ފަސްކޮށްފައިވާ ކުލި ރިސޯޓުތަކުން ދައްކާނީ އަންނަ އަހަރުގެ ޖޫން އިން ފެށިގެން: މިނިސްޓްރީ

މި އަހަރުގެ ބާކީ ހަ މަހަށް ފަސްކޮށްދީފައިވާ ރިސޯޓު ކުލި ދައްކަން ޖެހޭނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.


އެ މިނިސްޓްރީން ރޭ އާންމުކުރި ސާކިއުލާއެއްގައި އެހެން ބުނީ، އެކަން ރަސްމީކޮށް، ރިސޯޓުތަކަށް ނާންގާ ކަމަށް ބުނެ ބައެއް ތަންތަނުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެގޮތަށް ކަންބޮޑުވުން ފާޅުކުރީ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ކުލި ދައްކަން ޖެހޭ ސުންގަޑި މާދަމާ އަށް ހަމަވާތީ އެވެ.

މިކަމާ ގުޅޭ ގޮތުން، ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ ފަސްކުރާ، ރިސޯޓު ކުލި ދައްކާނީ އެއް އަހަރުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ. ތިން މަހުން އެއް މަހަށް ނަމަ ޖޫން 1، 2021 އިން ފެށިގެން ހަތަރު ކުއާޓަރަށް ބަހާލައިގެން ކުލި ދެއްކޭނެ އެވެ. ޖޫން މަހުގެ އިތުރުން އަންނަ އަހަރުގެ ސެޕްޓެމްބަރު 1 އާއި ޑިސެމްބަރު 1 އާއި މާޗު 1، 2022 ގައި މި އަހަރުގެ ފަހު ހަ މަހުގެ ރިސޯޓު ކުއްޔަށްވާ ފައިސާ ރިސޯޓުތަކުން ދެއްކުމުގެ ފުރުސަތު ސަރުކާރުން ވަނީ ދީފަ އެވެ.

އެކަމަކު، މަހުން މަހަށް ބަހާލައިގެން ވެސް ރިސޯޓުތަކަށް ކުލި ދެއްކޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އެހެން ކަމުން އަންނަ އަހަރުގެ ޖޫން އިން ފެށިގެން 12 މަސް ދުވަހަށް ކުލި ބަހައިލެވޭނެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، ކުލި ދެއްކުން ފަސްކޮށްދޭ މުއްދަތުގައި އެއްވެސް ޖޫރިމަނާއެއް ނާރާނެ އެވެ. ނަމަވެސް އަލުން ފައިސާ ދައްކަން ޖެހޭ މުއްދަތުގައި އެކަން ނުކޮށްފި ނަމަ ޖޫރިމަނާ އާއި އިންޓަރެސްޓް އަރާނެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކުލި ފަސްކޮށްދިނުމުގެ ސަބަބުން، ކުއްޔަށް ހިފާފައިވާ ފަރާތާއި ސަރުކާރާ އެކު ވެފައިވާ ކުލީގެ އެއްބަސްވުމެއް އިސްލާހު ކުރަން ޖެހޭ ނަމަ އެ ކަން ވެސް ކުރުމަށް އެދިފަ އެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ވެސް ބޮޑު ހިއްސާއެއްވާ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ކުރިއަށް އޮތް ހަ މަހު ފައިސާ ނުލިބޭ ނަމަ ސަރުކާރުގެ އާމްދަނީން 900 މިލިއަން ރުފިޔާ އުނިވާނެ އެވެ. މި އަހަރުގެ ބަޖެޓުގައި ރިސޯޓު ކުލީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ، ރިސޯޓު ކުލީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.