ތިން މަހަށް ފަހު ކެފޭ/ރެސްޓޯރަންޓްތައް މާދަމާ ހުޅުވާލަނީ

ތިން މަހަށް ވުރެ ގިނަ ދުވަހު، މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ޑެލިވަރީ އާއި ޓޭކް އަވޭ ނޫން ހިދުމަތެއް ނުދީ ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، މާދަމާ އަލުން އާންމުންނަށް ހުޅުވާލަން، ހޮޓާ/ރެސްޓޯރެންޓް/ކެފޭތަކުން ތައްޔާރުވެއްޖެ އެވެ.


ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، މާލެ ސަރަހައްދުގައި ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަނަށް މީހުން ވަނުން މަނާކުރީ މާޗު 20 ގަ އެވެ. އޭގެ ފަހުން އެ ތަންތަނުން ދެމުން އަންނަނީ ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް އެކަންޏެވެ.

ނަމަވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލްވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހޮޓާ/ކެފޭ/ރެސްޓޯރަންޓްތައް މާދަމާ އާންމުންނަށް ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ.

އެޗުޕީއޭ އިން ބުނެފައިވާ ގޮތުގައި އެ ތަންތަން އާންމުންނަށް އަލުން ހުޅުވާލާ އިރު ކަސްޓަމަރުންނަށް ފަސޭހައިން އަތް ދޮވެ، އަތް ސެނިޓައިޒްކުރެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ އެވެ.

ބައެއް ތަންތަނުން މިހާރު ވެސް ވަނީ އެ އިންތިޒާމް ހަމަޖައްސައިފަ އެވެ. އެގޮތުން ކާނިވާ ސަރަހައްދުގައި ހިންގާ "ޑެކް"ގެ ދޮރުމަތީގައި އަތްދޮންނަން ތަށި ބަހައްޓާފައިވެ އެވެ. ހުޅުމާލޭ ފެރީ ޓާމިނަލް މަތީގައި ހިންގާ ސީހައުސް އިން ވެސް އެތަނުގެ ދޮރު ކުރިމަތީގައި ހޭންޑް ސެނިޓައިޒަރު ބަހައްޓައިފަ އެވެ.

ކާނިވާ ސަރަހައްދުގައި ހުންނަ ޑެކްގެ ދޮރު ކުރިމަތީގައި އަތް ދޮންނަ ތައްޓެއް ބަހައްޓާފައި -- ފޮޓޯ: މިހާރު

ގިނަ ތަންތަނުން މިހާރު އަންނަނީ ޑިސްއިންފެކްޓްކޮށް، އާ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

ފުޑް ކޯޓުގައި ހިންގާ ނައިސް އެންޑް ސްޕައިސް ރެސްޓޯރަންޓުގެ ޕާޗޭސިން މެނޭޖަރު ގުލާމްދަސްތަގީރު މުހައްމަދު ފާރޫގް ބުނީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަނެއް ކަމުން ކުރިން ވެސް ސާފުތާހިރުކަން ދަމަހައްޓަމުން އަންނަ ކަމަށެވެ. ނަމަވެސް މާދަމާ ހުޅުވުމުގެ ކުރިން ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"ކުރިން ވެސް ކޮންމެ ކަސްޓަމަރެއް ދިއުމުން ސާފުކުރަން. މިހާރު ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދޭނަން،" އޭނާ ބުންޏެވެ.

އެޗުޕީއޭގެ އުސޫލުތައް ބުނާ ގޮތުން ނިއު ނޯމަލްގައި ހޮޓާ/ކެރޭ/ރެސްޓޯރަންޓްތަކުގައި ކަސްޓަމަރުންނަށް ގައިދުރުކޮށްގެން ތިބެވޭނެ ގޮތް ހަމަޖައްސަން ޖެހެ އެވެ. އެހެންކަމުން ގިނަ ތަންތަނުގެ މޭޒުތައް ވަނީ ކުރިއަށް ވުރެ ދެ ބައި ކުޅަ އެއްބަޔަށް މަދުކޮށްފަ އެވެ.

ސީ ހައުސްގެ ބައެއް މޭޒުތަކުގައި ޕްލާސްޓިކް ޕާޓިޝަން ވެސް ވަނީ ޖަހައިފަ އެވެ.

ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސް ޑިސްއިިންފެކްޓް ކުރަނީ -- ފޮޓޯ: މިހާރު

ޑެކް އިން ވާހަކަ ދެއްކި މީހަކު ބުނީ ކޮވިޑް-19އާ ގުޅިގެން ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ފަސޭހައިން ފޯރުކޮށްދޭން އިސްކަންދެ އެވެ. އެގޮތުން ޑެކްގެ ތިރީ ބައި މިހާރު ބަދަލުކޮށްފައި ވަނީ އޯޑަރުތައް ނަގަން ކޯލް ސެންޓަރެއްގެ ގޮތުގަ އެވެ. އެހެންކަމުން އާންމުންނަށް ވަދެވޭނީ ފުރަތަމަ އަދި ދެ ވަނަ ބުރިއަށެވެ.

ލޯކަލް މާރުކޭޓު ވެސް މާދަމާ އާންމުންނަށް ހުޅުވާނެ އެވެ. އެތަނުގެ ތެރޭގައި ވަނީ ގައިދުރުކޮށް ތިބެވޭނެ ގޮތަށް ތިން ފޫޓު ދުރުމިނުގައި ނިޝާން ޖަހައިފަ އެވެ.

މާރުކޭޓުގައި ގޮޅިއެއް ހިންގާ އަހުމަދު ޝާކިރު ބުނީ ވިއްކަން ހުންނަ އެއްޗެހީގައި ކަސްޓަމަރުން އަތްލުން މަދުކުރާނެ ކަމަށެވެ. އެގޮތުން އަތްލާ ތަކެތި ގަންނަން ޖެހޭނެ ގޮތް ހަދާނެ ކަމަށް އޭނާ ބުންޏެވެ.