އެމެޒޯންގެ ޑެލިވަރީ ހިދުމަތަށް 100 ޕަސެންޓް އިލެޓްރިކް ވޭން

އޮންލައިންގެ ވިޔަފާރީގައި ރަސްކަންކުރަމުން އަންނަ އެމެރިކާގެ އެމެޒޯން ކުންފުނިން ޑެލީވަރީގެ ހިދުމަތަށް ބޭނުންކުރަން އުފެއްދި ސައްތަ އިން ސައްތަ އިލެކްޓްރިކް ވޭން ދައްކާލައިފި އެވެ.


އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ގޮތަށް އެ ވެހިކަލް އުފެއްދީ އިލެކްޓްރިކް ވެހިކަލް އުފެއްދުމުގެ ސިނާއަތަށް އަދި ވަރަށް އާ ކުންފުންޏެއްވާ ރިވިއަން އިންނެވެ. ސެންސިން އިކުއިޕްމަންޓާއި އެޑްވާންސްޑް ޑްރައިވާ-އެސިސްޓް ސިސްޓަމް ފަދަ ޓެކްނޮލޮޖީ އެކުލެވޭ އެމެޒޯންގެ ޑެލިވަރީ ވޭން ވަރަށް އަވަހަށް ބޭނުންކުރަން ފަށާނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ ކުންފުނިން ބުނި ގޮތުގައި އަމާޒަކީ 2022 އާ ހަމައަށް އަންނަ އިރު ޑެލިވަރީ އަށް އިލެޓްރިކް ވޭނުގެ 1،000 އެތި ނެރުމެވެ. އަދި 2030 އާ ހަމައަށް އަންނަ އިރު އެ އަދަދު 100،000 އަށް އިތުރުކުރުމެވެ.

އެމެޒޯންގެ ގްލޯބަލް ފްލީޓް އެންޑް ޕްރޮޑަކްޓްސް ޑިރެކްޓަރު ރޮސް ރެޗީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރިވިއަންއާ ގުޅިގެން ކަސްޓަމައިޒްގެ ޑެލިވަރީ ވެހިކަލް އުފައްދަން ނިންމީ ބަދަލެއް ގެނެސްދޭނެ އުފެއްދުމަކަށް ވާނެ ކަމަށް ގަބޫލުކޮށްގެން ކަމަށެވެ.

"އަހަރެމެން އެންމެ ބޭނުންވި ދެ ކަމަކީ މި އެއްޗެހި ދުއްވާ ޑްރައިވަރުން ވަރަށް ގަޔާވެގެން ދުއްވާ ކަހަލަ އެއްޗަކަށް ވޭން ހެދުމާ އެކު، ކަސްޓަމަރުންނަށް މުދާ ފޯރުކޮށް ދިނުމުގައި ވީހާ ވެސް ފަސޭހަކޮށް ބޭނުންކުރެވޭނެ ވެހިކަލެއް އުފެއްދުން،" ރޮސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތިމާވެއްޓާ ރައްޓެހި ޑެލިވަރީ ވޭނަކީ ރިވިއަންގެ ޒަމާނީ ޓެކްނޮލޮޖީ އެމެޒޯންގެ ލޮޖިސްޓިކް ދާއިރާގެ ތަޖުރިބާ އެކުވެގެން ވުޖޫދަށް އައި އުދެއްދުމަކަށްވާތީ 100 ޕަސެންޓް އިލެކްޓްރިކް ޑެލިވަރީ ވޭން ވާނީ އެއްގަމު މަގުން ކުރާ ޑެލިވަރީގެ ހިދުމަތުގެ ވަރަށް މުހިއްމު ބަޔަކަށެވެ.

ނަމަވެސް ވެހިކަލާ ގުޅޭ ޓެކްނިކަލް މާ ގިނަ މައުލޫމާތުތަކެއް އެމެޒޯނުން އަދި ހިއްސާއެއް ނުކުރެ އެވެ. އެކަމަކު ވެހިކަލަކީ މި ޒަމާނުގެ އިލެކްޓްރިކް ވެހިކަލްތަކުގައި ހުންނަ މައިގަނޑު މުހިއްމު ފީޗާތައް އެކުލެވޭ އެއްޗެކެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި ކެމެރާއާ އެކު ޑިޖިޓަލް ޑިސްޕްލޭ އާއި ވެހިކަލްގެ ބޭރުން 360 ޑިގްރީ ވިއު ފެނުމާއި އެމެޒޯންގެ ވޮއިސް އެސިސްޓަންޓް އެލެކްސާ ވެހިކަލްގައި ހިމެނެ އެވެ. އޭގެ ސަބަބުން ނެވިގޭޝަނާއި މޫސުމާ ބެހޭ މައުލޫމާތު ވެސް ފަސޭހައިން ހޯދޭނެ އެވެ.

އެމެޒޯންގެ ވިޔަފާރި އެންމެ ފުޅާކޮށް ހިންގާ އެއް ގައުމު ކަމަށްވާ އިންޑިއާގައި މި އަހަރުގެ ކުރީކޮޅުން ފެށިގެން އަންނަނީ އިލެކްޓްރިކް ކުރޮޅި ޑެލިވަރީ އަށް ބޭނުންކުރަމުންނެވެ.

ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް ޑެލިވަރީ އަށް ބޭނުންކުރުމަކީ 2040 އާ ހަމައަށް އަންނަ އިރު، އެމެޒޯނުން ޒީރޯ ކާބަން އަށް ވާސިލުވާން ކުރާ މަސައްކަތުގެ މުހިއްމު އެއް ބައެވެ.