މިދިޔަ މަހުގެ އާމްދަނީ 30 ޕަސެންޓް ދަށް

މިދިޔަ މަހު އާމްދަނީގެ ގޮތުގައި މީރާއިން ބަލައިގެންފައި ވަނީ 843.04 މިލިއަން ރުފިޔާ ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 30 ޕަސެންޓުގެ ދަށްވުމެއް ކަމަށް މީރާ އިން މިއަދު ބުނެފި އެވެ.


މީރާ އިން ބުނީ، މިއީ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ކޮވިޑް-19 އާ ހެދި ދަށްވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމާ ގުޅިގެން އައި ބަދަލެއް ކަމަށެވެ.

ޖީއެސްޓީ އަދި ގްރީން ޓެކްސްގެ އާމްދަނީ މިދިޔަ މަހު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މީގެ އިތުރުން ޓޫރިޒަމް ބިމު ކުލި ދެއްކުމުގެ ސުންގަޑި އިތުރުކުރުމާ ގުޅިގެން، މިދިޔަ މަހު ލިބިފައިވާ އާމްދަނީ، މީގެ ކުރީ އަހަރުގެ މި މުއްދަތާއި ބަލާއިރު މަދު ކަމަށް މީރާއިން ފާހަގަކުރެ އެވެ.

މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކްސް އެވެ. އެއީ 385.57 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. އެއީ ޖުމްލަ އާމްދަނީގެ 25.8 ޕަސެންޓު ނުވަތަ 217.16 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، ބީޕީޓީގެ ގޮތުގައި 150.13 މިލިއަން ރުފިޔާ ލިބިފައިވާއިރު ރެސިޑެންޝަލް ޕާމިޓުގެ ގޮތުގައި 21.06 މިލިއަން ރުފިޔާ އާއި މުދަލު ޒަކާތުގެ ގޮތުގައި 11.07 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 58.04 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.