އެއާޕޯޓް ކާގޯ ޖެޓީގެ މަސައްކަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކާގޯ ޖެޓީގެ މަސައްކަތް ފަށައިފި އެވެ.


ކާގޯ ޓާމިނަލް ސަރަހައްދުގައި ހަދާ ބަނދަރުގެ ޖެޓީ ހިޔާކޮށް، ބަރު އެއްޗެހި އުފުލުމަށްޓަކައި ހަތް ކްރޭން އިންސްޓޯލް ކުރާނެ އެވެ. މިއާ އެކު މުދާ އުފުލުމަށްޓަކައި ފަސޭހަކަމާ އެކު އެ ސަރަހައްދަށް އުޅަނދުފަހަރަށް ގާތް ކުރެވޭނެ އެވެ.

ކާގޯ ރައްކާކުރާ އާ ޓާމިނަލްގެ ބޮޑުބައި މަސައްކަތް ވަނީ ނިންމައިފަ އެވެ. މި ކާގޯ ޓާމިނަލްގައި އެކްސްޕޯޓް ޓާމިނަލަކާއި އިމްޕޯޓް ޓާމިނަލެއްގެ އިތުރުން ޕެރިޝަބަލް ސާމާނު ބެހެއްޓުމަށް ހާއްސަ ބައެއް ހުންނާނެ އެވެ. ގާތްގަނޑަކަށް 11،000 އަކަ މީޓަރުގެ އާ ކާގޯ ޓާމިނަލަކީ، މިހާރު އެއާޕޯޓުގައި ހުރި ކާގޯ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު ތަނެކެެވެ.

ކާގޯ ޓާމިނަލްގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ ޕްރޮޖެކްޓް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. މި ޕްރޮޖެކްޓަށް 800 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ސައުދީގެ ބިންލާދިން ކުންފުންޏާ ހަވާލުކޮށްގެންނެވެ.

އެމްއޭސީއެލްގެ ޓްވީޓް

މި ޕްރޮޖެކްޓްގެ ދަށުން އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް އާއި ފިއުލް ފާމެއް ވެސް ތަރައްގީ ކުރާނެ އެވެ. މި މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.