ދީބާޖާ އަށް ބަދަލު ނުދޭން އޮޑިޓަ ޖެނެރަލް އަންގައިފި

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި ވިޔަސް، އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އަންގަވައިފި އެވެ.


މި ސަރުކާރު ވެރިކަމަށް ގެނައުމުގައި އެކި ގޮތްގޮތުން އެހީތެރިވި ބައެއްގެ މަސްލަހަތު އޮންނަ ދީބާޖާ އަށް ފައިސާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ، އެ ކުންފުންޏާ އެކު، ސަރުކާރުން އުފައްދާފައިވާ ސެޓްލްމެންޓް ކޮމިޓީން ކުރި މަޝްވަރާތަކަށް ފަހު އެ މަނިކުފާނަށް ލަފާ އެރުވުމުންނެވެ.

އެކަމަކު، ރައީސް ވަކި ހިސާބަކުން، ދީބާޖާ އަށް ބަދަލު ދޭންޖެހޭ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާ ކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް މި އަހަރުގެ ޖެނުއަރީ 22 ގައި އެންގެވި އެވެ. އެ އެންގެވުމާ އެކު، އެ މަހުގެ ފަހުކޮޅު ސުޕްރީމް ކޯޓަށް ހުށަހަޅުއްވައި، އެ ކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ މާޗު މަހުގެ ކުރީކޮޅު ބަލައިގަނެފަ އެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި އޭގެ ފަހުން އަދި ކުރިއަކަށް ނުދެ އެވެ.

ދީބާޖާ އަށް ބަދަލުދިނުމާ ގުޅޭ މައްސަލަތައް ބެލުމަށް ފަހު، އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ރިޕޯޓްގައި ބުނީ އެ ކުންފުންޏާ އެކު، ފެބްރުއަރީ 1، 2010 ގައި ސަރުކާރުން ހެދި އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ އެއްބަސްވުން، ޓްރާންސްޕޯޓް މިނިސްޓްރީން މެއި 30، 2013 ގައި ބާތިލް ކޮށްފައި ވަނީ ދީބާޖާ އިން އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ނުދޭތީ ކަމަށެވެ.

"ފެރީ ދަތުރުފަތުރުތައް އައުމާއި އަދި އެއްބަސްވުމާ އެއްގޮތަށް އަލުން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން ދިން މުއްދަތުގެ ތެރޭގައި ވެސް އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދީފައި ނުވޭ. އެ އެއްބަސްވުމުގެ ބައެއް ކަމުގައިވާ އާރްއެފްޕީގެ 6.32.1 ވަނަ މާއްދާގެ "ޑީ" ގެ ދަށުން އެ އެއްބަސްވުން ބާތިލްކުރުމަށް ސަރުކާރަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް ވާތީ، ދަތުރުފަތުރުގެ އެއްބަސްވުން އުވާލުމާ ގުޅިގެން ދީބާޖާ އިންވެސްޓްމެންޓް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދިނުމަށް ދަންނަވަން،" އޮޑިޓް ރިޕޯޓުގައި ސަރުކާރަށް އަންގާފައި ވެ އެވެ.

ދީބާޖާ އާއެކު ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ރ. ކުޑަކުރަތު ދޫކޮށްފައިވަނީ، ހިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުން ކަމަށާއި އެ ރަށް ދިނީ ދަތުރުފަތުރުގެ އެއްބަސްވުން އުވައިލުމުން އެ ރަށް އަނބުރާ ސަރުކާރަށް ނެގޭ ގޮތަށް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ.

"ދަތުރުފަތުރުގެ އެއްބަސްވުން އުވާލެވޭއިރު އެ ރަށް އެހެން ފަރާތަކަށް ސަބްލީޒްކޮށްފައިވާ ނަމަ އެ ފަރާތަކާއެކު އަލުން ސަރުކާރުން އެއްބަސްވުން ހަދައިގެން ކުރިއަށް ގެންދާގޮތަށް ކަމަށް ވާތީ އާއި އަދި ދަތުރުފަތުރުގެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ގޮތުގެ މަތިން އެ ރަށް މިހާރު ވަނީ ސަބްލީސް ކުރި ފަރާތަށް ހެޑް ލީސް ބަދަލު ކުރެވިފައި ކަމަށް ވާތީ ދީބާޖާ އިން ހޯދުމަށް ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުވަތަ މާލީ ބަދަލެއް ނުދިނުމަށް ދަންނަވަން" އޮޑިޓް ރިޕޯޓްގައި ވެ އެވެ.

އެ ރިޕޯޓްގައި ބުނީ، ދަތުރުފަތުރުގެ ހިދުމަތް ފަދަ އާއްމު ހިދުމަތްތަކަށް ކްރޮސް ސަބްސިޑީޒްގެ ގޮތުގައި ޓޫރިސްޓް ރިސޯޓް ފަދަ ތަންތަން ތަރައްގީކޮށް ހިންގުމަށް ދޫކުރާ ފަޅު ރަށްރަށް ހޯދުމަށް ފަހު، ހިދުމަތްތައް ފޯރުކޮށްދިނުމާ ހަވާލުވާ ކުންފުނިން އެ ހިދުމަތްތައް ހުއްޓާލުމުން އާއްމު ރައްޔިތުންނަށް އޭގެ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންވެ، އާއްމު ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅުވައިގެން ޓޫރިސްޓް ރިސޯޓާއި ހޮޓާ ފަދަ ތަންތަން ތަރައްގީކޮށް ހިންގުމަށް ފަޅާއި ރަށްރަށް ދޫނުކުރުމަށް އޮޑިޓަ ޖެނެރަލް އަންގަވާފައ ވެ އެވެ.

ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް މީހުން ދިރިނޫޅޭ ރަށަކުން 15 ހެކްޓަރުގެ ބިން ދީބާޖާ އަށް ދިނުމަށް ހަމަޖައްސާފައިވީ ނަމަވެސް މެއި 5، 2010 ގައި ސޮއި ކުރި ލީސް އެގްރިމެންޓްގެ ދަށުން ދީބާޖާ އަށް ކުޑަކުރަތު ދޫކޮށްފައިވަނީ އެ ރަށުގެ މުޅި ބިމާއި ފަޅު ހިމެނޭ ގޮތަށް 37.6 ހެކްޓަރުގެ ބިން ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

ރިސޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގެ ދަށުން ދީބާޖާ އަށް ދިނުމަށް ކަނޑައެޅި ސައިޒަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ދޫކޮށްފައިވާތީ، މިއީ އެއްބަސްވުމުގައި ނުހިމެނޭ އިތުރު މަންފާތަކެއް ކަމަށް ތުހުމަތުކޮށް އެ ކަމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިމެނޭކަމަށް ބެލެވޭތީ މި މައްސަލަ ތަހުގީގު ކުރުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ އަންގަވައިފަ އެވެ.

މިއީ ކޮން މައްސަލައެއް؟

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރި އެވެ. ނަމަވެސް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމް ކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.

ދީބާޖާ އަށް ބަދަލު ނުދީ އޮތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް އެ މައްސަލަ ހުށަހަޅައި، މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން އޭރު ތުހުމަތު ކުރެއްވި އެވެ.

މި ތުހުމަތުތަކާ އެކު މާލިއްޔަތު ކޮމިޓީން މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައި ވަނީ ދީބާޖާ އަށް ބަދަލު ދިނުމުގެ މަސައްކަތް މަޑުޖައްސައިލުމަށް ފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމް މުރާޖައާ ކުރުމަށް ފޮނުވުމަށް އެޓާނީ ޖެނެރަލަށް ދެންނެވުމަށެވެ. ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މުރާޖައާ ކުރަން ސުޕްރީމް ކޯޓަށް އޭޖީ ވަނީ ހުށަހަޅުއްވައިފަ އެވެ. އަދ މައްސަލަ ބަލައިގަތުމަށް ވެސް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.

މަޖިލީހުން ދެން ނިންމީ، ދީބާޖާއާ އެކު ސަރުކާރުން ވި އެއްބަސްވުމާ ގުޅޭ ގޮތުން ހިނގާފައިވާ އެންމެހައި މުއާމަލާތްތައް ބަލައި ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލަށް ފޮނުވުމަށެވެ.

މާލިއްޔަތު ކޮމިޓީން މައްސަލަ ބަލައި ފާހަގަ ކުރި ކަންކަމުގެ ތެރޭގައި، ދީބާޖާއާ އެކު ސަރުކާރުންވި އެއްބަސްވުމުގައިވާ ފަދައިން ދަތުރުފަތުރުގެ ހިދުމަތްތައް ދިނުމުގައި ދީބާޖާ އިން އިހުމާލުވެފައިވުން ހިމެނެ އެެވެ. އަދި ދީބާޖާ އަށް ސަރުކާރުން ހަވާލު ކުރުމަށް އެއްބަސްވެފައިވާ 46 ބިމުގެ ތެރެއިން ހަވާލުކޮށްފައިވަނީ 26 ބިން ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިއީ ދައުލަތުން ދައްކަން ޖެހޭ އަދަދެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެފައި ވެ އެވެ. އެހެންވެ، އެ ހުކުމް މުރާޖައާ ކުރުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށާއި އޭރު އެކަން މަޑުޖައްސައިލެއްވީ އެ ކޯޓުގެ ފަނޑިޔާރުންނަށް ކުރެވުނު ރިޝްވަތުގެ ތުހުމަތުތަކާ ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު އައި ނަމަވެސް ބަންޑާރަ ނައިބުގެ ފަރާތުން އެ މައްސަލަ އަދިވެސް އިސްތިއުނާފު ކޮށްފައި ނުވާތީ ބައެއް ފަރާތްތަކުން ވަަރަށް ބޮޑަށް ފާޑުކި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ވެސް ހިމެނެ އެވެ.