ލުއި ދިން ލިސްޓުގައި ރާއްޖެ ނުހިމެނުނީ މިންގަޑަށް ނުފެތޭތީ: އިނގިރޭސި ވިލާތް

ކޮވިޑް-19 އާ ގުޅިގެން، އިނގިރޭސި ވިލާތުން ލުއި ދިން ގައުމުތަލުގެ ތެރޭގައި ރާއްޖެ ނުހިމެނުނީ އެ ގައުމުން ކަނޑައަޅާފައިވާ މިންގަޑަށް ނުފެތޭތީ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ކާރޮލް ރޮސްލާ މިއަދު ވިދާޅުވެއްޖެ އެވެ.


ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އިން ކޮވިޑް-19އާ ދެކޮޅަށް ކުރަމުން އަންނަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ. އެހެންވެ، އިނގިރޭސި ވިލާތުން ކަނޑައަޅާފައިވާ މިންގަނޑަށް ރާއްޖެ ވެސް މާ ގިނަ ދުވަސްތަކެއް ނުވެ ފެތޭނެ ކަމަށް ހައި ކޮމިޝަނަރު އުންމީދު ކުރައްވަ އެވެ.

ނަމަވެސް އެ މިންގަޑުތައް ހައި ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.

އިނގިރޭސި ވިލާތުން ލުއިދިން ގައުމުތަކުގެ ތެރޭގައި އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ދާއިރާގެ މަގުބޫލު ބައެއް ގައުމުތަކާ އެކު 59 ގައުމެއް ހިމެނެ އެވެ. އެހެންކަމުން މި ގައުމުތަކުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިނގިރޭސި ވިލާތަށް ދާ މީހުން ކަރަންޓީނުގައި ތިބޭކަށް ނުޖެހޭނެ އެވެ.

އިނގިރޭސި ހައި ކޮމިޝަނަރު ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ޓޫރިޒަމްގެ ދާއިރާ އިން އިނގިރޭސި ވިލާތަށް ވަރަށް މުހިންމު ގައުމެކެވެ. ރާއްޖެއިން ކޮވިޑް-19 އަށް މިހާރު ޕޮޒިޓިވ ވާ މީހުންގެ އަދަދު ދަށްވެފައިވާއިރު، މި މަހުގެ 15 ގައި އަލުން ބޯޑަރު ހުޅުވާލި ނަމަވެސް އެ އަދަދު އިތުރު ނުވާނެ ކަމަށް އުއްްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ދުވަސްވަރު ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އަޅުގަނޑަށް ވަރަށް ގާތުން ވަނީ ފެނިފައި. ޕޮޒިޓިވްވި ޓޫރިސްޓުންގެ ޓެސްޓު ހެދުމާއި އެ މީހުން ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދަނީ ވަރަށް ފުރިހަމައަށް،" ހައި ކޮމިޝަނަރު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުން ލުއި ދިން ގައުމުތަލުގެ ތެރޭގައި ރާއްޖެ ނުހިމެނުމުން އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވާނެ ކަމަށް ލަފާކުރެވެ އެވެ. އެއީ އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން އެނބުރި ގައުމަށް ގޮސް 14 ދުވަސް ކަރަންޓީނުގައި ހޭދަކުރަން ޖެހޭނެތީ އެވެ. ނަމަވެސް އެ ގައުމުގެ ޓްރެވެލް އޭޖެންޓުން ބުނާ ގޮތުގައި މި އަހަރު އެ ގައުމުގެ އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަ ކުރަން ބޭނުން ވަނީ ރާއްޖޭގަ އެވެ.