އުރީދޫއަށް 15 އަހަރު: ހިދުމަތްތަކުގައި ދެވަނައެއް ނެތް

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދިނުމުގެ މުސްކުޅި ގޮތް ބަދަލުކޮށްލަދިނީ އޮގަސްޓް 1، 2005 ގައި ހިދުމަތް ދޭން ފެށި ވަތަނިއްޔާ އަދި މިހާރު ނަމަ އުރީދޫންނެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު އަތް ފޯރާ އަގުތަކުގައި އޭރު ހިދުމަތްތައް ތައާރަފްކުރި ވަތަނިއްޔާ 2013 ގައި އުރީދޫ މޯލްޑިވްސް އަށް ރީބްރޭންޑްކުރި އެވެ.


މިވީ 15 އަހަރުގެ ތެރޭ އުރީދޫން ރާއްޖޭގެ ޒަމާނީ މުވާސަލާތީ ހިދުމަތް ބަދަލުކޮށްލި އެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޒަމާނީ ޓެކްނޮލޮޖީތަކާ އެކު އަގު ހެޔޮ ހިދުމަތްތަކެއް ތައާރަފުކޮށްދިނުމެވެ.

ރާއްޖެއަށް 2008 ގައި 3ޖީ ހިދުމަތް ގެނެސްދިނުމަކީ އުރީދޫން އެޅި ވަރަށް ބޮޑު ފިޔަވަޅެކެވެ. އަދި 2014 ގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް 4ޖީގެ ހިދުމަތްތައް ދޭން ފެށީ ވެސް އުރީދޫންނެވެ. އަވަސް ސްޕީޑުގައި މުޅި ރާއްޖެއަށް ހިދުމަތް ފުޅާކުރުމަކީ އުރީދޫން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. ރަށްރަށުގެ މީހުންނަށް ފަސޭހަކަމާ އެކު މުއާމަލާތްކޮށް، އިގްތިސާދީ ތަފާތު ހަރަކާތްތައް ހިންގުމުގައި މޮބައިލް އާއި އިންޓަނެޓްގެ ހިދުމަތް ލިބުމުގައި އުރީދޫން ކުރި މަސައްކަތް، ފަނަރަ އަހަރުގެ ކުރު ތާރީޚުގައި ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ.

ރަށްރަށަށް މޮބައިލް ފޯނުގެ ހިދުމަތް ފެށުމުގެ ކުރިން އުރިދޫން ރަށެއްގައި އެންޓަނާއެއް ހަރުކުރަނީ

ޒަމާނީ ޓެކްްނޮލޮޖީގައި ދެވަނައެއް ނެތް

އުރީދޫން 2018 ގައި ރާއްޖެއަށް 5ޖީގެ ޑެމޯއެއް ދައްކާލި އެވެ. އަދި 5ޖީގެ ފޯނުތަކާ އެކު އުރީދޫން އެ ބާރުމިނުގައި އެ ހިދުމަތް ދޭން ފެށޭވަރަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. މީގެ އިތުރުން މި އަހަރު ވަނީ ސައިން ލެންގުއޭޖްގެ ކަސްޓަމާ ކެއާގެ ހިދުމަތް ދޭން ފެށި މުއާސަލާތީ ކުންފުނީގެ ޝަރަފު ވެސް ހޯދައިފަ އެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން، ރަސްމީ ހަފުލާއެއްގައި ވާހަކަ ދައްކަވަނީ: އޭނާ އަބަދުވެސް ވިދާޅުވަނީ އުރީދޫން ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ގެނެސްދޭނެ ކަމަށް.

ދިވެހިންގެ މެދުގައި އޮންލައިން ވިޔަފާރިއަށް ޝައުގުވެރިކަން އާލާކޮށް އެފަދަ ސަގާފަތެއް އަށަގަންނެވުމުގެ ގޮތުން އުރީދޫން މިދިއަ އަހަރު ތައާރަފުކުރި "މޫލީ" އޮންލައިން ޕްލެޓްފޯމަކީ ވެސް، އިންގިލާބެކެވެ. އޮންލައިން މި ޕްލެޓްފޯމު މެދުވެރިކޮށް އުރީދޫން ވިއްކާ އަމިއްލަ ޕްރޮޑަކްޓްތަކާއި ރާއްޖޭގެ ގިނަ ކުންފުނިތަކުން ވިއްކާ ގިނަ ބާވަތްތަކެއް ލިބެން ހުރެ އެވެ.

މޫލީގެ ސަބަބުން ދިވެހިންގެ މެދުގައި އޮންލައިން ވިޔަފާރިކުރާ މީހުން ވަނީ އިތުރުވެފަ އެވެ.

ވާވޭ އީޒީ މައިކްރޯގެ ނަމުގައި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީއެއް ރާއްޖެއަށް ގެނައުމަކީ ވެސް އުރީދޫގެ ކާމިޔާބީގެ ސަފުހާއެކެވެ. މީގެ އިތުރުން ޕޭސްބުކާ ގުޅިގެން ފްރީ ބޭސިކްސް ސާވިސްގެ ނަމުގައި ހާއްސަ ހިދުމަތެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

އުރީދޫން ރާއްޖެއަށް ގެނެސްދޭ އާ ޓެކްނޮލޮޖީތަކާ އެކު، ދިވެހިންގެ ދިރިއުޅުމަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބުނު ކަމަށް، އެ ކުންފުނިން ގަބޫލުކުރެ އެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެނީ: ޒަމާނީ އެތައް ފަސޭހައެއް ދިވެހިންނާ ހަމައަށް ގެނެސްދިން

އިޖުތިމާއީ ބޮޑު އެހީތެރިއެއް

އުރީދުއަކީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) މެދުވެރިކޮށް، ވަރަށް ގިނަ ދާއިރާތަކުން ދިވެހިންގެ އެހީތެރިއެކެވެ. މިހާރު ކުރިމަތިވެފައި މި އޮތް ކޮވިޑް-19 އާ ގުޅިގެން ވެސް އުރީދޫން އެކި ގޮތްގޮތުން ބޮޑު އެހީތެރިކަމެއް އަންނަނީ ވަމުންނެވެ. ރާއްޖޭގެ އިގުތިސާދު ފުންވަޅުގަނޑަކަށް ވެއްޓިފައި މި އޮތް ހާލަތުގައި އެހީތެރިވުމުގެ ގޮތުން ސަރުކާރަށް 2.5 މިލިއަން ރުފިޔާ ހަދިޔާކުރި އެވެ. އަދި 50 އިންޓިއުބޭޝަން ބޮކްސްތައް އެކި ހޮސްޕިޓަލްތަކަށް ހަދިޔާކުރި އެވެ.

ލޮކްޑައުންގައި އާންމުން އެކަކު އަނެކަކަށް ގުޅުވާލަދިނުމާއި މުނިފޫހިފިލުވުމާއި މައުލޫމާތު ހޯދުމުގެ އެއް ވަސީލަތަކީ އުރީދޫގެ ހިދުމަތްތަކެވެ. ގޭގައި ތިބެގެން ކިޔެވުމާއި ވަޒީފާ އަދާކުރަން އެހީތެރިވާން ބޯނަސް ޑޭޓާ ޕެކޭޖުތަކާއި ބިލް ދެއްކުމުގައި ވެސް ބޮޑު ލުއިތަކެއް ކަސްޓަމަރުންނަށް ދިނެވެ. ދަރިވަރުންނާއި ޓީޗަރުންނަށް ގޫގުލް އެޑިއުކޭޝަން ބޭނުންކުރުމުގެ ފުރުސަތު އުރީދޫން ދިނީ ހިލެ އެވެ.

އުރީދޫގެ ހާއްސަ ހަފުލާއެއްގައި މުވައްޒަފުން ބައިވެރިވަނީ

އުރީދޫގެ މި ނަމޫނާގެ އިތުރުން އިޖްތިމާތީ ޒިންމާގެ ދަށުން ދިވެހި ޒުވާނުންނަށް އަމިއްލަ ވިޔަފާރިތަކާއި އާ އީޖާދީ ކަންކަން ކުރުމުގައި އުރީދޫ އަންނަނީ ގާތުން މަސައްކަތްކުރަމުންނެވެ. އެގޮތުން އެކުންފުނިން ހިންގާ ކާމިޔާބު ޕްރޮގްރާމުތަކުގެ ތެރޭގައި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދާ ސްމާޓް ސިޓީ ޕްރޮޖެކްޓާއި މިޔަހެލި ޕްރޮގްރާމް ފާހަގަކޮށްލެވެ އެވެ. މިއީ ވެސް މުޖުތަމައަށް ފައިދާވާނެ ފަދަ ވިޔަފާރިތަކާއި އާ ކަންކަން ތައާރަފްކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މިޔަހެލީގެ ދަށުން އިޖްތިމާއީ މުހިންމު ގިނަ ކަންތައްތަކެއް ތައާރަފްކުރަން އުރީދޫގެ ބައިވެރިވުން ވަރަށް ބޮޑެވެ.

ނިރު އެކްސެލެރޭޓާ ޕްރޮގްރާމަކީ ވެސް އުރީދޫގެ މުހިންމު ބައިވެރިވުމެކެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ޒުވާނުންނަށް ލިބޭ ފުރުސަތެކެވެ. އެންމެ ދެ އަހަރުގެ ތެރޭގައި ނިރު އެކްސަލަރޭޓާ ޕްރޮގްރާމުގެ ދަށުން އާ ކުންފުނިތަކެއް ވަނީ އުފެދިފަ އެވެ. އެކުންފުނިތަކުގެ ސަބަބުން ދިވެހިންނަށް ޒަމާނީ އެތައް ފަސޭހަތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

އުރީދޫގެ 15 އަހަރު، ރާއްޖޭގެ މުވާސަލާތީ ހިދުމަތުގައި ލިއެވިގެންދާނީ، ޒަމާނީ ޓެކްނޮލޮޖީގައި ދިވެހިންނަށް އާ ފުރުސަތުތައް ހޯދައިދިން، އަދި ހޯދައިދޭނެ ކުންފުންޏެއްގެ ގޮތުގަ އެވެ. މޮބައިލްގެ ހިދުމަތް، އާންމު ދިވެހިންގެ އަތްފޯރާ ފަށަށް ގެނެސްދިން ކުންފުނީގެ ގޮތުގަ އެވެ. އަދި ދިވެހިންނާ އެކު އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއްގެ ގޮތުގައި ވެސް މެ އެވެ.