އެމެޒޯންގެ އިންޓަނެޓް ސެޓެލައިޓް ޕްރޮގްރާމަށް ހުއްދަ ދީފި

އިންޓަނެޓްގެ ހިދުމަތަށް ހާއްސަކޮށްގެން އެމެޒޯން ކުންފުނިން ކުރިއަށް ގެންދަން ނިންމާފައިވާ ސެޓެލައިޓް ޕްރޮގްރާމަށް އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަންސް (އެފްސީސީ) އިން ހުއްދަ ދީފަ އެވެ.


"ކްއިިޕާ ކޮންސަޓެލޭޝަން" ނަމުގައި އެމެޒޯނުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ދަށުން 3،236 ސެޓްލައިޓް ދުނިޔޭގެ އޯބިޓަށް ދޫކޮށްލަން ހަމަޖެހިފައިވެ އެވެ. މި މަޝްރޫއަށް ހުއްދަ ދީފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދާ ގޮތަށެވެ.

މިކަމަށް ތައްޔާރުކުރާ ސެޓްލައިޓްތަކުގެ މަސައްކަތް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ އެމެޒޯނުން މިހާރު ވެސް ފަށާފައިވާ އިރު ފުރަތަމަ ފިވަހީގެ ދަށުން 2026ގެ ކުރިން 578 ސެޓްލައިޓް ދޫކޮށްލަން ޖެހެ އެވެ. ބާކީ ހުރި ހުރި ސެޓެލައިޓްތައް ދެވަނަ ފިޔަވަހީގެ ދަށުން 2029 އާ ހަމައަށް އަންނަ އިރު ދޫކޮށްލަން ޖެހެ އެވެ.

އެމެޒޯނުން ބުނެފައިވާ ގޮތުގައި "ކްއިިޕާ ކޮންސަޓެލޭޝަން" ޕްރޮގްރާމް ވެގެން ދާނީ އިންޓަނެޓްގެ ހިދުމަތަށް އިންގިލާބެއް ގެނުވާނެ ވަރަށް މުހިއްމު ބޮޑު ވެމަޝްރޫއަކަށެ. މިކަމަށް އެ ކުންފުނިން ވަނީ 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ވެސް ނިންމައިފަ އެވެ.

"ކްއިިޕާ ކޮންސަޓެލޭޝަން" ޕްރޮގްރާމް ކުރިއަށް ގެންދާނީ ބެޒޯސްގެ ރޮކެޓް ކުންފުނި ބްލޫ އޮރިޖިންގެ ފަރާތުންނެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ޓާގެޓަކީ އިންޓަނެޓްގެ ހިދުމަތަށް ނުކުންނަ ބޮޑެތި ކުންފުނިތަކާ ވާދަކުރުމެވެ.

އޭގެ ތެރޭގައި އީލޮން މަސްކްގެ ސްޕޭސް އެކްސްގެ ދަށުން ކުރިއަށް ގެންދާ "ސްޓާލިންކް" ޕްރޮގްރާމް ހިމެނެ އެވެ. އެ ކުންފުންޏަށް އެފްސީސީން ހުއްދަ ދީފައި ވަނީ 12،000 ސެޓްލައިޓް ލޯންޗްކުރާށެވެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ "ވަންވެބް" އަކީ ވެސް މިފަދަ މަޝްރޫއަކަށް ފޫގަޅައިގެން އުޅޭ ކުންފުންޏެކެވެ. އެ ކުންފުންޏަށް 650 ސެޓެލައިޓް ލޯންޗްކުރުމުގެ ހުއްދަ ދީފައިވާ އިރު، މިހާރު 74 ސެޓެލައިޓެއް ވަނީ އޯބިޓަށް ދޫކޮށްލައިފަ އެވެ.

އެފްސީސީން އެމެޒޯންގެ "ކްއިިޕާ ކޮންސަޓެލޭޝަން" އަށް ހުއްދަ ދިން ނަމަވެސް މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މާ ބޮޑު ތަފުސީލުތަކެއް އަދި އެމެޒޯނުން ހާމައެއް ނުކުރެ އެވެ. އެކަމަކު އެކަމާ ބެހޭ ތަފުސީލީ ޕްލޭން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ދީފަ އެވެ.