ޓްރީ ޓޮޕުން ހިޔަރިން އެއިޑްގެ ހިދުމަތް ދެނީ

ހިޔަރިން އެއިޑް ޓްރަޔަލް އާއި ފިޓިން އަދި އެ ޕްރޮގްރާމްކޮށް ވިއްކުމުގެ ހިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަށައިފި އެވެ.


އަޑު އިވުމުގައި އުނިކަން ހުންނަ މީހުންނަށް ބޭނުންކުރާ ހިޔަރިން އެއިޑް އެންމެ ބޮޑަށް ބޭނުންވަނީ ސެންސަރީ ނިއުރަލް ހިޔަރިންގް ލޮސް ނުވަތަ އަޑުއިވުމާ ގުޅުން ހުރި ނާރުތަކުގެ އިހުސާސްކުރުމުގެ ބާރުދަށްވެފައި ހުންނަ މީހުންނަށެވެ. ސެންސަރީ ނިއުރަލް ހިޔަރިންގް ލޮސް އަކީ އެއްވެސް ބޭހަކުން ނުވަތަ އޮޕަރޭޝަނަކުން ރަނގަޅު ކުރެވޭ ކަމެއްނޫނެވެ.

ސެންސަރީ ނިއުރަލް ހިޔަރިންގް ލޮސް މެދުވެރިވަނީ ކަންފަތުގެ އެތެރޭގައިވާ ކުދިކުދި ހެޔާ ސެލްތައް ހަލާކުވުމުގެ ސަބަބުންނެވެ.

ހިޔަރިން އެއިޑްގައި ހިމެނެނީ މައިގަނޑުގޮތެއްގައި ތިން ބައެވެ. އެއީ މައިކްރޮފޯން، އެމްޕްލިފަޔަ އަދި ރިސީވަރެވެ. ހިޔަރިން އެއިޑްގައި ހިމެނޭ މައިކްރޮފޯންގެ ޒަރީއާއިން އަޑު ނަގައި އެ އަޑު އިތުރަށް ބާރުކޮށް އިލެކްޓްރިކަލް ސިގްނަލްގެ ގޮތުގައި އެމްޕްލިފަޔަ މެދުވެރިކޮށް ކަންފަތަށް ހިޔަރިން އެއިޑްގެ ރިސީވަރުން ފޮނުވައިދެ އެވެ.

ހިޔަރިން އެއިޑްގެ އެކި ވައްތަރުތައް ހުރެ އެވެ. މީގެ ތެރޭގައި ކަންފަތުގެ ބޭރުން އަދި އެތެރެއިން ލައްވާ ހިޔަރިން އެއިޑް ހިމެނެ އެވެ.

އަޑު އިވުމުގެ މިންވަރު އަންގައިދޭ އޯޑިއޮމެޓްރިކް ޓެސްޓްތައް ހެދުމަށްޓަކައި، މިކަމުގެ ހުނަރުވެރި އޯޑިއޮލޮޖިސްޓުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކަރުންމަތީގެ ހާއްސަ ޑޮކްޓަރެއްގެ ލަފާގެ މަތިން ހަރަކާތްތެރިވެ އެވެ. އަޑު އިވުމުގެ ޓެސްޓް ހެދުމަށް ފަހު އެ މީހާ އަށް އެންމެ އެކަށީގެންވާ ހިޔަރިން އެއިޑެއް ހިޔާރުކުރުމަށްޓަކައި އޯޑިއޮލޮޖިސްޓުން ލަފާދޭނެ އެވެ.

ހިޔަރިން އެއިޑްގެ މައިގަނޑު މަގްސަދަކީ އަޑު އިވުން ފުރިހަމަކުރުން ކަމުގައި ވީ ނަމަވެސް، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ބޭނުންތެރި އެތައް ބައިތަކެއް ހިޔަރިން އެއިޑްގައި ހިމެނެ އެވެ. މިގޮތުން، ފަސޭހައިން ޗާޖް ކުރެވޭ ވަސީލަތްތަކާއި، ބްލޫ ޓޫތު، ޓީވީ އަދި އެހެނިހެން ޑިވައިސްތަކަށް ކަނެކްޓް ކުރެވުމާއި އެކި ކަހަލަ މާހައުލުގެ އަޑުތައް ކެންސަލް ކުރެވޭ ގޮތް ހުރުން ހިމެނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އޯޑިއޮމެޓްރިކް ޓެސްޓް ހެދުމަށް ފަހު އެ މީހާގެ އަޑު އިވުމުގެ މިންވަރަށް ބިނާކޮށް އެންމެ އެކަށީގެންވާ ހިޔަރިން އެއިޑްތަކެއް ބަލި މީހާއަށް ހުށަހަޅަ އެވެ. އަދި އަޑުއިވުން އެންމެ ފުރިހަމަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ހިޔަރިން އެއިޑް ޓެސްޓް ކުރުމަށް ޓެސްޓް ފިޓިން ހަދައި ޕްރޮގްރާމް ކުރުމުގެ ހިދުމަތް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދެ އެވެ.