އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން 7 މަޝްރޫއެއް ފަށަނީ

އިންޑިއާއިން ރާއްޖެ އަށް ދޭން ނިންމައިފައިވާ 800 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 12.3 ބިލިއަން ރުފިޔާ)ގެ ކްރެޑިޓްލައިނުގެ ދަށުން ބޮޑު ހަތް މަޝްރޫއެއް ހިންގުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.


މި ބައްދަލު ކުރެއްވުމުގައި ސަރުކާރުގެ ވައުދުތަކާ ގުޅުން ހުރި މި މަޝްރޫއުތައް ވީހާ ވެސް އަވަހަށް ފެށުން މުހިންމު ކަން ދެ ގައުމުގެ މިނިސްޓަރުން ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ކްރެޑިޓް ލައިނުގެ އެހީގައި ހިންގާ މަޝްރޫއުތައް

- 34 ރަށެއްގެ ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކުރުން.

- އައްޑޫ ސިޓީ ތަރައްގީ ކުރުން (މީގެ ތެރޭގައި މަގު ހެދުމާއި އައްޑޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމާއި ބިން ހިއްކުން ހިމެނޭ)

- ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ގާއިމްކުރުން.

- އިންޓަނޭޝަނަލް ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް.

- ހުޅުމާލޭގައި 100 އެނދުގެ ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރުން.

- ގއ. ގެމަނަފުށި އަދި ފެލިވަރު މިފްކޯ ފެސިލިޓީ ތަރައްގީކުރުން.

- ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުން.

އިންޑިއާއިން ރާއްޖެއަށް ކްރެޑިޓް ލައިނުގެ ގޮތުގައި 800 މިލިއަން ޑޮލަރު ދޭން އިއުލާން ކޮށްފައިވަނީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގަ އެވެ. މި އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އިންޑިއާގެ މެގްޒިމް ބޭންކާ ދެމެދު ސޮއި ކުރެވުނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.

މިއަދުގެ ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ދެވަނަ ބުރަކަށް ހިލޭ އެހީ ދިނުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. މި ޕްރޮޖެކްޓްގެ ފުރަތަމަ ބުރުގައި އިންޑިއާއިން ދިން 106 މިލިއަން ރުފިޔާއިން، 19 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު މި ޕްރޮޖެކްޓްތައް ހިންގަނީ 18 އަތޮޅެއްގެ 74 ރަށެއްގަ އެވެ.

އިންޑިއާ އިން ރާއްޖެ އަށް 800 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ފަސް އަހަރުގެ މޮރިޓޯރިއަމް މުއްދަތަކާއެކު 20 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. މި އެހީގެ ދަށުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކަކީ ދިވެހި ސަރުކާރުން ކަނޑައަޅައި އިންޑިއާ ސަރުކާރުން އެޕްރޫވް ކުރާ ޕްރޮޖެކްޓުތަކެވެ. ހުރިހާ ޕްރޮޖެކްޓަކަށް ވެސް ކޮންސަލްޓެންޓުންނާއި ކޮންޓްރެކްޓަރުން ހޮވާނީ ދެފުށް ފެންނަހެން، ދެ ގައުމުގެ އެއްބާރުލުމާއެކު ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުުން ބުންޏެވެ.