ޓޫރިޒަމް މިނިސްޓްރީގައި 26 މިލިއަން ރުފިޔާގެ ބޮޑެތި މައްސަލަތަކެއް

މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން އެ މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ ގިނަ ކަންތައްތަކަށް 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.


ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކާ ގުޅިގެން ކޮމްޕްލަޔަންސް އޮޑިޓްގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. މި އޮޑިޓް ހިންގި މުއްދަތުގައި މިނިސްޓްރީއާ ހަވާލުވެ ހުންނެވީ މިނިސްޓަރު އަލީ ވަހީދެވެ. އެހެން ނަމަވެސް ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މިދިޔަ ޖުލައި މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސަރުކާރުގައި ވަކިވަކި މުއައްސަސާތަކަކަށް މަތިކޮށްފައިވާ ބައެއް ކަންކަމަށް ޓޫރިޒަމް މިނިސްޓްރީން ހަރަދު ކުރުމަކީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުރި ހަރަދުގެ 99 ޕަސެންޓަކީ އެ މިނިސްޓްރީގެ މެންޑޭޓުން ބޭރުން ކޮށްފައިވާ ހަރަދުތަކެވެ.

މީގެ އިތުރުން މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ކުރާ ހުރިހާ ހަރަދެއްގެ ހުއްދަދޭނީ ފަންޑުގެ ހިންގާ ކޮމިޓީން ކަމަށްވާ އިރު ކޮވިޑް-19 އާ ގުޅޭގޮތުން ހަރަދުކުރި އެއްވެސް ކަމަކަށް ކޮމިޓީން ހުއްދަ ހޯދައިފައި ނުވާކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ.

މިނިސްޓްރީގެ ޒިންމާއިން ބޭރުން ކޮށްފައިވާ ހަރަދުތައް

އޮޑިޓް އޮފީހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެތެރެވާ ފަރާތްތަކުގެ ހުން ހުރި މިންވަރު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށް، ތާމަލް އިމޭޖިން ކެމެރާ ސިސްޓަމްތަކެއް ޓޫރިޒަމް މިނިސްޓްރީގެ ހަރަދުގައި ކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ޓްރައިޕޮޑްގައި ހަރުކޮށްގެން ބޭނުންކުރާ ހަތް ކެމެރާ އެވެ. މި މަޝްރޫއަށް 2.3 މިލިއަން ރުފިޔާ ހަރަދުވި އެވެ.

މި މަޝްރޫއުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް އިމޭޖިން ކެމެރާ ހަރުކުރުމަށްޓަކައި 1.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި މަސައްކަތް ސެކިއޯ ސޯސް އިންޓަނޭޝަނަލް އެލްއެލްސީ (އެސްއެސްއައި) އާ ހަވާލުކޮށްފައިވަނީ ބިޑް ކޮމެޓީގެ ލަފާ ނުހޯދަ އެވެ. އަދި އެސްއެސްއައި ފިޔަވައި އެހެން އެއްވެސް ފަރާތަކުން އަގެއް ހޯދައިފައެއް ނުވެ އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން ޕްރޮކިއުމަންޓެއްގެ އަގު 35،000ރ. އާއި 2.5 މިލިއަން ރުފިޔާ އަސް ވުރެ ކުޑަ ނަމަ އެ ކަމެއް ކުރުމަށް ހުއްދަދޭނީ އެ އޮފީހެއްގެ ބިޑް ކޮމިޓީން ނިންމާ ގޮތެއްގެމަތިން، އޮފީހެއްގެ އެންމެ އިސްވެރިޔާ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓުން ބޭރުން މިފަދަ ކަމެއް ކުރި އިރު މިކަހަލަ މަޝްރޫއެއް ހިންގުމުގައި މިކަމުގެ ތަޖުރިބާ ހުރި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާ މަޝްވަރާކޮށް އެ ފަރާތްތަކުގެ ލަފާ ހޯދައިފައި ނުވާ ކަމަށް ވެސް އޮޑިޓް އޮފީހުން ބުނެ އެވެ.

މީގެ އިތުރުން ކޮވިޑް-19 ގުޅިގެން ބޭނުންވާ ފާމަސޫޓިކަލް ތަކެއްޗާއި، އެހެނިހެން އާލާތްތަކުގެ އިތުރުން ހުރިހާ ވަސީލަތްތަކާ އެކު މޯބައިލް މެޑިކަލް ޓީމެއް ބޭނުންވެއްޖެ ހާލަތަކަށް ބަލައި އެކަން ކުރުމުގައި ވެސް މިނިސްޓްރީން ހޭދަކޮށްފައިވެ އެވެ. މިކަން ވެސް ހަވާލުކޮށްފައިވަނީ ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށެވެ. އަދި ކަން ހިނގާފައިވާ ގޮތް ނޫން މަންޒަރެއް ލިޔެކިޔުމުން ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ތުހުމަތު ކުރެ އެވެ. މި މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެސްއެސްއައި އާ އެވެ.

އޮޑިޓް އޮފީހުން ބުނީ، އެސްއެސްއައި އާއެކު މިނިސްޓްރީން ސޮއިކޮށްފައިވާ އެއްބަސްވުމަކީ އެސްއެސްއައިގެ މަސްލަހަތަށް ބުރަވާ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި އެފަދަ ތަކެތި އާންމުކޮށް ފޯރުކޮށްދޭ އެސްޓީއޯ ފަދަ ދައުލަތުގެ ހިއްސާ އޮތް ކުންފުންޏެއް މެދުވެރިކޮށް ތަކެތި ހޯދިނަމަ، ތަކެތީގެ އަގަށްވުރެ އިތުރަށް ދައްކާފާއިވާ 1.8 މިލިއަން ރުފިޔާ ހަރަދު ނުކޮށް ތަކެތި ހޯދުނީސް ކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން އެދުނު ވަރަށް ވުރެ އިތުރަށް ތަކެތި ހޯދުމާއި އޭގެ ތެރޭގައި ހިމެނޭ މާސްކުތަކަކީ ވެރިފައިޑް އެޕްރޫވަލް ސެޓްފިކެޓު ހުރި ތަކެތިކަމަށް މިނިސްޓްރީން ފާހަގަކުރި ނަމަވެސް، އެޕްރޫވަލް ސެޓްފިކެޓުގައި އިން މޮޑެލް ނަމްބަރު މިނިސްޓްރީން ގެނައި ތަކެއްޗާ ގުޅޭ އެއްވެސް ލިޔެކިއުމެއްގައި ފެންނަން ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

މި ހަރަދުތަކުގެ އިތުރަށް ޓޫރިޒަމް މިނިސްޓްރީން، ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމެއް އެކުލަވައިލުމުގެ ގޮތުން ބޭރުން ހަ މެންބަރުންގެ ޓީމެއް ގެނެސްފައިވެ އެވެ. އެ މީހުންގެ ޕްރޮފެޝަނަލް ފީއެއްގެ ގޮތުގައި 7.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އެ މީހުން ގެނެސްފައިވަނީ އެއް މަހަށް ނަމަވެސް އެ މީހުން ރާއްޖޭގައި ދެ މަސް ދުވަސް ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން ޑިޒާސްޓާ މެނޭޖްމަންޓުން އެދިފައިވާ ގޮތަށް މެޑިކަލް ޓީމް އެކުލަވާލާފައި ނުވުމާއި، އެ ޓީމާ ހަވާލުކުރީ ކޮން މަސައްކަތްތަކެއް ކަން ނޭނގުމާއި ކުރި މަސައްކަތްތަކުގެ ރެކޯޑު ވެސް ޓޫރިޒަމް މިނިސްޓްރީން ބަލަހައްޓާފައެއް ނުވެ އެވެ.