ބޭސްފަރުވާއަށް ދާ މީހުންނާއި ދަރިވަރުންނަށް ކާޑު ލިމިޓު އިތުރުކޮށްދޭނަން: ބީއެމްއެލް

ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު ލިމިޓު ކުރި ނަމަވެސް ބޭސްފަރުވާއަށް ބޭރަށް ދާ މީހުންނާއި ދަރިވަރުންނަށް ލިމިޓް އިތުރު ކުރެވޭނެ ކަމަށް ބީއެމްއެލުން މިއަދު ބުނެފި އެވެ.


ބޭންކުން ބުނީ މިގޮތަށް ލިމިޓު އިތުރުކުރަން ބޭނުންވާ މީހުންނަށް މިހާރު އޮންލައިންކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށެވެ. އިންޓަނެޓް ބޭންކިންގެ ސާވިސް ޓައިޕް މެނޫގައި ހިމެނޭ "ޓެމްޕޮރަރީ ކާޑް ލިމިޓް" ހިޔާރުކުރުމަށް ފަހު ވީސާގެ ކޮޕީއަކާ އެކު ބޭންކަށް ހުށަހެޅޭނެ އެވެ. މި ލިޔުން ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށް ފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބޭންކުން ބުނީ މީގެ އިތުރުން މިހާރެކޭ އެއްގޮތަށް ކޮލެޖާއި ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެ ކަމަށެވެ.

ކާޑުން މުއާމަލާތް ކުރެވޭ އަދަދަށް ބީއެމްއެލުން ގެނައި ބަދަލާއެކު، އެ ބޭންކުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް ހޭދަ ކުރެވޭނީ 250 ޑޮލަރެވެ. ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ހޭދަކުރެވޭނީ 750 ޑޮލަރެވެ.

ބޭންކުން ބުނި ގޮތުގައި މި ބަދަލަކީ ރާއްޖެ އިން ބޭރުވާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމު ހޯދުމަށް ދައްކަންޖެހޭ ފައިސާ އަށް އިސްކަންދިނުމުގެ ފިޔަވަޅު އަޅަން މަޖުބޫރުވުމުން ގެނައި ބަދަލެކެވެ. ނަމަވެސް މިކަމުގެ ސަބަބުން ބޭންކުގެ 95 ޕަސެންޓު ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް ބޭންކުން ބުންޏެވެ.

ދިވެހި ރުފިޔާ އެކައުންޓުން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދުތަކަށް ބަދަލު ގެނައި ނަމަވެސް ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބީއެމްއެލްގެ ޔޫއެސް ޑޮލަރު ބުކިން ޕޯޓަލް މެދުވެރިކޮށް މިހާރެކޭ އެއްގޮތަށް ކޮންމެ މީހަކަށް 500 ޑޮލަރު ގަނެވޭނެ އެވެ. އަދި ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2،000 ޑޮަލަރު ނެގޭނެ އެވެ.