މައިކްރޮސޮފްޓްގެ އާ ދެ ކޮންސޯލް ނޮވެމްބަރު 10 ގައި ނެރެނީ

ވީޑިއޯ ގޭމް ކުޅޭ މީހުންނަށް ހާއްސަކޮށްގެން މައިކްރޮސޮފްޓުން ނެރޭ އާ ކޮންސޯލް އެކްސްބޮކްސް ސީރީޒް އެކްސް އަންނަ ނޮވެމްބަރު މަހުގެ 10 ގައި ނެރެން ނިންމައިފި އެވެ.


ނެރޭ ތާރީހާ އެކު އެންމެ ފުރަތަމަ ނެރޭ މާކެޓްތަކުގައި ވިއްކާނެ އަގު ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެމެރިކާގައި 499 ޑޮލަރަށް ވިއްކަން ހަމަޖެހިފައިވާ އިރު، އިނގިރޭސިވިލާތުގައި ވިއްކާނީ 449.99 ޕައުންޑް (585.02 ޑޮލަރު) އެވެ. އާ ކޮންސޯލްގެ ޕްރި-އޯޑަރަށް ހުޅުވައިލަން ހަމަޖެހިފައި ވަނީ މި މަހުގެ 22 ގަ އެވެ.

ސީރިޒް އެކްސްއާ އެކު ނޮވެމްބަރު 10 ގައި އަގުހެޔޮ ވާޝަން ސީރީޒް އެސް ވެސް ނެރެން ވަނީ ނިންމައިފަ އެވެ. އޭގެ އަގުތަކަށް ބަލާ އިރު އެމެރިކާގެ މާކެޓްގައި ވިއްކާނީ 299 ޑޮލަރަށެވެ. އަދި އިނގިރޭސި މާކެޓްގެ އަގަކީ 249.99 ޕައުންޑް (325.06 ޑޮލަރު) އަށެވެ.

މައިކްރޮސޮފްޓުން ބުނިގޮތުގައި ސީރީޒް އެސް އަކީ ވެސް ސީރީޒް އެކްސް ކޮންސޯލާ ދާދި އެއްކަހަލަ ޓެކްނޮލޮޖީއެއް އެކުލެވޭނެ އެއްޗެކެވެ. އެކަމަކު ދެ ސީރީޒްގެ ފަފޯމަންސްގައި އަގާ އެއްގޮތަށް ފަރަގުތަކެއް ހުންނާނެ ކަމަށް ބުންޏެވެ. މި ކޮންސޯލްގެ މަސައްކަތް ކުރިއަށް ގެންދިޔައީ "ޕްރޮޖެކްޓް ލޮކްހާޓް" ގެ ނަމުގަ އެބެ. އަދި މިއީ އެކްސްބޮކްސްގެ ހަތަރު ވަނަ ޖީލުގެ ކޮންސޯލެވެ.

"ދެ ކޮންސޯލެއްގެ މަސައްކަތް އެކުއެކީގައި ކުރިއަށް ގެންދިޔަ އިރު ސީރީޒް އެކްސްވެގެން ދާނެ މިހާތަނަށް ނެރޭ އެކްސްބޮކްސްގެ އެންމެ ވަރުގަދަ އެއްޗަށް،" އެކްސްބޮކްސްގެ ހެޑް ފިލް ސްޕެންސާ ވިދާޅުވި އެވެ. "ހަމަމިއާ އެކު ލިބޭ އަނެއް ހިތްހަމަޖެހުމަކީ އަގުގެ ގޮތުން ގިނަ ބަޔަކަށް އަތްފޯރާނެ އެއްޗެއްގެ ގޮތުގައި ސީރިޒް އެކްސް ވެސް ނެރުން."

މައިކްރޮސޮފްޓުން ބުނިގޮތުގައި ދެ ކޮންސޯލް ވެސް "އެކްސްބޮކްސް އޯލް އެކްސެސް" ޕްރޮގްރާމްގެ ތެރެއިން ލިބޭނެ އެވެ. އަދި މަހުން މަހަށް އަގު ދައްކާ ގޮތަށް ދެ ކޮންސޯލަށް ވެސް އެކްސްބޮކްސް ގޭމް ޕާސް އަލްޓިމޭޓް ސަބްކްރިޕްޝަން ލިބޭނެ އެވެ. އެއީ 24 މަހަށް 20.99 ޕައުންޑް (27.30 ޑޮލަރު) އިން އަގު ފެށޭ ގޮތަށެވެ.

އެކަމަކު "އެކްސްބޮކްސް އޯލް އެކްސެސް" ޕްރޮގްރާމް ފުރަތަމަ ލިބޭނީ 12 ގައުމަކަށެވެ. އަދި އަންނަ އަހަރު އެ އަދަދު އިތުރުކުރަމުންދާނެ ކަމަށް މައިކްރޮސޮފްޓުން ބުންޏެވެ.