ބައިނަލްއަގުވާމީ އެއާލައިންތަކަށް އެމްއޭސީއެލުން ޑިސްކައުންޓު ދެނީ

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ބައިނަލްއަގުވާމީ އެއާލައިންތަކަށް އެމްއޭސީއެލުން ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.


އެމްއޭސީއެލުން ބުނީ މި ޑިސްކައުންޓަކީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން ރާއްޖެ އަށް އަންނަ އެއާލައިންތައް އިތުރު ކުރުމަށް ދޭ ޑިސްކައުންޓެއް ކަމަށެވެ. މީގެ ސަބަބުން އެ އެއާލައިންތަކުން އަންނަ ޓޫރިސްޓުން އިތުރުވެ ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮންނަތާ ތިން މަސް ދުވަސް ވެފައިވާއިރު އޭގެ ސަބަބުން އިގްތިސާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރު ވަނީ ކޮށްފަ އެވެ. މިކަން ހައްލު ކުރުމަށް ސަރުކާރުން ވަނީ ޖުލައި 15ގައި ބޯޑަރު ހުޅުވައި ޓޫރިޒަމް އިންޑަސްޓްރީ އަލުން ފަށަން ނިންމައިފަ އެވެ.

ބޭރުގެ އެއާލައިންތަކަށް އެމްއޭސީއެލުން ޑިސްކައުންޓު ދޭން ނިންމާފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން، ޖުލައި 15އިން އޮގަސްޓު 31އާ ހަމައަށް އޮޕަރޭޝަން ފަށާ އެއާލައިންތަކަށް ގްރައުންޑް ހޭންޑްލިން އާއި ލޭންޑިން އާއި ނެވިގޭޝަން އަދި ޕާކިން ޗާޖުން 100 ޕަސެންޓު ޑިސްކައުންޓު ދޭން ވަނީ ނިންމައިފަ އެވެ. އަދި ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 27 އަށް އޮޕަރޭޝަން ފަށާ އެއާލައިންތަކަށް 75 ޕަސެންޓު ޑިސްކައުންޓު ދޭން ނިންމާފައިވާއިރު އޮކްޓޯބަރު 28 އިން ފެށިގެން އޮޕަރޭޝަން ފަށާ އެއާލައިންތަކަށް 50 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން އޭވިއޭޝަން ދާއިރާ އަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"ކޮވިޑް-19 ފެތުރުމާ ގުޅިގެން އުދުހުންތައް ހުއްޓިފައި އޮތުމުން އޭވިއޭޝަން ދާއިރާ އަށް އަންނަނީ ވަރަށް ބޮޑަށް އަސަރު ކުރަމުން. އަޅުގަނޑުމެންގެ މައިގަނޑު ރޯލަކީ އެއާ ޓްރާންސްޕޯޓު ކަމަށްވުމުން ވީހާ ވެސް އަވަހަށް ދަތުރު ފަށަން މަސައްކަތް ކުރަމުން މިދަނީ،" މޫސާ ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާއިރު މިހާތަނަށް ބައިލްއަގުވާމީ 10 އެއާލައިނަކުން ޖާގަ ހޯދަން އެދިފައިވާ ކަމަށް ވެސް މޫސާ ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވިދާޅުވެފަ އެވެ.