ކޮމިއުނިޓީ ފަންޑުން ކުމުންދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ އެހީގެ ދަށުން ހދ. ކުމުންދޫގެ މަގުތަކުގައި ސޯލާ ބައްތި ހަރުކޮށްފި އެވެ.


ބޭންކުން ބުނީ ކުމުންދޫގައި ބައްތި ހަރު ކުރީ އަލަށް މީހުން އާބާދުވާ ސަރަހައްދުގެ ބޮޑުމަގުގައި ކަމަަށެވެ. މި ބައްތިތަކަކީ އަވިން ކަރަންޓު އުފައްދާ ބައްތިތަކެކެވެ. މީގެ ސަބަބުން އެ ރަށުގެ އިންޖީނުގެ އަށް ލޯޑު ކުޑަ ކުރުމަށް ކަރަންޓު ކަނޑާލާ ވަގުތުތަކުގައި ވެސް މަގުތައް އަލި ކުރެވޭނެ އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކަރަންޓް ލޯޑު ކުޑަކުރުމަށް މަގުބައްތިތައް ނިއްވާލަންޖެހި އެކަމުގެ ދަތި އުނދަގޫތަކާ ރައްޔިތުން ތަހައްމަލްކުރަން ޖެހޭކަމަށް އެ ރަށުގެ ކައުންސިލުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ބީއެމްއެލްގެ އެހީއާ އެކު ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓުގެ ސަބަބުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓަތަކަށް އަޅުގަނޑުމެން ނުހަނު ބޮޑު އިސްކަމެއްދެން. މި ޕްރޮޖެކްޓަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގުނު ތަފާތު ޕްރޮޖެކްޓެއް. ޕްރޮޖެކްޓްގެ ސަބަބުން ކުމުންދޫގެ ކަރަންޓް ގްރިޑަށް ލޯޑް ކުޑަވެ، ކަރަންޓަށް ކުރާ ހޭދައަށް ލުޔެއް ލިބޭނެ." ސައީދު ވިދާޅުވި އެވެ.

ބީއެމްއެލްގެ އެހީއާއެކު ކުމުންދޫގައި ސޯލާ ބައްތި ހަރުކޮށްފައިވާ މަގު--ފޮޓޯ:ބީއެމްއެލް

މި ޕްރޮޖެކްޓު ހިންގުމަށް އެދި ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ކުމުންދޫގެ އަމީން މުހައްމަދު އެވެ. އޭނާ ބުނިގޮތުގައި މި ޕްރޮޖެކްޓުގެ ސަބަބުން ކަރަންޓު ހޭދަ ކުރާ މިންވަރު 20 ޕަސެންޓު ކުޑަ ވާނެ އެވެ.

"އަޅުގަނޑުގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރިކުރުވާ އަދި އިތުބާރު އުފެއްދުން. މިހާ ފުރިހަމަ ކަމާއެކު މި ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލް އިން ވެދިން މާލީ އެހީތެރި ކަމަށާއި މި ރަށުގެ ރައްޔިތުން ދިން އެއްބާރުލުމާއި އެހީތެރިކަމަށް އަޅުގަނޑު ޝުކުރު ދަންނަވަން." އަމީން ބުންޏެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މި އަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހަން ބީއެމްއެލުން ވަނީ ނިންމައިފަ އެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެ އެވެ. ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފަ އެވެ.