ބޮޑު ކަންނެލީގެ މަސްވެރިންނަށް އިންކަމް ސަޕޯޓު ދޭން އެދިއްޖެ

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މީހުންގެ ތެރެއިން 5،000ރ. ނުލިބޭ މީހުންނަށް އިންކަމް ސަޕޯޓު އެލަވެންސް ލިބޭގޮތް ހަދައިދިނުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން އެދިއްޖެ އެވެ.


އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އޭޕްރިލް މަހުން ފެށިގެން ބޮޑު ކަންނެލި ގަންނަމުން އަންނަނީ 35ރ. އިން ދަށް އަގުތަކެއްގައި ކަމަށެވެ. އެހެންކަމުން ގިނަ އަދަދެއްގެ މަސްވެރިންނަށް އެވްރެޖުކޮށް މަހެއްގެ މައްޗަށް 5000ރ. ނުލިބޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނީ ސަރުކާރުން މަސް ގަންނަ ފަރާތްތަކަށް، މަސް ގަތުމަށް ފައިސާ ދޫކޮށްފައިވާތީ މަސްވެރިންނަށް އިންކަމް ސަޕޯޓު ނުލިބޭގޮތަށް ނިންމާފައިވާތީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމަށެވެ. އަދި ވީހާ ވެސް އަވަހަށް މިކަން ހައްލުކޮށް ބޮޑު ކަންނެލީގެ މަސްވެރިންނަށް ވެސް އެ އެލަވެންސް ލިބޭގޮތް ހަދައި ދިނުމަށް އެ ޔޫނިއަނުން އެދެ އެވެ.

"ސަރުކާރުގެ ފަރާތުން ކޮވިޑް 19 ގައި މަސްގަންނަ ފަރާތްތަކަށް މަސްގަތުމަށް ފައިސާ ދޫކޮށްފައިވާތީ ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުން ކޮވިޑާ ގުޅިގެން އާމްދަނީ އަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޭ އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާނެ ކަމަށް ނިންމާފައިވާތީ މި ޔޫނިއަންގެ ފަރާތުން އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރަމެވެ،" ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ބަޔާނުގައި ބުންޏެވެ.

ކަންނެލި ގަންނަ އަގު މިދިޔަ އަހަރާ އަޅާ ބަލާއިރު 30 ޕަސެންޓު ދަށްވެފައިވާ ކަމަށް ކަންނެލި ގަންނަ ކުންފުންޏެއް ކަމަށްވާ ބިގް ފިޝް އިން ވެސް ވަނީ ބުނެފަ އެވެ. ރާއްޖޭގައި މި ވަގުތު ދަށް އަގުގައި ކަންނެލި ގަންނަން ޖެހެނީ ކޮވިޑް-19 ގެ ސަބަބުން އެއާފްރެއިޓުގެ އަގު 74 ޕަސެންޓު އިތުރުވެފައިވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން މިދިޔަ އަހަރު އެއާފްރެއިޓަށް ދިޔަ ހަރަދަކީ ބޭރަށް މަސް ވިއްކި އަގުގެ 23 ޕަސެންޓަށް ވާއިރު މިހާރު މަހުގެ އަގާ އެއްވަރަށް ފްރެއިޓް ނަގާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ މަސް ގަންނަ ކުންފުނިތަކުގައި ހުރި މިފަދަ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ވެސް ސަރުކާރަށް ގޮވާލައިފަ އެވެ.