ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދު އެކުލަވާލައިފި

ޕްރޮކިއުމެންޓާ ގުޅޭ ސިޔާސަތުތައް އެކުލަވައިލައި ތަންފީޒުކޮށް، ނިޒާމު ހަރުދަނާކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދު އެކުލަވާލައިފި އެވެ.


ހަތް މެމްބަރުން ހިމެނޭ ގޮތަށް ރައީސް މި ބޯޑު އެކުލަވާލެއްވީ މިދިޔަ މާޗު މަހުގަ އެވެ. މި ބޯޑުގެ ޗެއާޕާސަނަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން ހަ މެމްބަރުން ރައީސް ވަނީ އައްޔަން ކުރައްވައިފަ އެވެ.

ބޯޑުގެ މެމްބަރުން

- ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ޗެއާޕާސަން)

- އަހްމަދު ޝަރީފް

- މުހައްމަދު އިބްރާހިމް ނައީމް

- މުހައްމަދު ޝިިފާޒް އަލީ

- އަޖުވަދު މުސްތަފާ

- ޑރ. މުހައްމަދު އާދިލް

- ޝުހާދު އިބްރާހިމް

ބޯޑުގެ ހިންގާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ބޯޑަށް މެމްބަރުން އައްޔަން ކުރެވޭނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މި ހަފްތާގައި ގެެޒެޓް ކޮށްފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ގޮތެއްގައި ރާވައި ހިންގަން ހަދަން ޖެހޭ ހުރިހާ ގާނޫނާއި ގަވާއިދުތައް ބޯޑުން އެކުލަވައިލަން ޖެހޭނެ އެވެ. އަދި ދައުލަތުގެ ޕްރޮކިއުމަންޓުގެ ތެރެއިން ކުރަނީ އެކުރާ ހަރަދަކާ އަޅާބަލާއިރު އެކަށީގެންވާ ހިދުމަތްތަކެއް ލިބޭ ހަރަދުތަކެއްކަން ޔަގީންކުރުމާއި، އެ ހަރަދުތައް ކުރުމުގައި އިކޮނޮމިކް އެފިޝަންސީ ހާސިލުކުރެވޭނެ އުސޫލުތަކެއް ވެސް ބޯޑުން ކަނޑައަޅަން ޖެހެ އެވެ.

މީގެ އިތުރުން ބީލަންވެރިންނަށް ދެ ފުށް ފެންނަ ގޮތަށް ވާދަވެރި ނިޒާމެއް ގާއިމުކޮށް އެންމެނަށް ވެސް ބީލަމުގެ މަރުހަލާގައި ބައިވެރިވެވޭ ގޮތް ބޯޑުން ހަދަން ޖެހޭނެ އެވެ. އެގޮތުން، ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ކުރިއަށްގެންދާ ބީލަންތައް އެއް ހަމައަކުން ކުރިއަށް ގެންދަން ޖެހެ އެވެ.