ރަޝިޔާގެ ފްލައިޓްތައް: ޓޫރިޒަމްގެ އާ އުންމީދު

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވާލި ނަމަވެސް ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ހިތަށް ފިނިކަން ގެނެސްދޭ ވަރުގެ އަދަދަކަށް ނުވެ އެވެ. އެކަމަކު ރަޝިޔާގެ ޓޫރިސްޓުންނަށް ދަތުރުކުރެވޭނެ ތިން ގައުމުގެ ތެރޭގައި ރާއްޖެ ހިމެނި، ރަޝިޔާ އިން ޓޫރިސްޓުން އަންނަން ފެށުން ވެގެން މިދަނީ، ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އާ އުންމީދަކަށެވެ.


ރަޝިއާގެ އެންމެ ބޮޑު އެއާލައިން އެއިރޯފްލޮޓްގެ ދަތުރުތައް މިދިޔަ ހުކުރު ދުވަހު ރާއްޖެ އަށް ވަނީ ފަށައިފަ އެވެ. ރާއްޖޭގެ ޓޫރިޒަމް އޮކިއުޕަންސީ 10 ޕަސެންޓަށް ވެއްޓިފައިވާ އިރު، ރަޝިޔާގެ ޓޫރިސްޓުންނާ އެކު ބައެއް ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު މިހާރު ވެސް ވަނީ އުފުލެން ފަށައިފަ އެވެ.

ރ. ފުރަވެރި އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ "މިހާރު" އަށް ވިދާޅުވިގޮތުގައި ފާއިތުވި ދެ ދުވަސް ތެރޭގައި އެ ރިސޯޓުގެ އޮކިއުޕެންސީ ވަނީ ދެ ޕަސެންޓް އިތުރުވެފަ އެވެ. އެއީ ރަޝިއާގެ ފްލައިޓު ފެށުމާ ގުޅިގެން އައި ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ރަޝިއާގެ މާކެޓަކީ އަބަދު ވެސް ރާއްޖޭގެ ޓޫރިޒަމަށް މުހިންމު މާކެޓެކެވެ. އެގޮތުން، އެ ގައުމުން އަންނަ ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާ ދުވަސްތައް އެވްރެޖުކޮށް އެހެން ޓޫރިސްޓުންނަށް ވުރެ އިތުރުވެފައި، ކުރާ ހަރަދު ވެސް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރަޝިއާގެ ދަތުރުތައް އަދި ކިރިޔާ ފެށީ. މިހާރު ވެސް އޭގެ ރަނގަޅު އަސަރު ކުޑަކޮށް ނަމަވެސް އެބަފެނޭ. މި ރިސޯޓުގައި މިހާރު ވެސް ރަޝިއާއިން އައި ޓޫރިސްޓުންތަކެއް އެބަތިބި. އެހެންވީމާ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ރަނގަޅުވާނެ ކަމަށް ލަފާ ކުރެވެނީ،" ހިލްމީ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން ޗުއްޓީ ހޭދަ ކުރާ ދުވަސްތައް ވަނީ ދެ ގުނައަށް އިތުރުވެފަ އެވެ. ކުރިން ހަފްތާއަކަށް އަންނަ ޓޫރިސްޓުން މިހާރު މަދުވެގެން ދެ ހަފްތާ ރާއްޖޭގައި ހޭދަ ކުރާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރަންދެލި ރިސޯޓުގެ ސީނިއާ މުވައްޒަފަކު ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން ވިދާޅުވީ ރަޝިއާގެ މާކެޓު ހުޅުވުމުގެ ސަބަބުން ކުރިއަށް ދުވަސްތަކުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުން ގިނަ ވާނެ ކަމަށެވެ. ނަމަވެސް ކޮވިޑުގެ ކަންކަން އެއްކޮށް ނުނިމެނީސް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއާ އަޅާ ބަލާއިރު ރަޝިއާއިން އަންނަ މީހުން ވެސް މަދު. އެކަމަކު މިހާރު ޑައިރެކްޓް ދަތުރުތައް ފެށުމަކީ ޓޫރިޒަމް ދާއިރާ އަށް ކުޑަ ކުރިއެރުމެއް ލިބޭނެ ކަމެއް. އެ މާކެޓަކީ ރާއްޖެ އަށް ވަރަށް މުހިންމު މާކެޓެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ރަޝިއާއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ރަޝިއާ ހިމެނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ތިން މަސްދުވަހު އެ މާކެޓުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ރިސޯޓުތަކުން އުއްމީދު ކުރެ އެވެ.

ރަޝިއާގެ ދަތުރުތަކާ އެކު މިހާރު ރިސޯޓުތަކުން އެންމެ ބޭނުން ވަނީ ޗައިނާ އާއި އިނގިރޭސިވިލާތުގެ ދަތުރުތައް ވީހާ ވެސް އަވަހަކަށް ފެށުމެވެ. މި ދެ ގައުމަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކެވެ. އެހެންކަމުން ސަރުކާރުން އަންނަނީ މި ދެ ގައުމުގެ ސަރުކާރާ ގުޅިގެން ރާއްޖެ އަށް ދަތުރުތައް ފެށުމަށް މަޝްވަރާ ކުރަމުންނެވެ.