ބޯޑަރު އަލުން ހުޅުވި ފުރަތަމަ ދުވަހު އެންމެ ގިނަ ޓޫރިސްޓުން އައީ ތުރުކީން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާ އެކު، ރާއްޖޭގެ ބޯޑަރު ހަތަރު މަހެއްހާ ދުވަހަށް ބަންދު ކުރުމަށް ފަހު، އިއްޔެ އަލުން ހުޅުވިއިރު އެންމެ ގިނަ ޓޫރިސްޓުން އައީ ތުރުކީން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.


އެ އިދާރާ އިން ރޭ ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން، ބޯޑަރު އަލުން ހުޅުވުމާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ހެނދުނު ފުރަތަމަ ޖެއްސި މަތިންދާބޯޓު ގަތަރު އެއާވޭސް އިން 212 މީހަކު ވަނީ އައިސްފަ އެވެ އޭގެ ތެރޭގައި ހިމެނެނީ 104 ޓޫރިސްޓަކާއި 65 ބިދޭސީ މަސައްކަތްތެރިންނާއި 38 ދިވެހިއްސަކު ކަމަށް އިމިގްރޭޝަނުން ބުންޏެވެ. "އެހެނިހެން" ކަންކަމުގައި ރާއްޖެ އަށް ޒިޔާރަތް ކުރި ފަސް މީހަކު ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ތުރުކީން 14 ޓޫރިސްޓަކު އިއްޔެ ރާއްޖެ އައިސްފައިވާއިރު، ދެވަނައިގައި އުޅެނީ އެމެރިކާ އެވެ. އެއީ 12 ޓޫރިސްޓުންނެވެ. ނެދަލެންޑްސްގެ ނުވަ ޓޫރިސްޓެއް، ޖަރުމަނުގެ އަށް ޓޫރިސްޓެއް، ސުވިޒަލެންޑުގެ ހަތް ޓޫރިސްޓަކު ރާއްޖެ އަށް އިއްޔެ އައިސްފައި ވެ އެވެ. އަދި "އެހެނިހެން" ގައުމުތަކަށް ނިސްބަތްވާ 54 ޓޫރިސްޓަކު ވެސް އައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިއަދުން ފެށިގެން އެމިރޭޓްސް އާއި ސްރީ ލަންކަން ގެ ދަތުރުތައް ވެސް ރާއްޖެ އަށް ފަށާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލާފައިވާއިރު މި އަހަރު 850،000 ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފަ އެވެ. ނަމަވެސް ބައެއް ގައުމުތަކުގެ ބޯޑަރު އަދިވެސް ނުހުޅުވާތީ ޓޫރިޒަމް ރަނގަޅުވާން ދެތިން މަސް ނަގާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރެ އެވެ.