ކޮވިޑް-19ގެ ތެރޭ 61 ޕަސެންޓް ގޭބީސީގެ ކުލި ކުޑަކުރި

ކޮވިޑް-19 ގެ ސަބަބުން ކުރިމަތި ދަތިކަމުގެ ތެރޭގައި މާލޭގެ 61 ޕަސެންޓް ގޭބީސީގެ ކުލި ކުޑަ ކޮށްފައިވާ ކަމަށް ސީޑީއީ ކޮންސަލްޓެންސީގެ ސާވޭއަކުން ދައްކައިފި އެވެ.


"ހައުސިން ސަސްޓެއިނަބިލިޓީ އިން މާލެ ޕޯސްޓް ކޮވިޑް-19" ގެ ނަމުގައި ބޭއްވި ވެބިނާގައި ކޮންސަލްޓެސީ ފާމެއް ކަމަށްވާ ސީޑީއީ ކޮންސަލްޓެންސީން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުން ކޮށްފައިވާ ސާވޭގެ ނަތީޖާތައް ހާމަކޮށްފަ އެވެ. މި ސާވޭގައި މާލޭގެ 295 ގޭބީސީއަކުން ބައިވެރިވެފައިވެ އެވެ.

ސާވޭ އިން އެނގުނު ގޮތުގައި، ކޮވިޑް-19 ގެ ތެރޭ އެވްރެޖުކޮށް ކުލި ކުޑަކޮށްފައިވަނީ 18 ޕަސެންޓަށް ތިން މަސް ދުވަހުގެ މުއްދަތަށެވެ. އަދި ގިނަ ގޭބީސީތަކަކަށް ކުލި ދެއްކުމުގައި ލުއިތަކެއް ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސާވޭގައި ބައިވެރިވި 85 ޕަސެންޓް މީހުންގެ އާމްދަނީ އަށް ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ އިރު ގޭބީސީތަކުގެ 78 ޕަސެންޓް އާމްދަނީ އަށް ވަނީ އަސަރުކޮށްފަ އެވެ.

ވެބިނާގައި ބައިވެރިވެ ވަޑައިގެންނެވި ދަމާސްގެ ވެރިޔާ އަބްދުﷲ ސޯލިހު (ދަމާސް ސޯލިހު) މިކަމާ ގުޅޭ ގޮތުން ވިދާޅުވީ، ކޮވިޑް-19 ގެ ތެރޭ ކުލި ކުޑަކޮށްދިނީ ކުއްޔަށް އުޅޭ މީހުން އެ ތަންތަން ދޫކޮށް ދާނެތީ ނޫން ކަމަށާއި ކުއްޔަށް ދޭ މީހުންނަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހުރުމުން ކަމަށެވެ.

"މިސާލަކަށް އެ ބޭފުޅުންގެ ލޯނުތައް ވެސް އަދާކުރެވިފައި ހުރީ. އެ ބޭފުޅުންގެ އެ ކެޕޭސިޓީ ހުރީމަ އެގޮތަށް ދެއްވީ. ރެންޓް ރިޑަކްޝަން ނުދެއްވުނު ބޭފުޅުންނަކީ ބޭންކް ކޮމިޓްމެންޓްތަކާއި ލޯނުތައް އަދާ ނުކުރެވި ހުރި މީހުން،" އޭނާ ވިދާޅުވި އެވެ.

ބައެއް މީހުންނަކީ ކުލިން ލިބޭ އާމްދަނީއަކުން އުޅޭ މީހުން ކަމަށާއި އެފަދަ މީހުންނަށް މިހާލަތުގައި ކުލި ކުޑަކުރުމަށް ދަތިވި ކަމަށް އޭނާ ވިދާޅުވި އެވެ. ސޯލިހު ވިދާޅުވި، ކުރިއަށް އޮތް ދުވަސްތަކުގައި ވާނެ ގޮތް ނޭނގޭތީ، ކުލި ކުޑަ ކޮށްދިނުމުގައި ބެލީ ތިން މަހުން ތިން މަހުން ބަދަލުތައް ގެންނަން ކަމަށެވެ. އެގޮތުން ކުލި ކުޑަކޮށްދިން ގިނަ ބަޔަކު މިހާރު ޑިސެމްބަރު މަހާ ހަމަ އަށް ކުލި ކުޑަކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު މިކަމާ ގުޅޭ ގޮތުން ވިދާޅުވީ، އެޗްޑީސީގެ ހިންގުމުގެ ހަރަދުތައް ކުރަނީ ހުޅުމާލޭގައި ހުންނަ އެޕާޓްމެންޓަކާއި އިމާރާތްތަކުން ލިބޭ ކުލީގެ އާމްދަނީން ކަމަށެވެ. ނަމަވެސް މިހާލަތުގައި އާންމުންނަށް ލުއި ދިނުމުގެ ގޮތުން މެއި އަދި އޭޕްރީލް މަހުގެ ކުލީގެ 30 ޕަސެންޓް ފަސްކޮށްދިނުމަށް އެޗްޑީސީން ނިންމާފައިވެ އެވެ. އެޗްޑީސީން ގިނަ އަދަދެއްގެ ލޯނުތައް ބޭރުގެ ބޭންކްތަކުން ނަގާފައި ވުމުން، ފައިސާ އަނބުރާ ދެއްކުމުގައި ލުއިތަކެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބޭންކްތަކާ ވަކިވަކިން ވާހަކަދައްކައިގެން ލުއި ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބޭންކްތަކަށް ރިކުއެސްޓް ކޮށްގެން އަދިވެސް ލުޔެއް ލިބޭ ކަހަލަ ގޮތެއް ނުވޭ. އެކަމަކު ޖޫން މަހާއި ޖުލައި މަހު ވެސް 30 ޕަސެންޓް ޑިފާކޮށްފައި އިންނާނީ. އަނެއްކާ ވެސް ޖުލައި މަހު ލުއި ދިނުމާ މެދު ގޮތެއް ނިންމާނީ،" އޭނާ ވިދާޅުވި އެވެ.