އަންހެން ވެރިން ތިބޭ ކުންފުނިތަކުގެ ފައިދާ މާ ބޮޑު

އިސް ވެރިންގެ ގޮތުގައި އަންހެނުން ތިބޭ ކުންފުނިތަކުގެ އުފެއްދުންތެރިކަން މާ ބޮޑަށް ވެސް ރަނގަޅު ކަމަށާއި އެފަދަ ކުންފުނިތަކުގެ ފައިދާ ވެސް އެ ނޫން ކުންފުނިތަކާ އަޅާބަލާ އިރު 10 ގުނަ ރަނގަޅު ކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.


ދަ ޕައިޕްލައިނުން ނެރުނު "ވިމެން ކައުންޓް 2020 ރިޕޯޓް" އެކުލަވާލާފައި ވަނީ ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ލަންޑަނުގެ 350 ކުންފުންޏެއްގެ ހާލަތު ދެނެގަތުމަށް ފަހު އެވެ. އެގޮތުން ފާހަގަކުރެވުނު އެންމެ މުހިއްމު ކަމަކީ ކުންފުނިތަކުގެ އެކްޒެކެޓިވް ފެންވަރުގެ މަގާމުތަކުގައި ނުވަތަ ކަންކަން ނިންމޭ ފެންވަރުގެ މަގާމުތަކުގެ ތިންބައިކުޅަ އެއް ބަޔަކީ އަންހެނުން ނަމަ އެފަދަ ކުންފުނިތަކުގެ ފައިދާ އެ ނޫން ކުންފުނިތަކާ އަޅާބަލާ އިރު ބޮޑުކަމެވެ.

އެކަމަކު ފާހަގަކުރެވޭ ކަމަކީ 350 ކުންފުނީގެ ތެރެއިން ވެރިންގެ ފެންވަރުގައި މަސައްކަތްކުރާ އަންހެނުން ތިބި ކުންފުނިތައް ނިސްބަތުން ވަރަށް މަދުކަމެވެ. އެއީ އެންމެ 14 ކުންފުންޏެވެ. އަދި 15 ޕަސަންޓް ކުންފުނިތަކަކީ ކަންކަން ނިންމޭ ފެންވަރުގެ މަގާމެއްގައި އެންމެ އަންހެނަކު ވެސް ނެތް ކުންފުނިތަކެވެ.

ޕައިޕްލައިންގެ އެއް ބާނީ ލޯނާ ފިޓްޒްސައިމަންސް ވިދާޅުވި ގޮތުގައި ވެރިންގެ ފެންވަރުގައި އަންހެނުން ތިބޭ ނަމަ ކުންފުނިތައް ހިންގުން ބައްޓަންކުރަން ފަސޭހަވަ އެވެ.

"އެއާ އެކު ދެވޭ ހިދުމަތްތައް ރަނގަޅުވުމާއި ހިދުމަތްތައް ހޯދާ މީހުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކުރަން މަގުފަހިވޭ." އޭނާ ވިދާޅުވި އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެކްޒެކެޓިވް ފެންވަރުގެ މަގާމުތަކުގައި އަންހެނަކު ނެތް ކުންފުނިތަކަށް ބަލާ އިރު، އެ ކުންފުނިތަކުގެ އަހަރީ ފައިދާ އާންމުކޮށް އުޅެނީ 1.5 ޕަސެންޓްގަ އެވެ. އެކަމަކު އަންހެނުން ދައުރު ބޮޑު ކުންފުނިތަކުގެ އަހަރީ ފައިދާ އެވްރެޖްކޮށް 15.2 ޕަސެންޓަށް އަރާ ކަމަށް ބުންޏެވެ.

މީގެ އިތުރުން ލަންޑަނުގެ އެންމެ ވަރުގަދަ 100 ކުންފުންޏަށް ބަލާއިރު، ޗީފް ފައިނޭޝަނަލް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ތިބީ ކޮންމެ 10 ފިރިހެނުންގެ ތެރެއިން ދެ އަންހެނުންނެވެ. އަދި އިންވެސްޓްމަންޓް މެނޭޖަރުންގެ 96 ޕަސެންޓަކީ ފިރިހެނުންނެވެ.

ރިޕޯޓުން ދައްކާ ގޮތުގައި އަންހެނުންގެ ދައުރު އެކްޒެކެޓިވް ފެންވަރުގައި އެންމެ ކުޑަ ދާއިރާތަކަށް ބަލާ އިރު، އޭގެ ކުރީގައި އުޅެނީ އިމާރާތްކުރުމުގެ ދާއިރާ އާއި ރިޓެއިލް ވިޔަފާރީގެ ދާއިރާ އެވެ.

"އެކަމަކު ވަރަށް ފާހަގަކުރެވޭ ކަމެއް ރިޓެއިލް ވިޔަފާރީގެ އެންމެ އާދައިގެ ވަފީޒާތަކުގައި އުޅޭ އަންހެނުންގެ އަދަދު އިތުރުކަން. އެ ނިސްބަތް އަރާ އަށްޑިހަ ޕަސަންޓަށް އަރާ،" ލޯނާ ވިދާޅުވި އެވެ. "އެކަމަކު އެ ދާއިރާ އިން އެ މީހުންނަށް އެކްޒެކެޓިވް ލެވެލްއަކަށް ނުދެވޭ."

ޕައިޕްލައިންގެ ދިރާސާ ރިޕޯޓަށް ފަންނީ އެހީދެއްވި އިނގިރޭސިވިލާތުގެ ކުރީގެ އަންހެން ބޮޑުވަޒީރު ތެރީޒާ މޭ ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ ވެރިންގެ ފެންވަރުގައި އަންހެނުން ތިބުމުގެ މުހިއްމުކަން މިހާރު ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. އެހެންވެ ކުންފުނިތަކުގެ ބޯޑްގައި 10 ފިރިހެނުން ތިބޭ ނަމަ އެއީ އެފަދަ ކުންފުނިތަކުން މިހާރު ސީރިއަސްކޮށް ވިސްނަންވެއްޖެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މިއީ އެފަދަ ބޯޑްތަކުގައި ތިބޭ ފިރިހެނުން އެ މީހުންގެ އަންހެން ދަރިންނާއި ދަރިންގެ އަންހެން ދަރިން ކުރިއަށް ނެރުމާ ދޭތެރޭ ވިސްނަންވީ ވަގުތު." އޭނާ ވިދާޅުވި އެވެ.