އެމެޒޯންގެ ޑްރޯން ޑެލިވަރީ އަށް ހުއްދަ ދީފި

ޑެލިވަރީގެ ހިދުމަތަށް ޑްރޯން ބޭނުންކުރަން، މަޝްހޫރު އޮންލައިން ފިހާރަ އެމެޒޯން އިން ކުރިއަށް ގެންދާ "ޕްރައިމް އެއާ" އަށް އެމެރިކާގެ ފެޑެރެލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ހުއްދަ ދީފި އެވެ.


ބްލޫމްބާގުން ބުނި ގޮތުގައި ހުއްދަ ލިބުމާ އެކު "ޕްރައިމް އެއާ" ގެ ކޮމާޝަލް ޑެލިވަރީގެ ހިދުމަތް ޓްރަޔަލް މަރުހަލާއެއްގެ ގޮތުގައި ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

އެމެޒޯން އިން ބުނާގޮތުން ޑްރޯން ބޭނުންކޮށްގެން ދޭ ޑެލިވަރީގެ ހިދުމަތަކީ މިހާރު އެ ހިދުމަތް ދެވޭ އެތައް ގިނަ އަވަސްވާނެ ކަމެކެވެ. އެގޮތުން މުދަލަކަށް އޯޑަރުކުރާތާ އެންމެ ބައި ގަޑިއިރުގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރާނެ ބުންޏެވެ. ޑްރޯންގައި ޑެލިވަރީގެ ހިދުމަތްދޭ އިރު އުފުލާނީ 2.25 ކިލޯގްރާމަށް ވުރެ ބަރު ނޫން އެއްޗިއްސެވެ. އަދި ހިދުމަތް ދެވޭ ލޮކޭޝަނަކީ ޑެލިވަރީ ފޮނުވާ ސެންޓަރަކާ އެންމެ ދުރުވެގެން ވެސް 10 މޭލު ނުވަތަ 16 ކިލޯމީޓަރުގެ ސަރަހައްދުގެ ތެރޭގައި ހުންނަ ތަނަކަށް ވާން ޖެހެ އެވެ.

"ޕްރައިމް އެއާ" ޕްރޮޖެކްޓްގައި އިސްކޮށް އުޅުއްވާ އެމެޒޯންގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ކާބަން ބްލޫމްބާގަށް ވިދާޅުވި ގޮތުގައި އެ ހިދުމަތަށް އެފްއޭއޭގެ ސެޓްފިކެޓް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"މިއީ ޕްރައިމް އެއާގެ މަސައްކަތުގައި ކުރިއަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅަކަށްވާނެ. އަހަރެމެންނަށް ހުއްދަ ލިބުމަކީ މި މަސައްކަތަށް އެފްއޭއޭގެ އިތުބާރު އޮތްކަން ވެސް ކަށަވަރުކޮށްދޭ ކަމެއް. އެހެންވީމާ ދެން މާ ގިނަ ދުވަހެއް ނުވެ ކޮމާޝަލްކޮށް ޑްރޯން ޑެލިވަރީގެ ހިދުމަތް ފަށައިގަނެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޑޭވިޑް ވިދާޅުވި ގޮތުގައި "ޕްރައިމް އެއާ" ހަގީގަތަކަށްވުމަކީ އެމެޒޯން އިން މީގެ ހަތް އަހަރު ކުރިން ފެށި މަސައްކަތް ކޮޅެއްގައި ޖެހުމުވެ. މި މަސައްކަތް އެ ކުންފުނިން ފެށީ 2013 ގަ އެވެ. ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުނުވެ އޮތީ "ޕްރައިމް އެއާ" ތަރައްގީކުރުމުގައި ބޭނުންވި ހާޑްވެއާ ލިބުމުގައި ހުރި ތާށިކަމާ ހުރެ އެވެ.

އެމެޒޯން އިން ވަނީ މިދިޔަ އަހަރު މިކަމަށް ބޭނުންކުރާ ޑްރޯން ވެސް ދައްކާލައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޑެލިވަރީގެ ހިދުމަތަށް ޑްރޯން ބޭނުންކުރަން ހުއްދަ ދީފައިވާތީ އެފްއޭއޭ އިން މިކަމާ ގުޅޭ ހާއްސަ އުސޫލުތަކެއް މި އަހަރު ނިމުމުގެ ކުރިން އާންމުކުރާނެ އެވެ.