. ހިދުމަތް ދޭ ސްޓާފުން ތިބެން ޖެހޭނީ އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް ތަމްރީނުކޮށްފަ އެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ކިބައިން ކޮވިޑް-19ގެ އަލާމާތެއް ފެނިއްޖެ ނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން ވަގުތުން އަންގައި ޓެސްޓު ހަދަން ޖެހޭނެ އެވެ. އަދި ޕޮޒިޓިވް ވެއްޖެ ނަމަ އޭނާ ކަރަންޓީން ފެސިލިޓީއަކަށް ގެންދާނެ އެވެ. އެ މުވައްޒަފަކު ކަރަންޓީނުގައި ހުންނަ މުއްދަތުގައި ހަރަދުތައް ބަލަހައްޓަން ޖެހޭނީ ރިސޯޓުން ކަމަށް ވެސް ގައިޑްލައިނުގައި ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ޖުލައި 15 ގައި ހުޅުވަން ނިންމައި އެކަން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. އެ ދުވަހުން ފެށިގެން ރިސޯޓުތަކާއި ފަޅުރަށްރަށުގައި ހުންނަ ޓޫރިސްޓް ފެސިލިޓީތަކާއި މެރީނާތައް ހުޅުވާނެ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޓޫރިސްޓް ފެސިލިޓީތައް ހުޅުވާނީ އޮގަސްޓު 1 އިން ފެށިގެންނެވެ.