ޓޫރިޒަމް ހީކުރި ގޮތަކަށް ނޫން، ހުރަސްތައް ގިނަ

އަހަރުގެ ބާކީ މި އޮތް މުއްދަތުގައި ސަރުކާރުގެ އަމާޒަކީ ހަތަރު ލައްކައެއްހާ ޓޫރިސްޓުން ގެނައުން ކަމަށް ވިޔަސް އެކަން ހާސިލުވާނެ ކަމާ މެދު ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ތިން މަހަށް ވުރެ ގިނަ ދުވަސް ހޭދަވުމަށް ފަހު، މިދިއަ މަހު 15 ގައި ހުޅުވާލި އެވެ. އެ ދެ ހަފުތާގައި ރާއްޖެ އައީ އެންމެ 1،700 ޓޫރިސްޓުންނެވެ.

ރާއްޖޭގެ އިގުތިސާދުގެ 75 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމް ދާއިރާއަށް ކުރިމަތިވި މި ބޮޑު ލޮޅުމުން އަރައިގަތުމުގެ އުއްމީދުތައް ކިތައްމެ މަތީގައި ހުއްޓަސް، ބައެއް ތަޖުރިބާކާރުންގެ ހިތުގައި ޝައްކު އުފެދެނީ، ސަރުކާރުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ނޫންވީމަ އެވެ.

ލަކްސް ރިިސޯޓުގެ ރީޖަނަލް ޑައިރެކްޓަރު ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ހުސެއިން އަފީފު ވިދާޅުވީ މި ވަގުތު ބޯޑަރު ހުޅުވައިލުން ރަނގަޅު ނަމަވެސް، އަމަލު ކުރާނެ ރަނގަޅު ސްޓްރެޓެޖީއެއް ނުވަތަ އުސޫލެއް ސަރުކާރުގެ ނެތް ކަމަށެވެ.

"ހަމައެކަނި ވެބިނާއެއް ބާއްވައިލައިގެން މިވަގުތު ރާއްޖެއެއް ޕްރޮމޯޓެއް ނުކުރެވޭނެ. ގައުމުތަކަށް ގޮސް، ފުޅާ ދައިރާއެއްގައި ރާއްޖެ ޕްރޮމޯޓް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް އަލުން ހުޅުވާލި ވަގުތު ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހުސްކޮށް އޮތުމުން ދާއިރާގެ ހިންގުންތެރިންނަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި އެވެ. އެކަމަކު ކުރީގެ މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު މަގާމުން ވަކިކުރި ފަހުން މަހެއް ވަނިކޮށް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އާ ޓޫރިޒަމް މިނިސްޓަރަކަށް ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރައްވައިފަ އެވެ. ޑރ. މައުސޫމަކީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރެކެވެ.

ހަމައެކަނި ވެބިނާއެއް ބާއްވައިލައިގެން މިވަގުތު ރާއްޖެއެއް ޕްރޮމޯޓެއް ނުކުރެވޭނެ. ގައުމުތަކަށް ގޮސް، ފުޅާ ދައިރާއެއްގައި ރާއްޖެ ޕްރޮމޯޓް ކުރަން ހަރަކާތްތައް ބާއްވަން ޖެހޭ

ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ، މިނިސްޓަރެއް ނެތި މިދިއަ ދުވަސްތަކުގައި ކަމެއް ހައްލުކުރަން މިނިސްޓްރީއަށް މައްސަލައެއް ހުށަހެޅި ނަމަވެސް އަވަސް ޖަވާބެއް ނުލިބޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަކީ ސޭފް ތަނެއްގެ ގޮތުގައި އިޝްތިހާރުކުރުން ވަރަށް މުހިއްމެވެ.

"ފޮރިން ރިލޭޝަންސް އެބަ ޖެހޭ ވަރަށް ރަނގަޅު ކުރަން. އަދި ބޯޑަރު ހުޅުވައިލައިގެން ނިމުނީއެއް ނޫން. ރަނގަޅު އިންތިޒާމްތަކެއް ބޭނުން. ޓޫރިސްޓުން ޓެސްޓް ކުރެވޭނެ ރަނގަޅު އިންތިޒާމެއް ވެސް ނެތް،" ގައިސަރު ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރުމުގައި ރިސޯޓްތަކަށް ވަރަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. މިހާރު އެ ޓެސްޓް ހެދެނީ ހަމައެކަނި މާލޭގަ އެވެ. އެކަމަކު ރާއްޖޭގެ އެކި ހިސާބުތަކަށް ރިސޯޓްތައް ފެތުރިފައި އޮތުމުން، އެކި ސަރަހައްދުތަކުގައި ފަސޭހައިން ޓެސްޓް ކުރެވޭނެ އިންޒާމް، ބަލިމަޑުކަމުގެ މި ހާލަތުގައި، ހަމަޖެއްސުމުގެ ބޭނުންތެރިކަން ޓޫރިޒަމް އިންޑަސްޓްރީން ފާހަގަކުރެ އެވެ.

އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ ބޯޓުން އައި ޓޫރިސްޓުން ރިސޯޓުތަކަށް ދިއުމަށް ލޯންޗަށް އަރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ކުރިއަށް އޮތީ ވެސް އުނދަގޫ ދުވަސްތަކެއް

ރިސޯޓްތައް އަލުން ހުޅުވައިލުމުން ކުރަން ޖެހޭ ހަރަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޓޫރިސްޓުން އައުން އަދި މަދު ނަމަވެސް އެއީ ޓޫރިޒަމް ދާއިރާގެ ދިރުމަށް ކުރަން ޖެހޭ ހަގީގީ މަސައްކަތުގެ ފެށުމެވެ. އެހެންކަމުން މިހާރު ކުރަން ޖެހޭ މަސައްކަތް މި އޮތީ ބޮޑުވެފަ އެވެ.

އޭސް އޭވިއޭޝަން އަދި އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މި މަހު އެންމެ ގިނަވެގެން ވެސް ރާއްޖެއަށް އަންނާނެ ކަމަށް ބެލެވެނީ 4،000 އެއްހާ ޓޫރިސްޓުން ކަމަށެވެ. މި ލެވެލްގައި މަސައްކަތް ކޮށްގެން ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓް ހާސިލުވުން ނާދިރު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ކިރިޔާ ވެސް ހިންދަމައިލެވޭނީ އަންނަ އަހަރުގެ މާޗް ހިސާބުގައި ކަމަށް ބެލެވެނީ. ދާއިރާ ކޮޅަށް ޖައްސަން ސަރުކާރުގެ މާ ބޮޑު ރަނގަޅު ޕްލޭނެއް އަދިވެސް ނުފެނޭ،" ފިރާގު ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުމަކަށް ނައުމަކީ ވެސް ޓޫރިޒަމަށް އޮތް ބިރެކެވެ. ފިރާގު ވެސް އެކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ، ބުކިންތައް ކޮންޕާމްކުރާ މިންވަރު މަދު ކަމަށެވެ. އެކަން ރަނގަޅުކުރެވޭނީ ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތުގެ މައުލޫމާތު، ރާއްޖެ އިސްތިހާރުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ދީގެން ކަމަށް، އޭނާ ވިދާޅުވި އެވެ.

ދެން މިހާރު ދިމާވާ އަނެއް މައްސަލައަކީ ރާއްޖެ އިން ފުރައިގެން ދާއިރު ޓޫރިސްޓުން ހަދަން ޖެހޭ ކޮވިޑް ޓެސްޓެވެ. އެ ޓެސްޓް ހެދުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. ކުރިން ސަރުކާރުން ކަނޑައަޅާފައި އޮތް ކަމަށް އިއުލާންކުރީ ފުރާ ޓޫރިސްޓުންގެ ޓެސްޓްތައް އޭޑީކޭ އިން ހަދާ ގޮތަށެވެ. އެކަމަކު ޕްލޭންކުރި ގޮތަށް ކަންކަން ނުދިއުމުން، މިހާރު އަނެއްކާ ވަނީ އެ ޓެސްޓްތައް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު މެދުވެރިކޮށް ހަދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މި ގެނައި ބަދަލުން ވެސް އަދި ހައްލެއް ނާދެ އެވެ. ބައެއް ރިސޯޓްތަކުން ބުނަނީ ފުރާ ޓޫރިސްޓުންގެ ޓެސްޓް ހެދުމުގައި ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. މާލެއަށް ސާމްޕަލްތައް ފޮނުވައިގެން، އޭގެ ނަތީޖާ ނުލިބި، ނުވަތަ ސާމްޕަލްތައް ފޮނުވާ ތަންތަނުގައި ކުރަން ހުރި ޓެސްޓްތައް ގިނަވުން ފަދަ މައްސަލަތައް ދިމާވުމަކީ، ޓޫރިޒަމް ހުޅުވާލި މި ވަގުތު ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.

ދާއިރާގެ ބައެއް މީހުން ދެކޭ ގޮތުގައި މިއީ ބަލިމަޑުކަމުގެ ދުވަސްވަރެއްގައި ޓޫރިޒަމް ހުޅުވާލާ އިރު ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭނެ ކަންކަމެވެ.

ޓޫރިޒަމަށް އަދި ފަހި ދުވަސްތަކެއް ނެތެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު ގިނަވެ، ހާލަތު ހަމަޔަކަށް ނޭޅި ދިގުލައިގެން ދިއުމާއި ޓޫރިސްޓުންނަށް ބޭނުންވާ ޓެސްޓްތައް ހެދުމުގައި ހުރި ގޮންޖެހުންތައް ފަދަ ކަންކަމުން ވެސް، އަމާޒު ހާސިލްކުރަން ސަރުކާރަށް އޮތީ އުނދަގޫ ދުވަސްތަކެކެވެ. އަދި އެއީ މުޅި އިގުތިސާދަށް އޮތް ދިމާވާނެ ބޮޑު މައްސަލައެކެވެ.