އެލައިޑުން ޓޫރިސްޓުންނަށް "ކޮވިޑް އިންޝޫރެންސް" ތައާރަފްކޮށްފި

ރާއްޖެ އަންނަ ޓޫރިސްޓުންނަށް އެލައިޑް އިންޝޫރެންސުން "ކޮވިޑް-19 އިންޝޫރެންސް ޕްލޭން" އެއް ތައާރަފްކޮށްފި އެވެ.


ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައިސް އިގްތިސާދު ހީނަރުވެފައި އޮތުމަށް ފަހު އަލުން ޓޫރިޒަމް އިންޑަސްޓްރީ ފަށައިގަތުމާ ދިމާކޮށް ރާއްޖޭގެ އެންމެ ބޮޑު އިންޝޫރެންސް ކުންފުނިން "އެލައިންޑްއިންބައުންޑް" އިންޝޫރެންސް ޕްލޭންތަކުގެ އަގު އުޅެނީ 25 ޑޮލަރާއި 45 ޑޮލަރާ ދެމެދުގަ އެވެ.

މުޅި ދުނިޔޭގައި ވެސް ވަރަށް މަދު ގައުމެއްގައި ނޫނީ ނެތް މި ޕްލޭންތަކުގައި ކޮވިޑް-19 ގެ ސަބަބުން އައިސޮލޭޝަން ފެސިލިޓީއެއްގައި ހުންނަން ޖެހޭ ހާލަތުގައި ދުވާލަކު 75 ޑޮލަރާއި 150 ޑޮލަރާ ދެމެދުގެ ކަވަރުކޮށްދޭ ޕްލޭންތައް ވަނީ ހަދައިފަ އެވެ.

ހަތް ދުވަހަށް ވުރެ މަދުން އަދި އެއަށްވުރެ ގިނަ ދުވަހު ތިބޭ މީހުންނަށް ވަކިން ހަތަރު ޕްލޭނެއް ވަނީ ހަދައިފަ އެވެ. މި ޕްލޭންތަކުގައި އެ ޓޫރިސްޓަކު ހުރި ތަނަކުން އެންމެ ކައިރި މެޑިކަލް ފެސިލިޓީއަކަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރުގެ ހަރަދަށް 2،000 ޑޮލަރާއި 3،000 ޑޮލަރާ ދެމެދުގެ ކަވަރޭޖެއް ލިބެ އެވެ. އަދި މެޑިކަލް އިމަޖެންސީގެ ފަރުވާތަކަށް 75،000 ޑޮލަރުން ފެށިގެން 100،000 ޑޮލަރާ ހަމަ އަށް ލިބޭނެ އެވެ. އަދި ކޮވިޑްގައި މަރުވެއްޖެ ނަމަ ޖަނާޒާގެ ކަންކަމަށް 20،000 ޑޮލަރާ ހަމަ އަށް ކަވަރޭޖް ލިބޭނެ އެވެ.

ކޮވިޑް-19ގެ ސަބަބުން ހުއްޓުމަކަށް ގެންނަން ޖެހުނު ޓޫރިޒަމް އިންޑަސްޓްރީ މަޑުމަޑުން ހިންގަން ފަށައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ. މިހާރު ހުޅުވާފައި ވަނީ ރިސޯޓްތައް އެކަންޏެވެ.

މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު އެޗްޕީއޭ އިން މިހާރު ކަނޑައަޅާފައި އޮންނަނީ ކޮވިޑް-19 އަށް ޓެސްޓްކުރުމާއި ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އައިސޮލޭޝަންގައި ބެހެއްޓުން ފަދަ ކަންކަމަށް ޓޫރިސްޓުން އަމިއްލަ އަށް ނުވަތަ އެ ޓޫރިސްޓަކު ރާއްޖެ ގެންނަ ފަރާތަކުން ހަރަދުކުރަން ޖެހޭ ގޮތަށެވެ.

އެލައިޑުން މި ޕްލޭންތައް ތައާރަފްކޮށް، ކޮށްފައިވާ ޓްވީޓެއް ރީޓްވީޓްކޮށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެލައިޑަށް ޝުކުރު އަދާކޮށްފަ އެވެ.