ދިރާގުން ކޮންޓެކްޓްލެސް ޑިޖިޓަލް ވޮއިސް އެސިސްޓެންޓް "ވޫހޫ" ރާއްޖެއަށް ތައާރަފުކުރަނީ

ދިރާގުން ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ އަށް ހާއްސަކޮށްގެން ކޮންޓެކްޓްލެސް ޑިޖިޓަލް ވޮއިސް އެސިސްޓެންޓް "ވޫހޫ" ތައާރަފު ކުރަން ނިންމައިފި އެވެ.


ވޫހޫ އަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުން ކޮށްގެން، އަތްލުމުގެ ބަދަލުގައި ވާހަކަދައްކައިގެން ކަންތައްތައް ކުރެވޭ ވަސީލަތެކެެވެ. ސިލިކަން ވެލީގެ ކުންފުންޏެއް ކަމަށްވާ "ސްމާޓް ބީންގްސް އިންކް" އިން ތައްޔާރު ކޮށްފައިވާ މި ވަސީލަތަކީ ހޮސްޕިޓާލިޓީ ދާއިރާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އުފެއްދުމެކެވެ.

ގިނަ އެވޯޑުތައްް ހާސިލްކޮށްފައިވާ މި އުފެއްދުން ދިރާގުން ރާއްޖެއަށް ތައާރަފު ކުރަނީ "ސްމާޓް ބީންގްސް އިންކް" އާއި "ލިއާ އިންކް"އާ ގުޅިގެންނެވެ.

ވޫހޫގެ ވޮއިސް އޭއައި އެސިސްޓެންޓުންގެ ސްޕީކަރުން ރިސޯޓުގެ ގެސްޓުންނަށް، ޑިވައިސްއާ ވާހަކަ ދައްކައިގެން ބޭނުންވާ ކަންތައްތައް ފަސޭހަކަމައެކު ކުރެވޭނެ އެވެ. މީގެ ތެރޭގައި ރޫމް ސާވިސް އަށް އޯޑަރުކުރުމާއި މިއުޒިކާއި ކޮޓަރީގެ ޓެމްޕަރޭޗާ ކޮންޓްރޯލް ކުރުމުގެ އިތުރުން ރިސެޕްޝަންއަށް ގުޅުން ފަދަ ކަންތައްތައް ހިމެނެ އެވެ. ވޫހޫގައި މިހާރު 40 އަށް ވުރެ ގިނަ ހޮސްޕިޓާލިޓީ ސޮލިއުޝަންސް ހިމަނާފައިވެ އެވެ.

ދިރާގުން ތައާރަފު ކުރާ ވޫހޫ ސްޕީކަރާއި ޓެބްލެޓް--

މީގެ އިތުރުން ލިއާ އިންކް އިން ފޯރުކޮށްދޭ ވޫހޫ ތްރީޑީ ޓެބްލެޓަކީ ވޫހޫ ވޮއިސް އެސިސްޓެންޓަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ޑިވައިސްއެކެވެ. މިއީ ތްރީޑީ ލައިޑްފީލްޑް ޓެބްލެޓްގެ އެންމެ ފުރަތަމަ ޓެބެލެޓް ވެސް މެ އެވެ. މި ޓެބްލެޓް މެދުވެރިކޮށް، އަސްލާ އެއްގޮތަށް، ތްރީޑީކޮށް މަންޒަރުތަކާއި ފޮޓޯތައް ބަލައިލެވޭނެ އެވެ. އަދި މި ހާއްސަ ޓެބްލެޓް ބޭނުން ކުރުމަށް ތްރީޑީ އައިނެއް ފަދަ އެހެން އެއްޗެއް ބޭނުމެއް ނުވާނެ އެވެ. ލިއާ އިންކް އަކީ ދުނިޔޭގައި މޯބައިލް ޑިވައިސްތަކަށް ލައިޓް ފީލްޑް ޓެކްނޮލޮޖީ އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ ކުންފުންޏެވެ.

ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދައްސަރު ވިދާޅުވިގޮތުގައި މި ހިދުމަތް ވެގެންދާނީ ހޮސްޕިޓާލިޓީ ދާއިރާއަށް އިތުރު ފުރިހަމަަކަމެއް ގެނެސްދޭނެ ހިދުމަތަކަށް ކަމަށެވެ. އަދި މިއީ ކޮވިޑް-19 ފެތުރޭތީ ގައިދުރުކަން ބަހައްޓަން ޖެހިފައިވާ މި ދުވަސްވަރަށް މުހިންމު ވަސީލަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.