އުރީދޫ ސުޕަނެޓްގެ ހިދުމަތް ނައިފަރަށް

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ޅ. ނައިފަރަށް ތައާރަފުކޮށްފި އެވެ.


މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު ކަމަށްވާ 100 އެމްބީޕީއެސްއާ ހަމަ އަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ އިންޓަނެޓަށް ބަރޯސާވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ފޯރުކޮށްދެވޭ ހިދުމަތެއް ތައާރަފު ކުރެވުމަކީ ކުންފުންޏަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި ނައިފަރަށް ތައާރަފުކުރި މި ހިދުމަތުގެ ސަބަބުން އެންމެ ހެޔޮއަގުގައި، އިންޓަނެޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަތޭކަ އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނައިފަރުގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓްގެ ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތްތަނުގައި ވެސް ދިވެހި ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.