އުލިގަމު ޔޮޓު މެރީނާ އާއި ސިޓީ ހޮޓާ ޕްރޮޖެކްޓް ބިޑަށް ލައިފި

ހއ. އުލިގަމުގައި ޔޮޓު މެރީނާއާ އެކު، ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.


އެ ޕްރޮޖެކްޓް ހިންގަން ބިޑު ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ކުންފުނިތަކަށް ވެސް ލިބޭނެ އެވެ. ބިޑު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ ނޮވެމްބަރު 5 ގެ ހެނދުނު 10:00 ގެ ކުރިންނެވެ. މި ބިޑާ ގުޅޭ މައުލޫމާތު ސެޝަނެއް މި މަހުގެ 22ގައި ޓޫރިޒަމް މިނިސްޓްރީގައި އޮންނާނެ އެވެ.

މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި ބިޑު ޑޮކިއުމަންޓްތައް މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ގަންނަން ހުންނާނެ އެވެ.

މި ޕްރޮޖެކްޓް ކުރިން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕަމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ޕްރޮޖެކްޓް އޮތީ ހުއްޓިފަ އެވެ. މަސައްކަތް ހުއްޓާލި އިރު ސްޓާފު އޭރިޔާގެ 80 ޕަސެންޓާއި ގެސްޓް އޭރިޔާގެ ބޮޑު ބައެއްގެ އިތުރުން ހޮޓަލުގެ އެހެން ތަންތަން ނިންމުމަށް 4.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 69.4 މިލިއަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ.

އުލިގަމަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ޔޮޓު ބަނދަރު ކުރާ ރަށެވެ. އެހެންކަމުން އެ ރަށުގެ ޓޫރިޒަމް ކުރިއެރުވުމަށް ޔޮޓު މެރީނާއެއް ތަރައްގީ ކުރުމަކީ އެ ރަށުގެ އެންމެން ވެސް ބޭނުންވެފައި ތިބި ކަމެކެވެ.