މިއީ ޝިޕިން އެޖެންޓުންގެ "ލޫޓުވުމެއް"!

އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖެއަށް މުދާ ގެންނަ ބޯޓުފަހަރުގެ އެޖެންޓުން، ފީގެ އިތުރުން ވެސް އެކި ނަންނަމުގައި ފައިސާ ނެގުމުގެ މައްސަލަ މިހާރު މިވަނީ ދިވެހި ވިޔަފާރިވެރިންގެ ވަރަށް ބޮޑު ޝަކުވާއަކަށް ވެފަ އެވެ. ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ސިފަކުރާ ގޮތުގައި އެޖެންޓުން ނަގަމުން ގެންދަނީ "ނުހައްގު ފައިސާ" އެވެ.


"މިހާރު"އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ރާއްޖޭގައި ތިބި ޝިޕިންލައިންތަކުގެ އެޖެންޓުން އެކި ނަންމުގައި ފީ ނަގަނީ، ޝިޕިން ކުންފުނިތަކާއި ވިޔަފާރިވެރިންނާ ދެމެދު ވެފައި އޮންނަ އެއްބަސްވުމުގައި ދައްކަން ޖެހޭ ފައިސާގެ ބޭރުންނެވެ. އެހެންކަމުން އެއީ އެޖެންޓުންނަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް، ވިޔަފާރިވެރިން ދެކެ އެވެ.

ވިޔަފާރިވެރިންނާއި ޝިޕިން ކުންފުންޏާ ދެމެދު ވެފައި އޮންނަ އެއްބަސްވުމުގެ ދަށުން ކޮސްޓް އިންޝުއަރެންސް ފްރައިޓް (ސީއައިއެފް) ދައްކަން ޖެހެނީ ވިޔަފާރިވެރިންނެވެ. ސީއައިއެފް އަކީ ރާއްޖެއަށް މުދާ ގެނައުމާ ހަމައަށް ދާނެ ހުރިހާ ހަރަދަކަށް ބަލައި ޝިޕިން ކުންފުނިން ނަގާ ޖުމްލަ އަގެވެ. އޭގެ ބޭރުން އިތުރު ނަންނަމުގައި އެޖެންޓުން ތަފާތު ފީތައް ނެގުމަކީ އޮޅުވާލުމެއް ކަމަށް، ވިޔަފާރިވެރިން ގަބޫލުކުރެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބަސް ވެސް އެޖެންޓުން ނާހާ!

ރާއްޖެއަށް މުދާ ގެނެސް އެ މުދާ ކްލިއާކުރަން ބޭނުންވާ ޑެލިވަރީ އޯޑަރު (ޑީއޯ) ހައްދަން ވިޔަފާރިވެރިން އެންމެ ކުރިން ދައްކަމުން އައީ އެންމެ ފަސް ޑޮލަރު (77.1ރ.) އެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ އިމްޕޯޓު އިތުރުވާން ފެށުމާ އެކު އެ އަދަދު 50 ޑޮލަރު (771ރ.) އަށް ބޮޑުވި އެވެ.

ޑީއޯއަށް ދައްކާ ފައިސާގެ އިތުރުން ބައެއް ފަހަރަށް ހާހެއްހާ ޑޮލަރު ވެސް، އިތުރު ފީތަކުގެ ނަމުގައި ވިޔަފާރިވެރިޔާ ދައްކަން ޖެހެ އެވެ.

ޝިޕިން އޭޖެންޓުން އިމްޕޯޓަރުން އަތުން ނަގާ ބައެއް ފީތައް

ވިޔަފާރިވެރިން ބުނާ ގޮތުގައި އިތުރު ފީތައް ނަގާތީ ޝިޕިން އެޖެންޓުންނަށް އެ ޝަކުވާ ހުށައެޅި އެވެ. އެ ކުންފުނިތަކުން އެ މައްސަލަ ކަނޑާލަނީ އެމްޕީއެލްގެ ބޮލަށެވެ. އަނެއްކޮޅުން އިތުރު ފީތަކުގެ ހަގީގަތް ހޯދުމަކީ ވެސް އުނދަގޫ މައްސަލައެއް ކަމަށް، ވިޔަފާރިވެރިން ބުނެ އެވެ. އެއީ ޝިޕިންލައިންތަކުގެ އެޖެންޓުން އެކި ނަންނަމުގައި ކުންފުނިތައް ހަދައިގެން އުޅުމާއި، އެއް ކުންފުންޏަކާ ސުވާލެއްކުރުމުން، އެއީ މިވެނި ކުންފުންޏަކާ ބެހޭ ކަމެއް ކަމަށް ބުނެ، ވިޔަފާރިވެރިންނަށް "އޮޅުވާލުމެ"ވެ.

"އެއިން ތަނަކަށް ގޮސް ކީއްވެ ނަގާ ފީއެއްހޭ އަހައިފިއްޔާ ބުނާނެ ތިމަންނަމެންނާ ހަވާލުކުރި ކުންފުނިން ބުނެގެންނޭ. އެ ކުންފުންޏަށް ދިޔައިމަ ބުނާނެ އަނެއް ކުންފުނި ބުނެގެންނޭ. ދެން އެއްގޮތެއް ނެތިއްޔާ ބުނާނެ އެމްޕީއެލުންނޭ. ދުވަހަކު ވެސް އެކަށީގެންވާ ޖަވާބެއް ނުލިބޭ،" ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިޔަކު، ނަން ނުޖަހާ ގޮތަށް ވާހަކަދައްކަމުން، ބުންޏެވެ.

މި ޝަކުވާތަކާ ގުޅިގެން ސަރުކާރުން މިހާރު ވަނީ ހުރިހާ ޝިޕިން އޭޖެންޓުން ޓްރާންސްޕޯޓު އޮތޯރިޓީގައި ރަޖިސްޓްރީވުން މަޖުބޫރުކޮށްފަ އެވެ. އަދި އިތުރަށް ނަގާ ފީތަކުގެ ތަފްސީލު ވެސް އެ އޮތޯރިޓީއާ ހިއްސާ ކުރަން ވަނީ އަންގައިފަ އެވެ. ނަމަވެސް އެ ފީތަކަށް އަދިވެސް ބަދަލެއް ނުގެނެ އެވެ. އެ ފީތައް ނުނަގަން ޓްރާންސްޕޯޓް އޮތޯރިޓީން އެޖެންޓުންނަށް އަންގާފައި އޮތަސް، ވިޔަފާރިވެރިން ބުނާ ގޮތުގައި، އެމީހުން ދެނީ "ބީރުކަންފަތެކެ"ވެ.

އެޖެންޓުންނަށް ބާރު ލިބޭ ހުކުމެއް

އެކަމަކު އިތުރު ފީތަކެއް ނެގުމުގެ މައްސަލާގައި، އެޖެންޓުންނަށް ބާރު ލިބޭ ހުކުމެއް، ޖޫން 24، 2020 ގައި، ސިވިލް ކޯޓުން ކޮށްފައިވެ އެވެ. އެ ހުކުމް އައީ ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ލައިން ކަމަށްވާ މާސްކް ލައިންގެ އެޖެންޓެއް ކަމަށްވާ ކްލަރިއޯން މޯލްޑިވްސްއާ ދެކޮޅަށް، ލިއޯ ޓްރޭޑިން ހުށައެޅި މައްސަލައެއްގަ އެވެ.

ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގު އިއްވެވި ހުކުމުގައި ވިދާޅުވެފައި ވަނީ ލިއޯއިން ދައުވާކުރި ކަންކަން ސިވިލް ކޯޓުން ނުބެލޭނެ ކަމަށެވެ. އެގޮތަށް ނިންމެވީ ޝިޕިންލައިންގެ ބިލް އޮފް ލޭންޑިންގެ މާއްދާތަކާއި ޝަރުތުތަކުގެ ތެރެއިން 26 ވަނަ މާއްދާއަށް ބިނާކުރައްވާ ކަމަށް ވެސް، ހުކުމުގައިވެ އެވެ.

އެހެންކަމުން، އެޖެންޓުން ނަގާ ފީތަކަކީ، ޝިޕިންލައިންތަކުން ގެންގުޅޭ އުސޫލުތަކާ ގުޅޭ ކަމެއް ކަމަށް، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނެ އެވެ. ކަން މިހެން ހުރި ނަމަވެސް މުދާ އެތެރެކުރާ ބައެއް ވިަޔފާރިވެރިން އެކަން ގަބޫލެއް ނުކުރެ އެވެ.

ވިޔަފާރިވެރިން އެދެނީ އެކަން ހުއްޓުވަން

ރާއްޖެ އެތެރެކޮށްގެން ވިއްކާ ކޮންމެ މުދަލެއްގެ އަގު ވެސް ކަނޑައެޅެނީ، ވިޔަފާރިވެރިންގެ އަތަށް މުދާ އަރާ ހިސާބަށް ހިނގާ ހުރިހާ ހަރަދެއް ލައިގެންނެވެ. އެހެންކަމުން ރާއްޖެއަށް މުދާ އެތެރެކުރަން ވިޔަފާރިވެރިން ކުރާ ކޮންމެ ހޭދައެއް، އާންމުންގެ ޖީބަށް ވެސް ފޯރާނެ އެވެ. އެއީ މުދަލުގެ އަގު ބޮޑުވުމެވެ.

ވިޔަފާރިވެރިން ލަފާކުރާ ގޮތުގައި، ޝިޕިންލައިންތަކުގެ އެޖެންޓުންނަށް އިތުރު ފީތަކުގެ ނަމުގައި މަހަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ، ވިޔަފާރިވެރިން ދައްކަ އެވެ. އެހެންކަމުން އެއީ، ރާއްޖެއަށް މުދާ ގެންނަން ޝިޕިންލައިންތަކަށް ހޭދަކުރާ ފައިސާގެ އިތުރުން، ވިޔަފާރިވެރިންގެ އަތުން ދައްކަން ޖެހޭ ބައެކެވެ. އަދި އެ ހޭދަ މުދަލުގެ އަގަށް ވެސް އިތުރުވާނެ އެވެ.

ވިޔަފާރިވެރިޔަކަށް ޝިޕިން އެޖެންޓަކު ފޮނުވާފައި އޮތް ބިލެއް: އެޖެންޓުން ގެންދަނި އެކި ނަންނަމުގައި ފީތައް ނަގަމުން

"އަސްލު ވިޔަފާރިވެރިންގެ އަތުން އެކަންޏެއް ނޫން އެމީހުންނަށް މި ފައިސާ ނެގެނީ. އަޅުގަނޑުމެން ކިތަންމެ ބޭނުން ނުވިޔަސް މިހާ ބޮޑު ހަރަދެއް ކޮށްފައި މުދާ އެތެރެކުރުމުން ތަކެތީގެ އަގު ބޮޑުވޭ. އެހެންވީމާ އެއީ ރައްޔިތުންގެ އަތުން ދާ ފައިސާ ހަމަ،" ވިޔަފާރިވެރިޔަކު ބުންޏެވެ.

"އެއީ އަހަރުމެންނާ އެކު ރައްޔިތުން ވެސް ލޫޓުވަނީއޭ ބުނެވޭނީ."

ރާއްޖެއާ ހަމައަށް މުދާ ގެންނަން ބޯޓުފަހަރަށް ދައްކާ ފީގެ އިތުރުން ޝިޕިން އެޖެންޓުން ނަގާ ފީތަކަކީ ނުހައްގު އެއްޗެއް ކަމަށް ވިޔަފާރިވެރިން ގަބޫލުކުރި ނަމަވެސް އެ ފައިސާ ދައްކަން މަޖުބޫރުވެ އެވެ. ބަނދަރުން މުދާ ބޭރުކުރަން ބޭނުންވާ ޑީއޯ ނެތި، އެމްޕީއެލުން ވިޔަފާރިވެރިންނަށް މުދާ ދުލެއް ނުކުރާނެ އެވެ. ޑީއޯ ތައްޔާރުކުރަނީ ޝިޕިން އޭޖެންޓުން ކަމަށް ވާއިރު، އެމީހުން ބުނާ ފީތައް ނުދައްކައި، އެ ލިއުމެއް ނުލިބެ އެވެ. ޑީއޯ ނުލިބި ބަނދަރުގައި މުދާ ބަހައްޓާ ނަމަ، ޑެމަރޭޖް އަރައި، އެ ފައިސާ ވެސް އެންމެ ފަހުން ދައްކަން ޖެހޭނީ ވިޔަފާރިވެރިންނެވެ. އެހެންކަމުން މިއީ ސަރުކާރުން ވެސް ރަނގަޅަށް މީގެ ތެރެއަށް ވަދެ، ފިޔަވަޅު ނާޅާ ނަމަ ހައްލުވާން އޮތް މައްސަލައެއް ނޫންކަން އެނގެ އެވެ.

ރާއްޖޭގައި ޝިޕިން އެޖެންޓުންގެ ގޮތުގައި ގިނައިން މަސައްކަތްކުރަނީ ސްރީ ލަންކާ މީހުންނެވެ. އެހެންކަމުން ދިވެހި ވިޔަފާރިވެރިންގެ އަތުން އެކި ނަންނަމުގައި ފީތައް ނައިގެން އެ މީހުން ހޯދާ އާމްދަނީއަކީ ރާއްޖެއިން ބޭރުކުރާ ޑޮލަރެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ޑޮލަރު ލިބުން ތާށި މި ދުވަސްވަރު ބާޒާރުގެ އަގުތައް އިތުރަށް ބޮޑުވިޔަ ނުދިނުމަށްޓަކައި، ޝިޕިން އެޖެންޓުންގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވެ އެވެ. ނޫނީ ވިޔަފާވެރިން އަބަދުވެސް ތިބެން ޖެހޭނީ، އެޖެންޓުން ބުނާ ކޮންމެ ފީއެއް ދައްކާލަ ދައްކާލަ އެވެ.