އެޕަލް އިންޑިއާގެ އޮންލައިން ފިހާރަ ހުޅުވުން މި މަހުގެ 23 ގައި

މަޝްހޫރު އެޕަލް ކުންފުނީގެ އޮންލައިން ފިހާރައެއް މި މަހުގެ 23 ގައި އިންޑިއާގައި ލޯންޗްކުރަން ނިންމައި، އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައްވެއްޖެ އެވެ.


އެޕަލްގެ އުފެއްދުންތަކަށް ބޮޑު މާކެޓެއް އޮންނަ އަދި މި ފަހަކަށް އައިސް އެޕަލްގެ ވިޔަފާރިތައް ފުޅާކުރަމުން އަންނަ އިންޑިއާގައި އޮންލައިން ފިހާރައެއް ހުޅުވާކަން އިއުލާންކުރީ މި އަހަރުގެ ކުރީކޮޅު އެވެ. އިންޑިއާ އަކީ ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮތް ގައުމެވެ.

މި މަހުގެ 23 ވަނަ ދުވަހު އޮންލައިން ފިހާރަ ހުޅުވާތީ އެކަމާ ގުޅުވައިގެން އެޕަލްފެ ސީއީއޯ ޓިމް ކުކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމުން އިންޑިއާގެ މާކެޓްގައި އެޕަލްގެ މަސައްކަތްތަކާއި ހިދުމަތް ފުޅާވެގެން ދާނެ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އެޕަލްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޑެއިޑްރީ އޯ ބްރީން ވިދާޅުވީ އެޕަލްގެ އިންޑިއާގެ އޮންލައިން ފިހާރަވެގެން ދާނީ އެ ކުންފުނީގެ އެތައް އުފެއްދުމަކާއި ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފަސޭހައިން ފޯރުކޮށްދެވޭނެ ޕްލެޓްފޯމެއް ކަމަށެވެ.

"އަހަރެމެންގެ ކަސްޓަމަރުންނާ ވީހާ ވެސް ގާތަށް ގޮސް ހިދުމަތްތައް ވީހާ ވެސް ފަސޭހައިން އަވަސްކޮށް ހޯދޭނެ ގޮތްވުމަކީ އެޕަލް އިން އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް." ބްރީން ވިދާޅުވި އެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ކުރީގައި ގުނަލައިލެވޭ އެޕަލްގެ އޮންލައިން ފިހާރައެއް އިންޑިއާގައި ހުޅުވަން ނިންމި އިރު އެ ކުންފުނީގެ ބައެއް ސީރީޒްތަކުގެ ފޯނުތައް ވެސް އިންޑިއާގައި އުފެއްދުމުގެ މަސައްކަތް ވަރަށް ފަހުން ފަށާފައިވެ އެވެ.

ވިޔަފާރީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެޕަލް ނިސްބަތްވާ އެމެރިކާ އާއި ޗައިނާއާ ދެމެދު ބޮޑެތި ކޯޅުންތަކެއް އޮންނާތީ އެޕަލްގެ ފޯކަސް މިހާރު ހުރީ އިންޑިއާއަށެވެ.