ކޮވިޑް-19އާ ދެކޮޅަށް ކުރި ހޭދަ ބިލިއަނަކަށް އަރައިފި

ކޮވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް މިދިޔަ ހަފުތާގެ ނިޔަލަށް ކުރި ހަރަދު 1.028 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.


ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގެ ހަރަދުތަކުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް ކުރި ހަރަދު ވަނީ 5.4 ޕަސެންޓް އިތުރުވެފަ އެވެ. މި މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެގޮތުން އެ އިދާރާ އިން ކުރި ހަރަދު ވަނީ 13.3 ޕަސެންޓު އިތުރުވެފަ އެވެ.

ދެ ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީންނެވެ. މިދިޔަ ހަފުތާގައި އެ މިނިސްޓްރީން އެކި ރަށްތަކަށް ސާމާނު ފޯރުކޮށްދިނުމަށް 13.2 މިލިއަން ރުފިޔާ ހޭދަކުރި ކަމަށެވެ.

ރިޕޯޓުތައް ދައްކާގޮތުގައި ކޮވިޑް-19 ފެތުރޭތީ އެކަމާ ދެކޮޅަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ބައްޔަށް ޓެސްޓްކުރުމާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓަށާއި ބޭހަށެވެ. މީގެ އިތުރުން ވެންޓިލޭޓަރު ހޯދުމަށާއި އައިސޮލޭޝަން ފެސިލިޓީތަކަށާއި ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތައް ގާއިމުކޮށް ބެލެހެއްޓުމަށް ވެސް ބޮޑެތި ހޭދަތަކެއް ވަނީ ކޮށްފަ އެވެ.

އެ މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުގައި ކޮވިޑް-19އާ ގުޅޭ ކަންތައްތަކަށް ކުރި ހަރަދުގެ ތެރޭގައު އެކި ފަރާތްތަކަށް ދިން އެހީ 363.8 މިލިއަން ރުފިޔާއަށް އަރަ އެވެ. މި އެހީ އަކީ ލޮކްޑައުންއާ ގުޅިގެން އާއްމު ފަރުދުންނާއި ވިޔަފާރިތަކަށް ދިން ރިލީފް ޕެކޭޖުތަކެކެވެ.