ހެކަރުންގެ ތުރާތައް ސްޓްރީމިން ޕްލެޓްފޯމްތަކަށް ވަރަށް ބޮޑު، ފާރަވެރިވާން ޖެހޭ

މީގެ ކުރިން ސްޓްރީމިން ޓީވީގެ ހިދުމަތަށް ބާރުބޮޑު ނުވާ ވަރަށް ކޮރޯނާވައިރަހާ އެކު ކުރިމަތިލި ލޮކްޑައުންތަކާ އެކު ބާރުބޮޑުވެފައިވާ އިރު، އެފަދަ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުން ސަމާވުމަށް އިލްތިމާސްކޮށްފި އެވެ.


ސައިބަ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ އެމެރިކާގެ ވެބްރޫޓުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ނެޓްފްލިކްސް އާއި އެޗްބީއޯ އާއި ޔޫޓިއުބާއި ޓްވިޗް ފަދަ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ފޭރިގަންނަން ހެކަރުން ދަނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ. އަދި މި މައްސަލަ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި އިިތުރުވެފައިވާ ކަމަށް ބުންޏެވެ.

ވެބްރޫޓުން ބުނިގޮތުގައި ހެކަރުން މަސައްކަތްކުރަނީ ޕްލެޓްފޯމްތައް ބޭނުންކުރާ މީސްމީހުންގެ ޔޫޒާ ނޭމާއި ޕާސްވޯޑާއި ކްރެޑިޓް ކާޑް ނަމްބަރާއި ބޭންކް އެކައުންޓް ފަދަ ވަރަށް ޒާތީ މުހިއްމު މައުލޫމާތުތައް ހެކްކުރަން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ.

މިކަމާ ގުޅިގެން މިހާރު ނެޓްފްލިކްސް ފަދަ ކުންފުނިތަކުން ވަނީ އެ ހިދުމަތް ބޭނުންކުރާ މީހުން މިހާރަށް ވުރެ ބޮޑަށް އެކައުންޓްތަކަށް ފާރަވެރިވުމަށް އަންގައިފަ އެވެ.

ވެބްރޫޓްގެ ދިރާސާ އިން ދައްކާ ގޮތުގައި ހެކަރުންގެ ހަމަލާތައް މިދިޔަ މާޗުން ޖުލައި މަހާ ހަމައަށް އައި އިރު ނެޓްފްލިކްސް އަށް ދޭ މިންވަރު 646 ޕަސަންޓަށް އަރާފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 60 ޕަސެންޓްގެ އިތުރުވުމެކެވެ. މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޔޫޓިއުބަށް ދޭ ހަމަލާ 3،064 ޕަސަންޓަށް އަރާފައިވާ އިރު، އެޗްބީއޯ އަށް ދޭ ހަމަލާތައް 337 ޕަސެންޓަށް އަދި ޓްވިޗަށް ދޭ ހަމަލާ 525 ޕަސެންޓަށް ފެބްރުއަރީގެ ފަހުން ވަނީ އަރައިފަ އެވެ.

ކޮރޯނާވައިރަހާ ހެދި ގިނަ ބަޔަކަށް ގޭގައި ތިބެން ޖެހުމުން ސްޓްރީމިންގެ ހިދުމަތްތަކުގެ ޑިމާންޑަށް އައި އުފުލުމާ އެކު މުޅިން އަލަށް ވެސް އެތައް ބަޔަކު ހިދުމަތްތަކަށް ސަބްސްކްރައިބްކޮށްފައިވެ އެވެ. އެގޮތުން 12 މިލިއަން މީހުން އަލަށް އެފަދަ ޕްލެޓްފޯމްތައް ބޭނުންކުރަން ފެށި އިރު، އޭގެ ތެރެއިން ތިން މިލިއަން މީހުންނަކީ ކުރިން އެއްވެސް ވަރަކަށް ހިދުމަތް ތަޖުރިބާނުކުރާ މީހުންނެވެ.

އިނގިރޭސިވިލާތުގެ އޮފްކޮމުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ އާއި ޑިޒްނީ ޕްލަސް އާއި އަދި އެ ނޫން ވެސް ސްޓްރީމިން ޕްލެޓްފޯމް ބޭނުންކުރާ މިންވަރު ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިން ބޭނުންނުކުރާ ވަރަށް އިތުރަށް އެއް ގަޑިއިރާއި 11 މިނިޓަށް އިތުރު ވެސް ވެފައިވެ އެވެ.

ވެބްރޫޓުން ބުނި ގޮތުގައި ހެކަރުން ބޭނުންކުރާ އުކުޅުތައް ވެސް އެއް ދުވަހުން އަނެއް ދުވަހަށް ބަދަލުވަމުންދާތީ އެކަމަށް ވީހާ ވެސް ބޮޑަށް ކަސްޓަމަރުން ފާރަވެރިވާން ޖެހެ އެވެ. އަދި ކިރިޔާ ވެސް ޝައްކުވާ ކަހަލަ ކަމެއް ދިމާވާ ނަމަ ރައްކާތެރިކަމުގެ ފިިޔަވަޅު ދުރާލައި އެޅުން ވަރަށް މުހިއްމު ކަމަށް ބުންޏެވެ.