ބޯޑަރު ހުޅުވި ފަހުން ރާއްޖެ އައީ 443 ޓޫރިސްޓުން

ރާއްޖޭގެ ބޯޑަރު މިދިޔަ ބުދަ ދުވަހު އަލުން ހުޅުވި ފަހުން، މިދިޔަ ފަސް ދުވަސް ތެރޭގައި އައީ 443 ޓޫރިސްޓުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.


އެ އިދާރާ އިން ބުނީ، މި މަހުގެ 15 ގައި ބޯޑަރު އަލުން ހުޅުވި ފަހުން، އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އައީ އެމެރިކާ އިން ކަމަށެވެ. އެންމެ ގިނައިން ޓޫރިސްޓުން އައި ސަރަހައްދަކީ ޔޫރަޕެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާ އެކު، ބޭރުގެ އެއާލައިންތަކުން އަންނަނީ ދަތުރުތައް ފަށަމުންނެވެ. މިދިޔަ ހަފުތާގައި ގަތަރު އެއާވޭސް އާއި އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް އަދި ސްރީ ލަންކަން އިން ވަނީ ޕެސެންޖާ ދަތުރުތައް ފަށައިފަ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މާޗް 27 ގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާ އިންނެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑް-19 ފެތުރުން އަދިވެސް އެއްކޮށް ކޮންޓްރޯލް ނުކުރެވޭތީ ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އެކަމަކު، ޗައިނާގެ ޓޫރިސްޓުން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޓޫރިސްޓުން ގެނައުމަށް އެކުލަވާލާފައިވާ ގައިޑްލައިންގައި ބުނެފައިވާ ގޮތުން، ރާއްޖެ އަށް އަންނަ ޓޫރިސްޓުން ކަރަންޓީނެއް ނުކުރާނެ އެވެ. ކޮވިޑް-19 އަށް ޓެސްޓު ކުރާނީ ވައިރަސްގެ އެއްވެސް އަލާމާތެއް ފެންނަ ޓޫރިސްޓުން އެކަންޏެވެ. އެއްވެސް ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ނަމަ އެ މީހެއްގެ ހަރަދުތައް ބަލަހައްޓަން ޖެހޭނީ އެ ޓޫރިސްޓު ފެސިލިޓީއަކުންނެވެ.

ރާއްޖެ އަށް މިދިޔަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު. މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން އައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން ޓޫރިސްޓުންގެ އަދަދު 850،000 އަށް މަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.