ރާއްޖެ އާއި ލަންކާގައި އައިއެފްސީން 175 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

ވޯލްޑް ބޭންކްގެ ދަށުން ހިންގާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ރާއްޖެ އާއި ސްރީ ލަންކާގެ އިގްތިސާދަށް 175 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.


ސްރީ ލަންކާގެ ކުންފުންޏެއް ކަމުގައި ޖޯން ކީލްސް ހޯލްޑިން (ޖޭކޭއެޗް) މެދުވެރިކޮށް ކުރާ މި އިންވެސްޓްމެންޓްގެ ދަށުން ސްރީލަންކާގައި ސުޕަމާކެޓް ޗެއިނެއް ފުޅާކުރުމާއި ރާއްޖޭގައި ޓޫރިސްޓް ހޮޓާތައް ތަރައްގީކުރުމަށް ނިންމާފައިވެ އެވެ. ޖޭކޭއެޗް ކުންފުންޏަކީ ތަފާތު އެކި ދާއިރާތަކުގެ ވިޔަފާރިތަކުގައި ލަންކާގައި ނަން މަޝްހޫރު ކުންފުންޏެކެވެ.

މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި އައިއެފްސީ މެދުވެރިކޮށް ރާއްޖޭގައި ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމެންޓެވެ. އަދި ލަންކާގައި މިދިޔަ 50 އަހަރު ތެރޭގައި އެ އިދާރާ އިން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓެވެ.

މި ޕްރޮޖެކްޓްތައް ހިންގާ ޖޭކޭއެޗްގެ ޗެއާމަން އަދި ސީއީއޯ ކްރިޝްނަން ބަލެންދްރާ ވިދާޅުވީ، މިހާލަތުގައި މާލީ އިދާރާ އައިއެފްސީއާ ގުޅިގެން މިފަދަ މަޝްރޫއުތަކެއް ހިންގުމުގެ ފުރުސަތު ލިބުމުން އެ ކުންފުނީގެ ގާބިލްކަން އިތުރަށް ދައްކުވައިދޭ ކަމަށެވެ.

މި ލިބުނު މާލީ އެހީއާ އެކު ކުރިއަށް އޮތް ފަސް ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ހޮޓާތައް އަޅާނެ އެވެ. އެ ހޮޓާތަކުގައި ހުންނާނީ ތިމާވެއްޓާ އެންމެ ރައްޓެހި ހިދުމަތްތަކާއި އާލާތްތަކެވެ.

މި އިންވެސްޓްމެންޓްގެ ދަށުން ސްރީ ލަންކާގެ ސިޓީ އޭރިއާތަކުގައި 100 އާ ސުޕަމާކެޓް ހުޅުވާނެ އެވެ. މިއާ އެކު އެ ގައުމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ މީހުންނާއި ދަނޑުވެރިން އުފައްދާ ތަކެތި ވިއްކާނެ އިތުރު ގޮތްތައް ފަހިވާނެ އެވެ.

އައިއެފްސީން ލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަމީނާ އާރިފް ވިދާޅުވީ، މި އިންވެސްޓްމެންޓްތަކާ އެކު ރާއްޖެ އާއި ސްރީ ލަންކާގައި ވަޒީފާތައް އިތުރުވާނެ ކަމަށެވެ. މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ދަތި ހާލަތުގައި އިގްތިސާދު ކުރިއަށް ގެންދިއުމަށް މީ ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.