ޓެކް ދާއިރާ އިން އެމެރިކާ ފަހަތަށް ޖައްސާލައި، ޗައިނާ ކުރި ހޯދައިފާނެ: އެރިކް ޝްމިޓް

ޗައިނާ އިން ޓެކްނޮލޮޖީގެ ދާއިރާ އަށް ކުރަމުން އަންނަ އިންވެސްޓްމަންޓްތަކާއި އެ ދާއިރާގެ ރިސާޗަށް ކުރާ މަސައްކަތްތަކާއި އުފެއްދުންތެރިކަމުގެ ގޮތުން ހޯދާ ކުރިއެރުންތަކާ އެއްވަރަށް މިހާރު އެމެރިކާ އަށް މަސައްކަތް ނުކުރެވޭ ކަމަށާއި އޭގެ ނަތީޖާ އަކީ އެމެރިކާ އަށް ޓެކް ދާއިރާގެ ކުރި ގެއްލުމުން ކަމަށް އެ ދާއިރާގެ ތަޖުރިބާކާރު އެރިކް ސްމިޓް ވިދާޅުވި އެވެ.


ކުރިން ގޫގުލްގެ އިސް މަގާމުތަކެއް އަދާކުރެއްވި އަދި މިހާރު އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްގެ ޑިފެންސް އިނޮވޭޝަން އެންޑް އެޑްވައިޒަރީ ބޯޑްގެ ޗެއާގެ މަގާމު އަދާކުރައްވާ އެރިކް ބީބީސީގެ "ޓޯކިން ބިޒްނެސް އޭޝިއާ" ޕްރޮގްރާމްގައ ވިދާޅުވީ ޗައިނާ އަންނަނީ ޓެކް ދާއިރާ އިން ހީ ވެސް ނުކުރާ ވަރުގެ ބޮޑެތި ކުރިއެރުންތަކެއް ވަރަށް އަވަސް ސްޕީޑްގައި ހޯދަމުން ކަމަށެވެ. އަދި އެ ގައުމުގެ އެންމެ ހާއްސަ އެއް ކަމަކީ ޓެކް ދާއިރާ އަށް ބޮޑު އަދަދުތަކުން އިންވެސްޓްކުރުން ކަމަށް ވިދާޅުވި އެވެ.

އެރިކް ފާހަގަކުރެއްވި ގޮތުގައި ޗައިނާގެ ވާވޭ އަށް އެކަނި ބެލިޔަސް އެ ކުންފުނިން އަންނަނީ ބޮޑެތި އިންވެސްޓްމަންޓްތަކާއި ރިސާޗްތައް ހަދަމުންނެވެ. ވާވޭ އިން މިހާރު ވެސް ރިސާޗާއި ޑިވެލޮޕްމަންޓް (އާރްއެންޑްޑީ) އަށް 20 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ މިއީ މި ދާއިރާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ.

"ޗައިނާ ހޯދަމުން އަންނަ ކުރިއެރުންތަކަށް ބަލާ އިރު އެމެރިކާ އަށް ހަގީގަތުގައި މަސައްކަތްކުރަން ޖެހޭ ވަރަކަށް އަދި ޓެކް ދާއިރާ އަށް ފޯކަސްކުރަން ޖެހޭ ވަރަކަށް ނުކުރެވޭ. އޭގެ މާނަ އަކީ ޓެކް ސުޕްރީމަސީ އެމެރިކާ އަށް ގެއްލުމުގެ ފުރުސަތު އެބައޮތޭ." އެރިކް

"ޗައިނާ ހޯދަމުން އަންނަ ކުރިއެރުންތަކަށް ބަލާއިރު އެމެރިކާ އަށް ހަގީގަތުގައި މަސައްކަތްކުރަން ޖެހޭ ވަރަކަށް އަދި ޓެކް ދާއިރާ އަށް ފޯކަސްކުރަން ޖެހޭ ވަރަކަށް ނުކުރެވޭ. އޭގެ މާނަ އަކީ ޓެކް ސުޕްރީމަސީ އެމެރިކާ އަށް ގެއްލުމުގެ ފުރުސަތު އެބައޮތޭ،" އެރިކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން އެމެރިކާ އިން ޓެކް ދާއިރާ އަށް ވަރަށް ބޮޑު އިސްކަމެއް ދިން ނަމަވެސް އެކަން މިހާރު ބޮޑުތަނުން ވަޅު ޖެހިފައިވެ އެވެ. އަދި އަމިއްލަ ކެރިއަރުގައި ވެސް އެމެރިކާގެ ޓެކް ދާއިރާ އަށް މިހާ ބޮޑަށް ހީނަރުވަމުންދާ ދުވަސްތަކެއް ނުދެކޭ ކަމަށް 65 އަހަރުގެ އެރިކް ވިދާޅުވި އެވެ.

"އަދިވެސް އަހަރެމެންނަށް ވަގުތު އެބައޮތް. ޓެކް ހަނގުރާމައިގެ މައިދާނަށް ބަލާ އިރު އެމެރިކާ އަށް އަދިވެސް ބޮޑު ތަނުން ކުރިއެރުން ހޯދޭނެ. އެކަމަކު އެއީ މިކަމަށް އިސްކަންދެވޭ މިންވަރަކުން. އެހެން ނުވާ ކަމަށް ވަންޏާ ޗައިނާ އިން އެމެރިކާ ފަހަތަށް ޖައްސާލުމުގެ ފުރުސަތު ވަރަށް ބޮޑު،" އެރިކް ވިދާޅުވި އެވެ. "ފަރަގު މިހާރު ވެސް އަންނަނީ ވަރަށް ހަލުވިކޮށް ފުޅާވަމުން."

އެރިކް.

އޭނާ ވިދާޅުވީ ގޮތުގައި ރިސާޗާއި ޑިވެލޮޕްމަންޓަށް ބަލާ އިރު ޗައިނާ އަންނަނީ އާޓިފިޝަލް އިންޓެލިޖަންސް (އެއައި) އާއި 5ޖީ ނެޓްވޯކް ބިނާކުރުމުގައި ވެސް ކުރި ހޯދަމުންނެވެ.

"އަހަރެމެންގެ [އެމެރިކާގެ] އެންމެ ބޮޑު މައްސަލަ އަކީ ޓެކް ދާއިރާ އަށް މިހާރު އެކަށީގެންވާ ވަރަށް އިންވެސްޓްނުކުރުން. ގައުމީ އުފެއްދުންތެރިކުގެ ނިސްބަތް [ޖީޑީޕީ] ބަލާއިރު ވެސް އެ އަދަދު އުޅެނީ ގާތްގަނޑަކަށް ދެ ޕަސަންޓްވަރުގައި،" އެރިކް ވިދާޅުވި އެވެ. "އޭގެ މާނަ އަކީ އާރްއެންޑްޑީ އަށް ކުރެވޭ ހޭދަ ވެސް އެތައް ގުނައަކަށް ތިރިވެއްޖޭ."

އޭނާ ވިދާޅުވީ އެމެރިކާގެ ޓެކް ދާއިރާގެ ކުރި ހޯދީ މީހުން ބިނާކުރުމުގެ މަސައްތަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެންނެވެ. އެގޮތުން އެހެން ގައުމުތަކުގެ ހުނަރުވެރި މީހުންނަށް ފުރުސަތުތައް އެމެރިކާ އިން ފަހިކޮށް ދިނުމާއި ޓެކް ދާއިރާ އިން ކިޔެވުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ހަމައެކަނި އެމެރިކާ ރައްޔިތުންނަށް ބަރޯސާވެގެން ތިބެވޭކަށް ނެތް. ހުނަރާއި ގާބިލިއްޔަތާއި ވާދަވެރިކަމުގެ ރޫހުގައި މަސައްކަތްކުރާނެ އެކަށީގެންވާ މީހުންނެއް އެމެރިކާ އަކު ނެތް،" އެރިކް ވިދާޅުވި އެވެ. "އެހެންވީމާ އިންޓަނެޝަނަލް ޓެލެންޓް ވެސް އެމެރިކާ އަށް ވަރަށް މުހިއްމު."