ކާޑުން ފައިސާ ދެއްކުމުން ދެ ފަހަރަށް ފައިސާ ކެނޑެން ދިމާވި މައްސަލަ ހޯދިއްޖެ: ބީއެމްއެލް

ބީއެމްއެލް ޑެބިޓް ކާޑު ބޭނުން ކޮށްގެން ބައެއް ކަސްޓަމަރުން ފައިސާ ދެއްކުމުން ދެ ފަހަރަށް ކެނޑޭ މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.


ބޭންކުން މިރޭ ބުނީ މިގޮތަށް ދެ ފަހަރަށް ފައިސާ ކެނޑެނީ ބޭންކުގެ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި މި މައްސަލަ މިހާރު ދެނެގަނެވި ވީހާވެސް އަވަހަށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލުން ވަނީ މި މައްސަލަ ހައްލުވަންދެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.

އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑުމުގެ ސަބަބުން ބައެއް ކަސްޓަމަރުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. އަދި ވީހާވެސް އަވަހަށް މައްސަލަ ހައްލުކޮށް ފައިސާ އަނބުރާ ޖަމާކޮށްދިނުމަށް ކަސްޓަމަރުން އަންނަނީ ބުނަމުންނެވެ.

ބީއެމްއެލުން ދެ ފަހަރު ފައިސާ ކެނޑުމުން މީހަކު ކުރި ޓްވީޓެއްް--

ކާޑުތަކުން ދެފަހަރަށް ފައިސާ ކެނޑުނު ކަސްޓަމަރުންގެ ތެރޭގައި ބޭރު ގައުމުތަކުގައި ތިބި ބައެއް މީހުން ވެސް ހިމެނެ އެވެ.

ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައިވާ މީހުން ބުނެފައިވާގޮތުގައި ބޭންކުން މިގޮތަށް ކުރިން ވެސް ފައިސާ ކެނޑެ އެވެ. ނަމަވެސް ބީއެމްއެލުން ބުނިގޮތުގައި މި މައްސަލަ ދިމާވެފައިވަނީ މިރޭ އެކަންޏެވެ.