ވިޔަފާރި / ދިރާގު

ކޮވިޑް ބަލިމަޑުކަމުގައި ދިރާގުގެ އެހީ އެތައް ގޮތަކުން

ދިރާގުން ހަދިޔާ ކުރި ކިއޮސްކު ބޭނުންކޮށްގެން ކޮވިޑް ސާމްޕަލް ނަގަނީ-- ފޮޓޯ: ދިރާގު

01 އޮކްޓޯބަރ 2020

1 comments
angry icon 71%

ކޮވިޑް-19 އަކީ ހުރިހާ ދާއިރާއަކަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވި ހާލަތެކެވެ. މަސައްކަތުގެ މާހައުލުން ފެށިގެން ވިޔަފާރިކުރުމާ ހަމައަށް، ތަފާތު ހިދުމަތް ހޯދުމުން ފެށިގެން، ތައުލީމީ ދާއިރާއިން ވެސް ފެނުނީ، އެކި މީހުންނާ ބައްދަލުނުވެ، ކަންކަން ކުރުމުގެ ފިޔަވަޅުތަކެވެ. ކުރިން ނަމަ މިފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަކަށް އެކަކު ވެސް ހިއެއްނުކުރާނެ އެވެ. ނަސީބަކުން މި ބޮޑު ބަދަލާ ކުރިމަތިލެވޭ ވަރަށް ޓެކްނޮލޮޖީ އޮތީ ކުރިއަރައިފަ އެވެ. ޚާއްސަކޮށް މުވާސަލާތީ ޚިދުމަތްތަކެވެ.

މިދިއަ ހަ މަސް ދުވަހު، މާލޭ ސަރަހައްދުގެ އާންމުން އުޅެމުން މި އަންނަނީ ގައިދުރުކުރުމާއި ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ދުވަސްތަކެއްގަ އެވެ. ދިރާގުން ފަހިކޮށްދިނީ އެކަމަށް ފަސޭހަ މަގުތަކެވެ. އެތައް ބަޔަކަށް ދިރާގުގެ އެހީތެރިކަމާއި އަޅާލުން ލިބުނެވެ. ބައްޔަށް ހޭލުންތެރިކުރަން އެޗުޕީއޭ އިން ފެށި ބޮޑު ކެމްޕޭންގައި ދިރާގުގެ އިސްތިހާރު ބޯޑުތައް އެކަމަށް ހުސްކޮށްލަދިނެވެ. މާލޭގެ އެކި ހިސާބުތަކުގައި ހުރި 36 ބޯޑުގައި ދައުރުވަމުން ދިޔައީ ކޮވިޑް-19ގެ ހޭލުންތެރިކުރުވުމުގެ މެސެޖްތަކެވެ.

މޮބައިލް ފޯނުގެ ފަސޭހަތަކުން، އެޗުޕީއޭއަށް ނެގެން އޮތް އެޑްވާންޓޭޖްތަކުގައި ދިރާގުން ބައިވެރިވީ ވަރަށް ފުރިހަމައަށެވެ. ދިރާގުގެ އެތައް ހާސް ކަސްޓަމަރުންނަށް، އެސްއެމްއެސް މެދުވެރިކޮށް، ބަލީގެ ހާލަތާއި އާންމުން ރައްކާތެރިވާން ޖެހޭ ކަންކަމާ ގުޅޭ ގޮތުން އެޗުޕީއޭ އިން ދޭން ބޭނުންވާ މެސެޖްތައް ވަގުތުން ފޯރުކޮށްދެ އެވެ. ދިރާގުގެ ހިދުމަތް ރާއްޖޭގެ އެތައް ލައްކަ ބަޔަކު ބޭނުންކުރާ އިރު މިއީ ކޮވިޑް-19އާ ދެކޮޅު ހަނގުރާމައިގައި، ދިރާގުން އަމަލީ ގޮތުން ބައިވެރިވެ، ރައްޔިތުންނަށް ވަގުތުން ވަގުތަށް ބޭނުންވާ މައުލޫމާތު ގެންގޮސްދިނުމުގެ މުހިންމު މަސައްކަތެކެވެ.

ނިއު ނޯމްލަގައި މާލެ ސަރަހައްދުގައި މިހާރު ވެސް ކިޔެވުން ކުރިއަށް ގެންދަނީ އޮންލައިންކޮށް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ތަންތަނަށް މީހުން ޖަމާވުން ކުޑަކުރުމަކީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ އެންމެ މުހިންމު އެއް ފިޔަވަޅެވެ. ޚިދުމަތް ހޯދަން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ދިރާގުގެ އޮފީސްތަކާއި ޕާޓްނަރުންގެ އޮފީސްތަކަށް ވެސް ދެ އެވެ. އެކަމަކު ކޮވިޑް-19އާ އެކު ދިރާގުން ވެސް ޚިދުމަތުގެ ވައްޓަފާޅި ބަދަލުކޮށްލި އެވެ. އެގޮތުން ބިލް ދެއްކުމާއި ހިދުމަތްތަކަށް އެދުމުގެ ހުރިހާ ކަމެއް، ދިރާގުމައިއެކައުންޓާއި ދިރާގުގެ މޮބައިލް އެޕް ބޭނުންކޮށްގެން ކުރިއަށް ގެންދަން ހިތްވަރު ދިނެވެ. އޭގެ ނަތީޖާއަކީ ކުރިއަށް ވުރެ ގިނަ މީހުން އެ ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތް ލިބިގަތުމުގެ އާދައިގެ ތެރެއަށް ވަދެވުމެވެ.

މިދިއަ ހަ މަސް ދުވަހު ދިރާގުން ހަމައެކަނި ބައިވެރިވީ ހޭލުންތެރިކުރުވުމުގެ މަސައްކަތުގައި އެކަންޏެއް ނޫނެވެ. އަދި ފަސޭހަކޮށްދިނުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިޔައީ ހަމައެކަނި އެ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެންނެއް ނޫނެވެ. އޭގެ އިތުރުން މުޖުތަމައުގެ އެކި ބޭނުންތަކުގައި ދިރާގުން ވަނީ އަމަލީ ގޮތުން ބައިވެރިވެފަ އެވެ. މިސާލެއް ނަގާ ކަމަށް ވަންޏާ ކޮވިޑް-19ގެ ސަބަބުން އެންމެ ހާލުގައި ޖެހުނު ކުދިންނާއި އާއިލާތަކަށް ކާނާ ފޯރުކޮށްދޭން އާކް އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމް އެވެ.

ކޮވިޑްއާ ގުޅިގެން އިޖުތިމާއީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވި އެވެ. އެކި ސަބަބުތަކާ ހެދި ހާލުގައި ޖެހޭ ކުދިންނާއި މީހުންނަށް ސަރުކާރުގެ އަޅާލުން މުހިންމުވެފައި، އެފަދަ ފަރާތްތަކުގެ މައުލޫމާތު ރަނގަޅަށް ލިބޭނެ ގޮތް ހެދުން ވެސް އޮތީ އަވަސް މަސައްކަތަކަށް ވެފަ އެވެ. މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް، މުވާސަލާތީ ގޮތުން ދިރާގުން އެހީގެ އަތް ދިއްކޮށްލީ، އާންމުންނާއި މިނިސްޓްރީއާ ފަސޭހައިން ގުޅޭނެ ގޮތް ހަދައިދޭން ގާއިމްކޮށްދިން ހިލޭ ގުޅޭ ނަންބަރު 1421 މެދުވެރިކޮށެވެ.

ގައިދުރުކަން މަތީ ތިބެގެން ކޮވިޑް ޓެސްޓްކުރެވޭނެ ކިއޮސްކްތަކެއް ހެލްތު މިނިސްޓްރީއަށް ހަދިޔާކުރުމުން ފެށިގެން ގޮސް، ކުޅުދުއްފުއްޓާއި ފުވައްމުލަކުގައި ގާއިމްކުރި ކަރަންޓީން ފެސިލިޓީޒްތަކަށް ހިލޭ އިންޓަނެޓް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ ވެސް، ކޮވިޑްގެ ތެރޭގައި ދިރާގުގެ އެހީއެކެވެ.

ކޮވިޑް-19 އިން ހަމައެކަނި އިންސާނުންގެ ދިރިއުޅުން ދުރުކުރުވީކީ ނޫނެވެ. އެ ބަލިކަމުގެ ނުބައި އަސަރު ދެ ޖިންސްގެ މީހުންނަށް ތަފާތު ދަރަޖައެއްގައި ފޯރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އޭޝިއާ އާއި ޕެސިފިކްގެ ގައުމުތަކުގައި ދެ ޖިންސްގެ މީހުންނަށް ބަލިމަޑުކަމުގެ އަސަރުކުރި ގޮތްތައް ދެނެގަތުމަށް ޔޫއެން ވުމެންގެ ފަރާތުން ކުރިއަށް ގެންދިޔަ ރެޕިޑް އެސެސްމެންޓް ސާވޭއަށް ދިރާގުން އެހީތެރިވެދިނެވެ.

މި އަހަރުގެ ރޯދަ މަސް ކުރިމަތިވީ މާލެ ސަރަހައްދު ލޮކްޑައުންގައި އޮއްވަ އެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީ ހުއްޓުމުން ހާލުގައި ޖެހުނު މީހުންގެ އަދަދު މައްޗެވެ. ކެއިންބުއިމުގެ ކަންކަން ހަމަނުޖެއްސޭ މިންވަރަށް ވެސް ބައެއް މީހުންގެ ހާލަތު ދަށަށް ދިޔަ އެވެ. އެކަމަކު އެފަދަ މީހުންނަށް އެހީތެރިވާން އެކި ފަރާތްތަކުން ވަރަށް ބުރަކޮށް މަސައްކަތްކުރި އެވެ. އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އާއި ނެޝަނަލް ބޯޓިން އެސޯސިއޭޝަނުން ކުރި މަސައްކަތް ފާހަގަކޮށްލެވެ އެވެ. އެ ދެ ޖަމިއްޔާ ގުޅިގެން ކާނާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް، ރޯދަ މަހާއި ފިތުރު އީދާއި ހަ ރޯދައިގެ ތެރޭގައި ކުރިއަށް ގެންދިޔަ އެވެ. އެކަމުގައި ދިރާގުން ބައިވެރިވެ، އެހީތެރިވެދިނެވެ.

ކޮވިޑް-19 އަކީ މުޅި ގައުމަށް ވެސް ދިމާވި ވަރަށް ބޮޑު ޗެލެންޖެއް: ދިރާގުން ވަނީ ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދީފައި

ކޮވިޑާ އެކު ތައުލީމު އުނގަންނައިދިނުން މިދިއަ ހަ މަސްދުވަހު ބިނާވީ އިންޓަނެޓަށެވެ. ސްކޫލްތަކުން މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ އޮންލައިން ކްލާސްތަކެވެ. މިކަމުގައި ވެސް އެންމެ ބޮޑަށް އެހީތެރިކަން ބޭނުން ފަރާތްތަކަށް ދިރާގުގެ އެހީ ލިބުނެވެ. އޭގެ ތެރެއިން އެއް ބަޔަކީ، ސަރުކާރުން ބަލަހައްޓަމުން އަންނަ ކުދިން ތިބޭ ހުޅުމާލޭ "ފިޔަވަތި" އެވެ. ދިރާގުން ވަނީ އެތަނުގައި ވައިފައިކޮށް ކިޔަވައިދެވޭ ގޮތަށް ހަތަރު ކްލާސް ރޫމް ތައްޔާރުކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިން ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި ދައްކައިދެމުން އަންނަނީ އެހީތެރިވެދީގެން އެއް ބަޔަކު އަނެއް ބަޔަކަށް އަޅާލުމުގެ ސިފަތަކެކެވެ. އޭގެ ސަބަބުން ބަލިމަޑުކަމުގެ އުނދަގޫތައް އެތައް ބަޔަކަށް ލުއިކޮށްދެވެ އެވެ. ހިތްހަމަޖެހުންތަކެއް ގެނެސްދެ އެވެ.

1 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެއްޔާ ގެ އައްލާ

02 October 2020

އެއީ އިންޓަނެޓް ލައިނެއް ލުމުން ރައުޓާގެ ފީ މަހުން މަހަށް ބެހީމަ ވެސް 3.5 އަހަރު ވީ އިރުވެސް ރައުޓާގެ ފީދައްކާ ނުނިމޭތީ ދޯ؟ މަގޭ އިންޓަނެޓް ރައުޓާގެ ފީއަށް 3.5 އަހަރަށް ފީނަގާފައި ވަނީ؟ މި ދުވަސް ތަކުގެ ޖުމްލަ އަށް 18 ހާސް ރުފިޔާ އަރާ! މިއުޅެނީ ކޯޓައްދާން އެފައިސާ ހޯދަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!