ބިދޭސީންގެ ޑިޕޮސިޓްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އެބަހުރި

ބިދޭސީންގެ ޑިޕޮސިޓް ފައިސާ ވީނުވީތަނެއް ނޭނގި "ގެއްލިފައިވާ" ކަމަށް ބުނެ އާންމުން އުފައްދާފައިވާ ސުވާލަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޖަވާބު ދެއްވައިފި އެވެ.


"ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ދައުލަތުގެ ޕަބްލިކް ބޭންކްގައި އެބަހުރި،" މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

"އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށާއި އެ ފައިސާ އަށް ވީނުވީ ނޭނގޭ ކަމަށް ބުނެ ދައްކާ ވާހަކައިގައި ހަގީގަތެއް ނެތް."

ފައްޔާޒް ވިދާޅުވި ގޮތުގައި، ޑިޕޮސިޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހުރީ ބަރާބަރަށް ލިބިފަ އެވެ. އަދި ބިދޭސީން ގެނައުމުގައި ކޮރަޕްޝަން ހިންގާފައި ހުރީ ދައުލަތަށް ލިބެން ޖެހޭ އެއްޗެއް ގެއްލޭ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ޓޫރިސްޓް ވިސާގައި މީހުން އެތެރެކުރުމާއި އެ މީހުން ގެނައުމަށް ފަހު ދޫކޮށްލި މައްސަލަތައް މީގައި ގިނަވެފައި ހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރަށް ދައްކަން ޖެހޭ ޑިޕޮސިޓް ދައްކާފައި ހުންނަނީ. އޭގެ ބޭރުން ކޯޓާ ދިނުމާއި މިކަހަލަ އިޝޫތަކެއް މީގައި ހުރީ. ހުއްދަތައް ވެސް ހުންނަނީ ނަގަން ޖެހޭ ގޮތަށް ނަގާފައި."

ގަވައިދާހިލާފަށް އަދި އެއްވެސް ޑޮކިއުމެންޓެއް ނެތި އުޅޭ ބިދޭސީ ރާއްޖެއިން ފޮނުވާނުލެވިގެން އުޅެނީ އެ މީހުންގެ ޑިޕޮސިޓް ފައިސާ ނެތިގެން ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމުގައި އެހެން ބައިވަރު ސަބަބުތަކެއް ވެސް ހިމެނޭ ކަމަށެވެ. (އޭގެ ތަފުސީލު ރިޕޯޓެއް މާދަމާގެ ނޫހުގައި ގެނެސްދޭނަމެވެ.)

ޑިޕޮސިޓް ފައިސާ ނެތް ކަމަށް އާންމުން ތުހުމަތު ކުރާ މައިގަނޑު ދެ ސަބަބަކީ، ބިދޭސީން ފޮނުވާލުމަށް ފަހު ޑިޕޮސިޓް ފައިސާ ހޯދަން ކަމާ ބެހޭ ފަރާތްތަކުގައި އެދުމުންް އެ ފައިސާ ނުލިބުމާއި ގަވައިދާހިލާފަށް އުޅޭ ބިދޭސީންްނަށް ޓިކެޓް ނަގާފައި ފޮނުވާނުލެވޭ މައްސަލައިގަ އެވެ.

"މިހާރު ވެސް އަޅުގަނޑުމެން އެ މީހުންް އަނބުރާ ގައުމަށް ފޮނުވަމުން މި ގެންދަނީ ހަމަ އެ މީހުން ޑިޕޮސިޓްގައި ބެހެއްޓި ފައިސާއިން. އެކަމަކު އެ ފައިސާ އަކީ ގަނޑުކޮށް ހުރި ފައިސާ. އޮޅުންތައް ވަރަށް ގިނަ. ދެން އެ ވިދާޅުވާ ޑިޕޮސިޓް ފައިސާ ނުލިބޭ މައްސަލަ... އެ ފައިސާ ދޫކޮށްފައި އޮތީ ކޮން ބައެއްކަން ދޫނުކުރެވި އޮތީ ކޮން ބަޔަކަށް ކަން ވެސް ދެނެގަންނަން މިހާރު އުނދަގޫ. އެހެންވެ އެކަންކަން ވަރަށް ބޮޑަށް ސާފުކުރަމުންް މިދަނީ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބިދޭސީން ގެނައުމުގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ ސަބަބުން ސަރުކާރަށް މިހާރު އޮތީ ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހިފަ އެވެ. ބައި ލައްކަ އަށް ވުރެ ގިނަ ގަވައިދާހިލާފު ބިދޭސީން ތިބިއިރު އޭގެތެރެއިން ހާހަކަށް ވުރެ ގިނަ ބިދޭސީންނަށް ދައުލަތުން ވަނީ ތިބޭނެ ތަން ހަމަޖައްސައިދީފަ އެވެ. އެ މީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދީފައި ވަނީ ރެޑް ކްރެސެންޓުންނެވެ.