ބާކީ ދެ ދުވަސް، ކުލި ފަސްކުރިކަން ރިސޯޓުތަކަށް އަދިވެސް ނާންގާ!

ކުރިއަށް އޮތް ހަ މަހު ރިސޯޓްތަކުގެ ކުލި ފަސްކޮށްދިނުމަށް ސަރުކާރުން އިއުލާނު ކުރި ނަމަވެސް އެކަން ރަސްމީކޮށް ރިސޯޓުތަކަށް ނާންގާތީ ބައެއް ރިސޯޓުތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. މި އަހަރުގެ ދެ ވަނަ ކުއާޓަރުގެ ކުލި ދެއްކުމުގެ އެންމެ ފަހު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.


ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކަށް ދިމާވެފައިވާ މާލީ އުނދަގޫ ހާލަތުން އަރައިގަތުމުގައި ލުއި ގޮތްތަކެއް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ކުލި ދެއްކުން ފަސްކޮށްދިނުމަށް އިއުލާނުކޮށްފައި ވަނީ މިދިޔަ މަހު އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، މި އަހަރުގެ ދެ ވަނަ ކުއާޓާގެ ރިސޯޓު ކުލި މާދަމާ ނޫން އަނެއް ދުވަހުގެ ނިޔަލަށް ދައްކަން ޖެހޭ އިރު އެކަން ފަސްކޮށްދިންކަން ރަސްމީ ސިފައެއްގައި ރިސޯޓުތަކަށް އަންގާފައެއް ނުވެ އެވެ. ރިސޯޓެއްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، މިކަން އޮޅުންފިލުވުމަށް ސަރުކާރު މެދުވެރިކޮށް މަސައްކަތް ކުރި ނަމަވެސް އެކަން އަދި އޮޅުންފިލާފައި ވެސް ނުވާ ކަމަށެވެ. އެހެންކަމުން ރިސޯޓުގެ ކުލި ދެއްކުން ނުވަތަ ނުދެއްކުން އޮތީ އޮޅުން ބޮޅުމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ކަންކަން ރަސްމީކޮށް ރިސޯޓުތަކަށް އަންގަން ޖެހޭނެ. އެއީ ކޮންޓްރެކްޓެއް މެދުވެރިކޮށް މިފަދަ ކުލިތައް ދެއްކުމަށް އެއްބަސްވެފައި އޮންނަނީ. އަނެއްކޮޅުން މިއީ ނުދައްކައިފި ނަމަ ބޮޑު ޖޫރިމަނާއެއް ވެސް އަރާ ފަދަ ކުލިތައް،" އޭނާ ވިދާޅުވި އެވެ.

ރިސޯޓުތަކުން ދައްކަން ޖެހޭ ކުލި ބިނާ ވަނީ އެ ރިސޯޓެއްގެ ބޮޑުމިނަށެވެ. އެހެންވެ އެކި ރިސޯޓުތަކުން ދައްކަން ޖެހޭނީ ކުލީގެ ގޮތުގައި އެކި ވަރެވެ.

ރިސޯޓުތަކުން ކުލި އަބަދުވެސް ދައްކަން ޖެހޭނީ ކުރިއަށް އޮންނަ ތިން މަހަށް އެއްކޮށެވެ. އެގޮތުން މިމަހުގެ 30 ވަނަ ދުވަހު ދައްކާނީ ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށްވާ ރިސޯޓު ކުއްޔެވެ. ރިސޯޓުގެ ކުލި ނުދައްކައިފި ނަމަ އަހަރަކަށް ޖޫރިމަނާގެ ގޮތުގައި ކުލީގެ 75 ޕަސެންޓް އިތުރުވާނެ އެވެ.

ވަކީލު ވިދާޅުވި ގޮތުގައި، އެގްރީމެންޓަށް އެމެންޑްތަކެއް ގެންނަން ވަގުތު ނަގާ އިރު، ކޮންމެވެސް ސިފައެއްގައި މިކަން ލިޔުމަކުން ވެސް ރިސޯޓުތަކަށް ސަރުކާރުން އަންގަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ގާނޫނީ ގޮތުން މައްސަލަތަކެއް ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ވެސް ބޮޑު ހިއްސާއެއްވާ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ކުރިއަށް އޮތް ހަ މަހު ފައިސާ ނުލިބޭ ނަމަ ސަރުކާރުގެ އާމްދަނީން 900 މިލިއަން ރުފިޔާ އުނިވާނެ އެވެ. މިއަހަރުގެ ބަޖެޓުގައި ރިސޯޓު ކުލީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ރިސޯޓު ކުލީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެހެން ނަމަވެސް ކޮވިޑް-19 އާ އެކު މިއަހަރުގެ އިގްތިސާދީ މަންޒަރު މުޅިން މިވަނީ ބަދަލުވެފަ އެވެ.

ކުރިއަށް އޮތް ހަ މަހުގެ ރިސޯޓުކުލި ފަސްކޮށް ދިނުމުން، މިއަހަރު ބާކީ އޮތް ހަ މަހަށްވާ ކުލި ރިސޯޓުތަކުން ދެން ދައްކަން ޖެހޭނީ އަންނަ އަހަރު އެވެ.