ގޯތިގެދޮރުގެ މާކެޓު ހުރި ގޮތް ބެލުމުގެ ދިރާސާއެއް ހަދަނީ

ގޯތިގެދޮރުގެ މާކެޓު ހުރި ގޮތް ދެނެގަތުމުގެ ދިރާސާއެއް ހެދުމުގެ އެއްބަސްވުމެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީީސީ) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ސޮއިކޮށްފި އެވެ.


"ހައުސިން މާކެޓް ސްޓަޑީ" ހެދުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އެމްއެންޔޫ އިން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހައުސިން މާކެޓް ސްޓަޑީގެ އިތުރަށް ވެސް އެހެން ބައެއް ދިރާސާތައް މި އެއްބަސްވުމުގެ ދަށުން ހަދާނެ ކަމަށެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި ބޯހިޔާވަހިކަމުގެ މައުލޫމާތު ހޯދައި މިކަމަށް މުވައްޒަފުން ތަމްރީނު ކުރުމާއި އެއާ ގުޅުން ހުރި އެކި ދިރާސާތައް ހެދުން ހިމެނެ އެވެ.

އެއްބަސްވުމުގެ ދަށުން ކުރާނެ ބައެއް ކަންކަން:

- ގެދޮރު ގަތުމާއި ކުލީގެ މިންގަޑު ކަނޑައެޅުމުގައި ބަލަން ޖެހޭނެ ކަންކަން ދިރާސާ ކުރުން.

- ފައިނޭންޝަލް ސެކްޓާގައި ލިއުިޑިޓީ ހުރި މިންވަރު ދިރާސާކުރުން.

- އިމާރާތްކުރަން ބޭނުންވާ ފައިސާ ހޯދުމުގައި ހުރި ދަތިތަކާއި އިމާރާތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހޯދައި ދިރާސާކުރުން.

- ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގައި ގާނޫނީ ގޮތުން ދިމާވާ ދަތިތައް ދެނެގަތުން.

- ސަރުކާރުގެ ބޯހިޔަވާހިކަމުގެ ސިޔާސަތުތައް ކަނޑައެޅުމަށް އިލްމީ ދިރާސާތަކުގެ އަލީގައި ލަފަ އާއި މަޝްވަރާ ދިނުން.

އެޗްޑީސީން ބުނީ މިފަދަ ދިރާސާތަކަކީ ސްމާޓް ސިޓީ ކޮންސެޕްޓް އިތުރަށް ފުރިހަމަ ކުރުމަށް މިބޭނެ ބާރެއް ކަމަށެވެ.

ހުޅުމާލޭގެ ހައުސިން ޔުނިޓްތަކުގެ ކަންކަން ބަލަހައްޓާ ބެލެނިވެރި ފަރާތް އެޗްޑީސީން ބުނީ ހުޅުމާލެ ތަރައްގީ ކުރުމުގައި އެކުލަވައިލާ ޕްރޮޑަކްޓްތަކަކީ އިލްމީ ހޯދުންތަކުގެ އަލީގައި ކުރާ ކަންކަމަށް ހެދުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.