އިންޑިއާގައި ޕަބްޖީ މަނާކޮށްފި

އިންޑިއާ އިން ވަނީ ޗައިނާއާ ގުޅުން ހުރި 118 އެޕެއް މިއަދު މަނާކޮށްފައި

މަޝްހޫރު ޕަބްޖީ ހިމެނޭ ގޮތަށް އިންޑިއާ އިން އަނެއްކާ ވެސް ޗައިނާގެ އެޕްތަކެއް މިއަދު މަނާކޮށްފި އެވެ.


އިންޑިއާގައި ބޮޑު މަގުބޫލުކަމެއް އޮތް، ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކާ އެކު ޗައިނާގެ 59 އެޕެއް މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު އިންޑިއާގައި މަނާކޮށްފައިވެ އެވެ. އަދި މިއަދު ވަނީ 118 އެޕެއް މަނާކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނޭ ޕަބްޖީ އަކީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ބުލޫހޯލްގެ ސަބްސިޑަރީ ކުންފުނި ޕަބްޖީ ކޯޕަރޭޝަނުން 2017 ގައި ނެރެފައިވާ ގޭމެކެވެ. ރިޕޯޓްތައް ބުނާގޮތުން އިންޑިއާގައި ޕަބްޖީ ބޭނުންކުރާ މީހުންގެ އަދަދު 33 މިލިއަނަށް ވުރެ ގިނަ އެވެ.

ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގައި ބޮޑު މަގުބޫލުކަމެއް އޮންނަ މިގޭމާ އެކު 100 އަށް ވުރެ ގިނަ އެޕް މަނާކޮށް އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާއާ ގުޅުން ހުރި ގިނަ އަދަދެއްގެ އެޕްތަކެއް އަނެއްކާ ވެސް މަނާކުރީ އިންޑިއާގެ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުގައި ކަމަށެވެ. އަދި އެ ނިންމުމަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގާނޫނުގެ މާއްދާ 69އޭގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުންޏެވެ.

"މަނާކުރި އެޕްތަކަކީ އިންޑިއާ އަށް ނުރައްކާވުމުގެ ބިރު އޮތް އަދި އިންޑިއާގެ ސައިބަސްޕޭސްގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން ނިންމި ނިންމުމެއް،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އެތަނުން ބުނީ ގިނަ އަދަދެއްގެ އެޕްތަކެއް މަނާކުރަން ނިންމި އަނެއް ސަބަބަކީ އެ އެޕްތަކުގެ ބޭނުން ނާޖާއީޒު ގޮތުގައި ހިފަމުންދާކަމުގެ ޝަކުވާތައް ވެސް ލިބެމުންދާތީ އެވެ. އެހެންވެ މި ނިންމުމަކީ އިންޑިއާގައި މޮބައިލް ފޯނާއި އިންޓަނެޓް ބޭނުންކުރާ މީހުންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށް ބުންޏެވެ.

ޗައިނާގެ ގިނަ އަދަދެއްގެ އެޕްތައް މަނާކޮށް، އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކުރަން އިންޑިއާގައި ގޮވާލާން ފަށާފައި ވަނީ ދެ ގައުމުގެ ބޯޑަރު ހިއްސާކުރާ ލަޑާކް ސަރަހައްދުގައި ޗައިނާ އިން އަސްކަރީ މަރުކަޒުތަކެއް ގާއިމުކުރާ އިރު، ގަވްލާން ސަރަހައްދުން އިންޑިއާގެ ބިމުގެ ތެރެއަށް ޗައިނާ އިން ވަދެފައިވާ ކަމަށް އިންޑިއާ އިން ބުނާ މައްސަލާގައި ދެ ގައުމުގެ މެދުގައި މައްސަލަ ގޯސްވަމުންދާތީ އެވެ.