ޖީއެސްޓީ ގަވާއިދުގެ މާއްދާއެއް ބާތިލްކުރަން ހައި ކޯޓަށް ހުށަހަޅައިފި

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ މާއްދާއެއް ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.


މުދަލާއި ޚިދުމަތު އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގަވާއިދުގެ 30 ވަނަ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ މަދަނީ އެކި ބާވަތުގެ މައްސަލަތަކުގައި ހަރަކާތްތެރިވާ ލޯ ފާމެއް ކަމަށްވާ ސީޓީއެލް ސްޓްރެޓެޖީސް އިންނެވެ. ގަވާއިދުގެ އެ މާއްދާ ބާތިލްކުރަން ހުށަހެޅީ އެ މާއްދާ އެކުލަވާލާފައިވަނީ ޖީއެސްޓީ ގާނޫނުން ދީފައި ނެތް ބާރެއްގެ ދަށުން ކަމަށް ބުނެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފެބްރުއަރީ، 2016 ގައި ޖީއެސްޓީ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން އިތުރުކުރި އެ ގަވާއިދުގެ 30 ވަނަ މާއްދާ އަކީ ގުޅުން ނެތް ދެ ފަރާތެއްގެ ދެމެދުގައި ހިނގާ މުއާމަލާތްތަކުގައި ޖީއެސްޓީ ނެގުމުގެ ބާރު މީރާ އަށް ލިބޭ މާއްދާ އެކެވެ.

ސީޓީއެލް އިން ހައި ކޯޓަށް މައްސަލަ ހުށަހެޅީ އެއީ ޖީއެސްޓީ ގާނޫނުގެ 19 ވަނަ މާއްދާއާ ޚިލާފް މާއްދާއެއް ކަމަށް ބުނެ އެވެ.

ޖީއެސްޓީ ގާނޫނުގެ 19 ވަނަ މާއްދާ ބުނާގޮތުން މީރާއަށް ގަވާއިދު ހެދޭނީ ގުޅުންހުރި ފަރާތްތަކުގެ ދެމެދުގައި ހިނގާ މުއާމަލާތްތަކުގެ އަގު ކަނޑައެޅުމަށް ކަމަށް ވެފައި، ގަވާއިދުގެ 30 ވަނަ މާއްދާއިން ގުޅުން ނެތް ފަރާތްތަކެއްގެ މެދުގައި ހިނގާ މުއާމަލާތްތަކުގެ އަގު ކަނޑައެޅޭ ގޮތަށް ހެދުމަކީ އެ ގާނޫނާ ޚިލާފް ކަމަށް ސީޓީއެލް އިން ހުށަހެޅި މައްސަލާގައިވެ އެވެ.