މަކުނު ލައްވާ ރުކުއަޅާތީ ތައިލެންޑް ކާށީގެ އުފެއްދުންތައް ޔޫކޭގައި ބޮއިކޮޓްކުރަން ފަށައިފި

ތައިލެންޑުން ކާށި އެކްސްޕޯޓްކުރަނީ ރާމާމަކުނު ރުކަށް އަރުވައިގެން އެސޮރުމެން ލައްވާ ރުކުއަޅައިގެން ކަމަށް، ޖަނަވާރުންގެ ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާ ޕީޕަލް ފޯ އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް (ޕީޓާ) ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ތައިލެންޑްގެ ކާށިން އުފައްދާ ތަކެތި އިނގިރޭސިވިލާތުގެ ބޮޑެތި ބައެއް ސުޕަމާކެޓް ޗެއިންތަކުން ވިއްކުން ހުއްޓާލައިިފި އެވެ.


އޭގެ ތެރޭގައި ވެއިޓްރޯޒާއި ޓެސްކޯ އާއި އޮކާޑޯ އަސްޑާ އާއި ކޯ-އޮޕް އަދި ބޫޓްސް ފަދަ ކުންފުނިތައް ހިނެމެ އެވެ. އެ ކުންފުނުތަކުން ތައިލެންޑްގެ ކާއްޓާއި ކުރުނބާ ބޭނުންކޮށްގެން އުފައްދާ ތަކެތި ވިއްކުން ހުއްޓާލައި، އެ ތަންތަނުގެ ސްޓޮކްގައި ހުތި އެއްޗެހި ވެސް ވަނީ ނަގައިފަ އެވެ.

އެ ކުންފުނިތަކުން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ތައިލެންޑްގެ ކާއްޓާއި ކުރުނބާ ފަދަ އެއްޗެހިން އުފައްދާ އެއްވެސް އެއްޗެއްގެ ވިޔަފާރިއެއް ނުކުރާނެ އެވެ. މިކަމާ ގުޅިގެން ޕީޓާ ޔޫކޭ އިން ވަނީ އެ ނިންމުންތަކަށް މަރުހަބާ ވެސް ކިޔައިފަ އެވެ.

ކުންފުނިތަކުން މިގޮތަށް ނިންމި އިރު، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ބައިވެރިޔާ ކެރީ ސައިމަންޑްސް ވެސް ވަނީ އެ ގައުމުގެ ހުރިހާ ސުޕަމާކެޓްތަކުން ތައިލެންޑް ކާށީގެ އުފެއްދުންތައް ބޮއިކޮޓްކުރަން ގޮވާލައިފަ އެވެ.

ޕީޓާ އިން ބުނިގޮތުގައި ތައިލެންޑްގެ ކާށި އިންޑަސްޓްރީން ދަނީ ރާމާނުކުގެ ހައްގުތަކަށް އަރައިގަނެ، ވަރަށް އިހާނެތިކޮށް އެ އެއްޗެހި ލައްވައި މަސައްކަތްކުރުވަމުންނެވެ. އެ ޖަމިއްޔާ އިން ސިފަކުރި ގޮތުގައި ދަނޑުތަކުގައި މަކުނުތައް ގެންގުޅެނީ "ރުކުއަޅާ މެޝިނެއް" ގެ ގޮތުގަ އެވެ.

އެގޮތުން ގިނަ އަދަދެއްގެ މަކުނު ޖަންގަލިތަކުން ހިފައި ހައްޔަރުކޮށް، ރުކުއަޅަން ތަމްރީންކޮށްފައިވާ ކަމަށް ބުންޏެވެ. އަދި އެފަދަ މަކުނުތައް ގެންގުޅެނީ ޗޭނު ޖަހައިގެން ކޮށިތަކުގައި ބަންދުކޮށްގެންނާއި ބޮޑެތި ޓަޔަރު ފަދަ އެއްޗެހީގައި އައްސައިގެން ކަމަށް ބުންޏެވެ.

ޕީޓާ އިން ބުނި ގޮތުގައި ރުކުއަޅަން ތަމްރީނުކޮށްގެން ތައިލެންޑްގެ ރުއް ދަނޑުތަކުން ދުވާލެއްގެ މައްޗަށް ހާހެއްހާ ކާށި އަޅުވަ އެވެ. އެ މަސައްކަތް އިންސާނުން ކުރާ ނަމަ ދުވާލެއްގެ މައްޗަށް ދަނޑަކުން އެޅޭނީ 80 ކާއްޓެވެ.

"ހަމައެކަނި ރުކުއަޅަން އެކަންޏެއް ނޫން، ޓޫރިސްޓުންގެ ސަމާލުކަން ހޯދައި އާމްދަނީ ހޯދުމުގެ ގޮތުން ވެސް މަކުނުތަކަށް ބާސްކެޓް ބޯޅަ ކުޅޭށާއި ބައިސްކަލް ދުއްވަން ދަސްކޮށް ދިނުން ކަހަލަ ކަންކަން ވެސް ތައިލެންޑްގައި ދަނީ ކުރަމުން،" ޕީޓާ އިން ބުންޏެވެ. "މިފަދަ ކަންކަމަކީ ޖަނަވާރުންގެ ހައްގުތަކަށް އަރައިގަތުން."

ޕީޓާގެ ޑިރެކްޓަރު އެލިސާ އެލެން ވިދާޅުވި ގޮތުގައި މަކުނުތައް ހިފައި ހައްޔަރުކޮށް، އެ އެއްޗިހި ލައްވައި ގަދަކަމުން މަސައްކަތްކުރުވުމަކީ ވަރަށް ދަށް ފެންވަރުގެ ކަމެކެވެ.

"އެއީ އެސޮރުމެންނަން މިނިވަންކަމާ އެކު ދިރިއުޅެން ލިބިފައި އޮތް ހައްގު ނިގުޅައިގަތުން. އެހެންވެ އަހަރެމެންގެ އާދޭހަކީ މަނުކުތައް ލޭބަރުންނަށް ހަދައިގެން ކުރާ މަސައްކަތްތަކަށް އެއްވެސް ބަޔަކު ހިތްވަރު ނުދިނުން." އޭނާ ވިދާޅުވި އެވެ.