ބީއެމްއެލްގެ ހިދުމަތްތަކަށް އޮންލައިންކޮށް މިހާރު ނަމްބަރު ނެގޭނެ

މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް އޮންލައިންކޮށް ނަންބަރު ނެގޭނެ އިންތިޒާމް ހަމަޖއްސައިފި އެވެ.


ބީއެމްއެލް އިން ބުނީ މި ބަދަލާ އެކު އެ ބޭންކުގެ ކަސްޓަމަރުންނަށް އޭޓީއެމް އަދި އޮންލައިންކޮށް ނުލިބޭ ހިދުމަތްތައް ހޯދުމަށް "ކިއުބީ" މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ޓޯކެން އަށް އެދެވޭނެ ކަމަށެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނީ ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށެވެ.

ގޫގަލް ޕްލޭއިންނާއި ޕްލޭސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭ މި އެޕލިކޭޝަނުގެ ޒަރީއާ އިން ނަންބަރު ނަގާފައި ތިބި މީހުންގެ އަދަދާއި ހިދުމަތް ދޭ ނަންބަރު ފެންނާނެ އެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މި ހިދުމަތްތަކުގެ ސަބަބުން ކަސްޓަމަރުންނާއިި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިން ހިދުމަތް ހޯއްދެވުމަށް. އޮންލައިން ކިއުގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަންޖެހޭ ކަސްޓަރުންނަށް ވަގުތު ސަލާމަތްކުރެވި، އަދި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ،" ޓިމް ވިދާޅުވި އެވެ.

ކިއުބީ މެދުވެރިކޮށް މެއިން ބްރާންޗާއި ކަސްޓަމާ ސަވިސް ސެންޓަރާއި، މާލޭ ބިޒްނަސް ސެންޓަރާއި، ބީއެމްއެލް އިސްލާމިކް ބްރާންޗް އަދި ހުޅުމާލެ ބްރާންޗާއި ވިލިމާލެ ބްރާންޗުގެ ހިދުމަތް ހޯދުމަށް ޓޯކެން ލިބޭނެ އެވެ. ބްރާންޗްތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަަމަރުންނަށް ބްރާންޗަށް ވަދެވޭނީ ހިދުމަތް ހޯދުމަށް އެޕް މެދުވެރިކޮށް ފެންނަ 'ވެއިޓިން ޕޮޒިޝަން' ގައި ދެ ކަސްޓަމަރުން މަޑުކޮށްގެން ތިބޭ ހާލަތުގަ އެވެ.

ބީއެމްއެލް އިން ދޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ އާންމު ފަރުދުންގެ އެކައުންޓް ހުޅުވާ ސެންޓަރާއި ލޯން ސެންޓަރުން ހިދުމަތް ހޯދުމަށާއި، ވިޔަފާރިތަކުން ބިޒްނަސް ސެންޓަރުން ލޯން އަދި އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އެހެންކަމުން މި ހިދުމަތްތަކަށް އެޕޮއިންޓްމަންޓަށް އެދި ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދެވެރިކޮށްގެންނެވެ.

އެޕޮއިންޓްމަންޓް އަދި އޮންލައިން ޓޯކަން އާ ނުލައި އުމުރުން ދުވަސްވީ ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުންނަށް ބްރާންޗްތަކުންނާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.