އިނގިރޭސިވިލާތުގެ ފިހާރަތަކާއި ސުޕަމާކެޓްތަކުގައި މާސްކް އެޅުން މަޖުބޫރު

މާސްކް ނާޅާ ނަމަ ކަސްޓަމަރުން 100 ޕައުންޑުން ޖޫރިމަނާކުރާނެ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައި، އިނގިރޭސިވިލާތުގެ ފިހާރަތަކާއި ބޮޑެތި ސުޕަމާކެޓްތަކުގައި ފޭސް މާސްކް އެޅުން މަޖުބޫރުކުރަން ނިންމައިފި އެވެ.


މި އުސޫލަށް އެ ގައުމުން ރަސްމީކޮށް އަމަލުކުރަން ފަށާނީ މި މަހުގެ 24 އިން ފެށިގެންނެވެ. އެ ދުވަހު ފެށިގެން މާސްކް ނާޅައި، ފިހާރަތަކާއި ސުޕަމާކެޓްތަކަށް ވަންނަ މީހުން 100 ޕައުންޑް (126 ޑޮލަރު) އިން ޖޫރިމަނާ ވެސް ކުރާނެ އެވެ. ޖޫރިމަނާ ދައްކަން 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތުގެ ކުރިން ފައިސާ ދައްކައިފި ނަމަ ޖޫރިމަނާގެ އަދަދުން 50 ޕައުންޑަށް އުނިކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އަދި ފިހާރަތަކާއި ސުޕަމާކެޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ތިބެން ޖެހޭނީ މާސްކާ އެކު ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތައް ވެސް އަޅައިގެންނެވެ. މީގެ އިތުރުން އެފަދަ ތަންތަނަށް މާސްކް ނާޅާ ކަސްޓަމަރުން ވެއްދުމުގެ ހުއްދައެއް ވެސް ނޯންނާނެ އެވެ. އަދި މާސްކް އަޅަން ދެކޮޅު ހަދާ ނަމަ އެ ތަނަކުން ފުލުހުންނަށް ރިޕޯޓް ވެސް ކުރަން ޖެހޭނެ އެވެ.

އިނގިރޭސި ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވީ ފިހާރަތަކާއި ސުޕަމާކެޓް ފަދަ ތަންތަނަކީ އަބަދު ވެސް ވރަށް ގިނަ ބަޔަކު ޒިޔާރަތްކޮށް ގައިގޯޅިވުމަށް މަގުފަހިކޮށް ދޭ ތަންތަނަށްވާތީ އެފަދަ ތަންތަނުގައި މާސްކް މަޖުބޫރު އެއްޗަކަށް ހެދުމަކީ ކުރިއެކޭ އެއްގޮތަށް ވިޔަފާރިކުރަން ނުކުންނަ މީހުންނަށް ރައްކާތެރިކަން ލިބޭކަން ކަށަވަރުވާނެ ކަމެކެވެ.

"މާސްކަކީ ހަމައެކަނި ތިމާގެ ރައްކަލަކަށް ބޭނުންކުރެވޭ އެއްޗެއް ނޫން. މީގެ ސަބަބުން ތިމާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރާއި އެހެން މީހުންގެ ފަރާތުން ތިމާ އަށް ބަލިޖެހުމުގެ ފުރުސަތު ވެސް ކުޑަކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ. "އެހެންވެ މާސްކް އެޅުން ޕްރޮމޯޓްކުރުން ވަރަށް މުހިއްމު."

ފިހާރަތަކާއި ބޮޑެތި ސުޕަމާކެޓްތަކުގައި މާސްކް އެޅުން މަޖުބޫރުކުރަން ނިންމާފައިވާ އިރު އިނގިރޭސިވިލާތުގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ދޭ ތަންތަނާއި ސިއްހީ ހިދުމަތްތައް ދޭ ތަންތަނުގެ ހިދުމަތް ހޯދާ އިރު ވެސް މާސްކް އެޅުން މިދިޔަ މަހުގެ 15 ގައި ވަނީ މަޖުބޫރު ކަމަކަށް ހަދައިފަ އެވެ.

ނަމަވެސް އުމުރުން 11 އަހަރުގެ ދަށުގެ ކުދިންނާއި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީސްމީހުން މި އުސޫލުން އިސްތިސްނާވެ އެވެ.

ފިހާރަތަކާއި ސުޕަމާކެޡޓްތަކުގައި މާސްކް އެޅުން މަޖުބޫރިކުރި ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި އިޓަލީ އާއި ޖަރުމަނާއި ސްޕެއިންނާއި ސްކޮޓްލެންޑް ފަދަ ގައުމުތައް ހިމެނެ އެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަން އެންމެ ބޮޑު އެމެރިކާގައި ދަނީ މާސްކް އެޅުން ސިޔާސީ ކަމަކަށް ހަދަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ތަކުރާރުކޮށް ދޭ އިލްތިމާސަކީ މާސްކް އެޅުމެވެ.