ބޯޑަރުު ހުޅުވިފަހުން އެންމެ ގިނަ ފްލައިޓް މޫވްމަންޓް މިދިޔަ ހޯމަ ދުވަހު

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފްލައިޓް މޫވްމަންޓް ރެކޯޑު ކުރެވިފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.


އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނިގޮތުގައި މިދިޔަ ހޯމަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި 147 ފްލައިޓު މޫވްމަންޓް (ފްލައިޓް ޖެއްސުމާއި ފުރުން) ވަނީ ރެކޯޑުކޮށްފަ އެވެ. މީގެ ތެރޭގައި ރަންވޭގެ 39 މޫވްމަންޓާއި ސީޕްލޭންގެ 108 މޫވްމަންޓް ހިމެނެ އެވެ.

ބޯޑަރު ހުޅުވިފަހުން ވީއައިއޭގެ ފްލައިޓް މޫވްމަންޓުތައް އަންނަނީ އިތުރުވަމުންނެވެ. އަދި ދުވާލެއްގެ މައްޗަށް ރެކޯޑު ކުރެވޭ މޫވްމަންޓްތައް އިތުރުވުމަކީ ވީއައިއޭގެ އެއާ ޓްރެފިކް ރަނގަޅުވަމުން އަންނަ ކަން ދައްކުވައިދޭ ކަމެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުުން ކުރި ޓްވީޓެއް--

ކޮވިޑް-19ގެ ސަބަބުން މިދިޔަ އޭޕްރިލް މަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލީ 15 ޖުލައިގަ އެވެ. އެގޮތުން، ބޯޑަރު އަލުން ހުޅުވިފަހުން ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ވިއައިއޭއިން ވަނީ 1،488 ފްލައިޓު މޫވްމަންޓް ރެކޯޑް ކޮށްފަ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް 18،596 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ.