ޓިކްޓޮކާ ވާދައަށް ހެދި އިންސްޓަގްރާމް "ރީލްސް" 50 ގައުމަކަށް ދޫކޮށްލައިފި

މިދިޔަ އަހަރުން ފެށިގެން އިންސްޓަގްރާމުން ޓެސްޓްކުރަމުން އަންނަ "ރީލްސް" ބުދަ ދުވަހުން ފެށިގެން 50 ގައުމަކަށް ލިބޭ ގޮތް ހަދައިފި އެވެ.


ފޭސްބުކްގެ ދަށުން ހިންގާ އިންސްޓްރާމަށް މުޅިން އަލަށް ގެނައި ފީޗާއެއްގެ ގޮތުގައި ތައާރަފުކުރި "ރީލްސް" އަކީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް ގޮތަށް މިއުޒިކާއި އެކި ކަހަލަ ފިލްޓަތަކާ އެކު 15 ސިކުންތުގެ ވީޑިއޯ ރެކޯޑްކޮށް އަޕްލޯޑްކުރެވޭ ފީޗާއެކެވެ.

އައިއޯއެސް އާއި އެންޑްރޮއިޑްގެ އަހުލުވެރިންނަށް ވެސް ބޭނުންކުރެވޭ ގޮތަށް "ރީލްސް" ދޫކޮށްލާފައި މި ވަނީ އެމެރިކާގައި ޓިކްޓޮކަށް ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެހެންވެ އިންސްޓަގްރާމް "ރީލްސް" އަށް މި ދަނޑިވަޅުގެ ބޭނުން ހިފައި، ޓިކްޓޮކަށް ވަރުގަދަ ކޮމްޕެޓިޝަނަކަށް ވެސް ދެވިދާނެ އެވެ. އަނެއްކޮޅުން "ރީލްސް" ތައާރަފުކުރި 50 ގައުމުގެ ތެރޭގައި ޖޫން މަހު ޓިކްޓޮކް މަނާކުރި އިންޑިއާ ވެސް ހިމެނެ އެވެ. އެހެންވެ މިއީ ވެސް ޓިކްޓޮކަށް ބޮޑު މާކެޓެއް އޮތް އިންޑިިއާގައި ޓިކްޓޮކް މަނާކުރުމުން ގޮތް ހުސްވެފައި ތިބި އެތައް މިލިއަން ބައެއްގެ ހިތަށް ފިނިކަން ގެނެސްދީ "ރީލްސް" ގެ މާކެޓް ފުޅާކުރެވިދާނެ ދަނޑިވަޅެކެވެ.

"ރީލްސް" އިންނާނީ އިންސްޓްގްރާމް ކެމެރާއާ ދިމާލުގަ އެވެ. އަދި މިއީ ޕްރައިވެޓް އަދި ޕަބްލިކް އެކައުންޓް ގެންގުޅޭ އިންސްޓަގްރާމްގެ އަހުލުވެރިންނަށް ރައްކާތެރިކަމާއި ފަސޭހަކަމާ އެކު ބޭނުންކޮށްލެވޭނެ އެވެ. "ރީލްސް" ގައި ހިމެނޭ ބައިތަކުގެ ތެެރޭގައި އޯޑިއޯ އާއި އޭއާރް އިފެކްޓްސް އާއި ޓައިމާ އެންޑް ކައުންޓައުން އާއި އެލައިން އަދި ސްޕީޑް ހިމެނެ އެވެ. މި ބައިތަކާ އެކު ހަމަ ޓިކްޓޮކާ ދާދި އެއްކަހަލަ ގޮތަކަށް "ރީލްސް" ގައި ވީޑިއޯތައް ތައްޔާރުކޮށްލެވޭނެ އެވެ.

މި ދަނޑިވަޅުގައި ފޭސްބުކުން އިންސްޓަގްރާމް "ރީލްސް" އާންމުކުރި އިރު، އެމެރިކާގެ މައިކްރޮސޮފްޓަށް ޓިކްޓޮކްގެ އެމެރިކާ އާއި ކެނެޑާ އާއި ނިއު ޒީލެންޑް އަދި އޮސްޓްރޭލިއާގެ އޮޕަރޭޝަންސް ވިއްކައިލުމާ ގުޅޭ ގޮތުން ބައިޓްޑާންސުން އަންނަނީ މަޝްވަރާކުރަމުންނެވެ. މިކަމާ ގުޅޭ ގޮތުން ފަހުގެ އެއްބަސްވުމަކާ ހަމައަށް ދާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައި އޮތީ 45 ދުވަހުގެ މުހުލަތެކެވެ.

އެހެންވެ މައިކްރޮސޮފްޓުން ބުނީ އަންނަ މަހުގެ 15 ވަނަ ހަމައަށް އަންނަ އިރު އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމަށެވެ.